ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ދިވެހި ރައްޔިތުންގެ މެދުގައި އޮންނަ ސިޔާސީ ފިކުރުގެ ތަފާތުކަން ކުޑަކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ގައުމީ މަސްލަހަތަކީ އެހެން ހުރިހާ ކަންކަމަކަށްވުރެ އިސްކުރަން ޖެހޭ ކަމެއް ކަމަށެވެ. ކުރެވޭ ކުށެއްގެ ސަބަބުން އަދަބު ލިބޭ އިރު އެއީ ސަރުކާރުން ކުރާ ކަމެއް ގޮތުގައި ދެކިގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު ބްރިޖް އަޅަން ބޭނުންވަނީ ކަނޑަކު ނޫން. މިއަދު ބްރިޖް އަޅަން ބޭނުން ވަނީ ސިޔާސީ ފިކުރުގެ ތަފާތުކަން ކުޑަކުރުމަށްޓަކައި އަޅަން ޖެހޭ ބްރިޖް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމީ މަސްލަހަތު އިސްކޮށްގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އާޚިރުގެ ނަތީޖާއަކަށްވާނީ ދިވެހި ދައުލަތުގެ ރައްޔިތުންނަށް ލާބަ ލިބުންކަމަށާއި އެކަންކަމުގެ ސަބަބުން މަންފާ ވާންޖެހޭނީ ހަމަ އެކަނި ސިޔާސީ ލީޑަރުންނަކަށް ނޫންކަމަށެވެ.

"އަޅުގަނޑުމެން ހަނދާން ނުހުންނަނީ ރޮނގު ހުރަސްކުރާއިރު މިކުރެވެނީ ކީއްކަން. މަސްއޫލިއްޔަތު މުޅިން ފުށޫ އަރަނީ. ލޮލަށް ފުސް ފައިބަނީ. އަޅުގަނޑުމެންގެ ސިޔާސީ ވިސްނުމާހުރެ އަޅުގަނޑުމެންނަށް އެއްފޫޓު ދުރަށް ފެނުން މުޅިން މަހްރޫމު ވެގެން މިދަނީ. އެ ދާއިރު އަޅުގަނޑުމެންނަކަށް (ސިޔާސީ ލީޑަރުން) ގަބޫލެއް ނުކުރެވޭ ދިވެހިރާއްޖޭގެ އެންމެ މުޤައްދަސް އެއްޗަކަށް ވާންވާނީ ގާނޫނީ ބާރު ހިންގުން ކަމެއް. އެކި މީހުންނަށް އެކި ކަހަލަ ހަމަޖެހުން ގެނެސްދޭން ވަކާލާތު ކުރެވެމުން މިދަނީ. އަޅުގަނޑުމެން ނުދަންނަން އެކަހަލަ އިންސާފެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން ތަހުގީގުކޮށް މައްސަލައެއްގައި މީހެއްގެ މައްޗަށް ހުކުމް އިއްވާއިރު އެކަން ކުރިއަށް ދާނީ ވަކި އެންމެނާ އެއް އުސޫލަކުން ކަމަށާއި އެއީ އުގޫބާތުގެ އިޖުރާއަތްތަކުގެ އަސާސް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އެކަން ތަހައްމަލް ނުކުރެވޭ ކަމަށް ވާނަމަ އެބޭފުޅުންނަށް ގައުމުގެ ލީޑާޝިޕް ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންހެން ބޭފުޅުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގައުމެއް ކުރިއަށް ގެންދިއުމުގައި އަންހެން ބޭފުޅުންގެ ދައުރު ބޮޑު ކަމަށެވެ. ރާއްޖެއަކީ ޒަމާނީ، ތަހުޒީބީ އިސްލާމީ އުސޫލުތަކެއްގެ މަތީގައި އޮތް ގައުމެއް ކަމަށްވާއިރު އަންހެނުން ބާރުވެރި ކުރުވުމަކީ ކުރަން ޖެހޭ ކަމެއް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިރޭގެ ހަފްލާގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ތާރީޚުގެ ތެރެއިން ކަންކަން ހިނގާފައިވާ ގޮތަށް ބަލައި އެކަންކަމަށް އަލިއަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދިވެހި ޖުމްހޫރިއްޔާގެ އަސްލު ބާނީ އަކީ ރައީސް މުހައްމަދު އަމީން ދީދީ ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ ކުރިއެރުވުމަށް އަގުހުރި ޚިދުމަތް ކުރެއްވި ވެރިއެއްކަން ފާހަގަކުރެއްވި އެވެ.

އެ ދުވަސްވަރު ރާއްޖޭގެ ހުރިހާ މަސްއޫލިއްޔަތެއް އުފުއްލަވަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވީ ނަމަވެސް މިއަދު އެކަން އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި މިހާރު މަސްއޫލިއްޔަތުތައް އުފުލާނެ ހުނަރުވެރި ދިވެހި ދަރީން ރާއްޖޭގައި އުފެދިފައި އެބަތިބި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭރު އެންމެ ބޭފުޅެއްގެ ވަށާ ޖުމްހޫރިއްޔާ އެނބުރުނީ. މުޅި ދިވެހިރާއްޖޭގެ އެންމެންގެ ރިޒްޤު އެބޭފުޅެއް މެދުވެރިވެގެން އަންނަ ކަމަށް އޭރު ދިވެި ރައްޔިތުންނަށް ގަބޫލުކުރެވިފަ އޮތީ. އެހެންވެގެން މުހައްމަދު އަމީނަށް ރަސްކަން ނުކުރެއްވުނީ. އެހެންވެގެން ދިވެހިރާއްޖޭގެ ރަސްކަން ވިރާސީ ވެރިކަމެއް ވިރާސީ ވެރިކަމަށް ބަދަލުވެގެން މިއައީ ޖުމްހޫރިއްޔާއަކަށް،" ރައީސް ވިދާޅުވިއެވެ.

މިއަހަރު ރާއްޖޭގައި ފާހަގަ ކުރަނީ ރާއްޖެގެ ދެވަނަ ޖުމްހޫރިއްޔާގެ 48 ވަނަ ޖުމްހޫރީ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި ގިނަ ދުވަހު ގައުމަށް ޚިދުމަތް ކުރެއްވި ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މިރޭގެ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލް ކުރެއްވި ހަތަރު ބޭފުޅަކަށާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލް ކުރެއްވި 22 ބޭފުޅަކަށް ވަނީ މެޑަލާއި ހަނދާނީ ފިލާ އަރުއްވާފައެވެ.