11 Nov 2016, 10:06
ވެލާ ކަހަނބު ހިމާޔަތް ކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއާއި ޗައިނާގެ ހުއިޖޯ ސިޓީގެ މުނިސިޕަލް ކައުންސިލުން އެއްބަސްވެއްޖެއެވެ.
ހުއިޖޯއަކީ ޗަައިނާގެ ގުއަންގްޑޮންގް ޕްރޮވިންސްގައި، އެގައުމުގެ އިރު ދެކުނު އައްސޭރީގައި އޮންނަ ސިޓީއެކެވެ. މި ސިޓީގެ ގޮނޑުދޮށްތަކުގައި ވެލާ ކަހަނބު ބިސް އެޅުމަށް އެއްގަމަށް އަރާ އިރު، މިއީ ވެލާ ކަހަނބު ހިމާޔަތްކުރުމުގެ ގޮތުން ޕްރޮޓެކްޓެޑް އޭރިއާތަކެއްގެ ގޮތުގައި ޗައިނާގައި ކަނޑައަޅާފައިވާ ހަމައެކަނި ސަރަހައްދެވެ.
ހުއިޖޯއާއި ރާއްޖެއާ ފަތުރުވެރިކަމުން ގުޅުވައިދީ، ދެގައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބައްދަލުކުރުމުގެ މަގު ފަހިކޮށްދިނުމަށް ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި "ހުއިޖޯ މޯލްޑިވްސް ޓޫރިޒަމް އެކްސްޗޭންޖް ޕްރޮމޯޝަން"ގެ ނަމުގައި ބައްދަލުވުމެއް ކުރިޔަށް ދިޔައެވެ.
އެ ބައްދަލުވުމުގައި، ރާއްޖެއާއި ޗައިނާގެ ހުއިޖޯއާ ފަތުރުވެރިކަމުން ގުޅުމަށާއި، ދެގައުމުން ވެސް ވެލާ ކަހަނބު ހިމާޔަތް ކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވުމެއް އެކުލަވާލައިފައެވެ.

ރާއްޖެއާއި ހުއިޖޯ ފަތުރުވެރިކަމާއި ވެލާ ކަހަނބު ހިމާޔަތް ކުރުމަށް ގުޅުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ނައިބު ރައީސް އަބްދުﷲ ސުއޫދެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުއިޖޯ ސިޓީގެ މޭޔަރ މައި ޖިއާއޮ މެންގް ވިދާޅުވީ ރާއްޖެ ފަދައިން ހުއިޖޯގައި ވެސް ގުދުރަތީ އެތައް ސިފަތަކެއް އެކުލެވިގެންވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ހުންނަ ފަދަ މޫދާއި ގޮނޑުދޮށްތަކުގެ އިތުރުން، ޖަންގަލިތަކާއި ފަރުބަދަ ފަދަ ގުދުރަތީ ތަންތަން ހުންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހުއިޖޯއާއި ރާއްޖެއަކީ ވެލާ ކަހަނބު ހިމާޔަތް ކުރުމުގައި މުހިންމު މަސައްކަތްތައް ކުރާ ދެ ތަނެއް ކަމަށެވެ.

ރާއްޖެ-ހުއިޖޯ ޓޫރިޒަމް އެކްސްޗޭންޖް ޕްރޮމޯޝަން ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ރާއްޖެއިން ކަނޑުގެ ދިރުންތަކާއި ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތަކާއި އަޅާ ފިޔަވަޅުތަކާއި ލިބިފައިވާ ތަޖުރިބާއިން ހުއިޖޯއިން ކަންކަން ދަސްކުރަމުން ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުއިޖޯ ޕްރިފެކްޗަރ ސިޓީގެ ބޮޑުމިނުގައި 10،922 އަކަ ކިލޯމީޓަރު ހުންނަ އިރު، ހުއިޖޯގެ އައްސޭރީގައި 226 ކިލޯމީޓަރު ހުރެއެވެ. އަދި ހުއިޖޯގެ އާބާދީގައި 4.5 މިލިޔަނަށް ވުރެ ގިނަ މީހުން ހިމެނެއެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. ނަމަވެސް ދާދި ފަހުން ޗައިނާގެ ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ދާން ފަށައިފައެވެ. އެހެން ނަމަވެސް ހުއިޖޯ ފަދަ، އާ މަންޒިލުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ، ޗައިނާގެ ފަތުރުވެރިންގެ އަދަދު އިތުރުވެދާނެއެވެ.