11 Nov 2016, 10:11
ކީރިތި ގުރުއާން ހިތުދަސް ކުރައްވައިގެން ހަ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލް ކުރައްވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ގުރުއާން ހިތުދަސް ކުރެއްވި ބޭފުޅުންނަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
މިއަހަރު އެ މެޑަލް ހާސިލް ކުރެއްވި ފުރަތަމަ ފަރާތަކީ ހއ. ދިއްދޫ، ފުނަކުރި، ބައްސާމާ ސުލައިމާނެވެ. ބައްސާމާ ގުރުއާން ހިތުދަސްކުރަން ފަށާފައިވަނީ އުމުރުން 15 އަހަރުގައި ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަން އުޅުނު އިރުގަ އެވެ. ބައްސާމާ ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި 15 ފޮތް ދަސްކުރައްވާފައެވެ. އަދި އޯލެވެލް ނިންމުމަށްފަހު ގުރުއާނާ ބެހޭ މަރުކަޒުން ހިންގި ހާފިޒުން ތަމްރީނު ކުރާ ޕްރޮގްރާމުގައި ބައިވެރިވެ ގުރުއާން އެކީގައި އެއް އަހަރު ދުވަހުގެ ތެރޭގައި ބައްސާމާ ވަނީ ހިތުދަސް ކުރައްވާފައެވެ.
އެ މެޑަލް ހާސިލް ކުރެއްވި ދެ ވަނަ ފަރާތަކީ، ދ. މީދޫ، ފެހިގެ، ސުލްތާން މުހައްމަދު ލަތީފެވެ. ސުލްތާން ވަނީ ކީރިތި ގުރުއާނާ ބެހޭ މަރުކަރުން ހިންގާ 500 ހާފިޒުން ތަމްރީން ކުރުމުގެ ކްލާހުގައި 2014 ވަނަ އަހަރުގެ މާޗް މަހު ބައިވެރިވެފައެވެ. އޭނާ ގުރުއާން ހިތުދަސްކޮށް ނިންމާލާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ސުލްތާނަކީ ސަން ފައުންޑޭޝަން އިން މިއަހަރު ދ. އަތޮޅުގައި ބޭއްވި ގުރުއާން މުބާރާތުގެ އެއްވަނަ ހާސިލް ކުރެއްވި ދަރިވަރެކެވެ.
ރޭ މެޑަލް ހާސިލް ކުރެއްވި ތިންވަނަ ފަރާތަކީ ހ. ލަކީ، ހިންނާ މުހައްމަދު އިއާޒެވެ. ހިންނާ ގުރުއާން އެއްކޮށް ހިތުދަސް ކުރައްވާފައިވަނީ އުމުރުން ފަނަރަ އަހަރުގައެވެ. ހިންނާ ގުރުއާން ހިތުދަސްކުރުމަށް ފަސޭހަ ކުރުމަށް ނިދަނީ ހިތުދަސް ކުރާ ބައި އޯޑިއޯ ޖަހައިގެންނެވެ. ގުރުއާން ހިތުދަސް ކުރުމަށް އެއްވެސް ކްލާހަކަށް ހިންނާ ގޮސްފައިނުވެއެވެ.
އައްޑޫ ސިޓީ ހިތަދޫ، އިހާ، މަރްޔަމް ހުލްމާއާއި، މައްޗަން ގޯޅި، ނާރެސް، އާލާ އަޒްމަތު ޖަމީލް ވަނީ އުމުރުން އަށް އަހަރުގައި ގުރުއާން ހިތުދަސްކުރަން ފަށާފައެވެ. ހުލްމާ ވަނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ބައިވެރިވެ މިދިޔަ އަހަރުގެ ނިޔަލަށް ގުރުއާން އެއްކޮށް ހިތުދަސް ކުރައްވާފައެވެ. އަދި އާލާ ވަނީ 2013 ވަނަ އަހަރު ގުރުއާނާ ބެހޭ މަރުކަޒުގެ 500 ހާފިޒުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވެ މިދިޔަ އަހަރުގެ މެއި މަހު ގުރުއާން ހިތުދަސްކޮށް ނިންމާފައެވެ.
ރޭ މެޑަލް ހާސިލް ކުރެއްވި އަނެއް ފަރާތަކީ ހުޅުމާލެ ފްލެޓް 6-ޖީ-4، އަހްމަދު ޝުޖާއު ޝަރީފެވެ. އޭނާ ވަނީ ތިން އަހަރު ދުވަހުގެ ތެރޭގައި 25 ފޮތް ހިތުދަސްކޮށް އަނެއް 5 ފޮތް ދެ މަސް ދުވަހުގެ ތެރޭގައި ހިތުދަސް ކުރައްވާފައެވެ.
ކީރިތި ގުރްއާން ހިތުދަސްކުރައްވާ ޙާފިޒުންނަށާއި ޙާފިޒާއިންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެލްގެ ނަމުގައި ޚާއްސަ މެޑެލެއް ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމެވީ 2014 ވަނަ އަހަރުގައެވެ.