10 Nov 2016, 21:52
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ކުރިއަށްދާ ރަސްމިއްޔާތުގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމް ހަތަރު ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އަރުވައިފި އެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ފުރަތަމަ ބޭފުޅަކީ ހއ. އުތީމު، އަލިމަސް، އާދަމް އަބްދުއްރަހުމާނެވެ. އޭނާއަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިންނެވެ. އޭނާ ވަނީ ދިވެހި ސަރުކާރަށް 42 އަހަރު ހިދުމަތް ކުރައްވައި، ޅެންވެރިކަމުގައި ތަފާތު ޅެންތަކެއް ހަދާފަފަ އެވެ. އޭނާގެ ޅެންތަކަކީ މަޝްހޫރު ޅެންތަކެކެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ދެ ވަނަ ބޭފުޅަކީ މއ. ކަށިމާ، ކަށިމާ އަހުމަދު ޝާކިރެވެ. އޭނާއަށް ގައުމީ އިނާމް ލިބިވަޑައިގެންނެވީ ތާރީހާ ބެހޭ ފޮތް އެކުލަވާލައި ޝާއިއު ކުރުމުގެ ދިރާސާ ކުރުމުގެ ދާއިރާއިންނެވެ.

ޅ. ނައިފަރު، މަދުގަސްދޮށުގެ، މުހައްމަދު ނިޒާރު އިބްރާހިމަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމް އަރުވަނީ---ފޮޓޯ/ ރައީސް އޮފީސް
ޖަމާއަތަށް ހިދުމަތް ކުރުމުގެ ރޮނގުން ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވީ ޅ. ނައިފަރު، މަދުގަސްދޮށުގެ، މުހައްމަދު ނިޒާރު އިބްރާހިމެވެ. އޭނާ ވަނީ ދިވެހި ތާރީހާ ގުޅުންހުރި ތާރީހީ ލިޔުންތަކެއް ދުވަހުން ދުވަހަށް ރައްކާ ކުރައްވައި ލައިބުލަރީއެއް އުފައްދާފަ އެވެ.
އެ ބޭފުޅެއްގެ ހަނދާނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމް އެރުވި ބޭފުޅަކީ ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ލަވަކިޔުންތެރިޔާ ގ. އަލިފުށީގެ އަހުމަދު ނާޝީދެވެ. އޭނާއަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވީ ޕާފޯމިން އާޓްސްގެ ދާއިރާއިންނެވެ.

ހއ. އުތީމު، އަލިމަސް، އާދަމް އަބްދުއްރަހުމާނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމް އަރުވަނީ---ފޮޓޯ/ ރައީސް އޮފީސް