އިރާގާއި ސީރިއާއަށް އެމެރިކާއިން ދިން ވައިގެން ހަމަލާތަކުގައި އެ ދެގައުމުގެ އާންމުންގެ 119 މީހަކު މަރުވެފައިވާކަމަށް އެމެރިކާގެ ޕެންޓަގަނުން ބުނެފިއެވެ.

ޕެންޓަގަންއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އައިސިސް އާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި، 2014 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް، އިރާގާއި ސީރިއާއަށް އެގައުމުން ދިން ވައިގެން ހަމަލާތަކުގައި މަރުވެފައިވާ އާންމުންގެ އަދަދަކީ 119 އެވެ. ނަމަވެސް މިއަދަދަކީ، އެ ދެ ގައުމުގައި ހަރަކާތްތެރިވާ އިންސާނީ ހައްގުތައް ހިމާޔަތް ކުރާ ޖަމާއަތްތަކުން ހާމަ ކޮށްފައިވާ އަދަދުތަކާ އަޅައިބަލާއިރު ވަރަށް މަދު އަދަދެކެވެ.

އެމެރިކާއިން ހާމަ ކޮށްފައިވާ މި އަދަދަކީ މެދު އިރުމަތީގައި ހުންނަ އެގައުމުގެ ސެންޓްރަލް ކޮމާންޑުން އެއްކޮށްފައިވާ މައުލޫމާތުތަކަށް ބިނާކޮށްފައި ހާމަ ކުރި އަދަދެކެވެ. އަދި މި 119 މީހުން މަރުވެފައިވަނީ 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިން 24 ހަމަލާއެއްގައި ކަމަށްވެސް ޕެންޓަގަނުން ހާމަކުރެއެވެ.

އައިއެސްއާ ދެކޮޅަށް އެމެރިކާއިން ވައިގެ ހަމަލާދޭން ފެށީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. އެގޮތުން ސީރިއާއާއި އިރާގުގައި ހަމަނުޖެހުން އުފައްދަމުންދާ އައިސިސްގެ ހަނގުރާމަވެރިން އެ ގައުމުން ފައްސާލުމަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ދުނިޔޭގެ ބޮޑެތި ބައެއް ބާރުތަކުން ވަނީ ކޯލިޝަން ހަދައި ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ.

އިރާގާއި ސީރިއާގައި ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާއިން ދިން ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު ވަނީ 1787 އަށް އަރާފައެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ކާނަލް ޖޯން ތޯމަސް ވިދާޅުވެފައިވަނީ، އާންމުންގެ ފަރާތްތަކަށް ވާ އަނިޔާއާއި ގެއްލުން މަދު ކުރުމަށްޓަކައި ފުލްޓައިމްކޮށް މަސައްކަތް ކުރާ ޚާއްސަ ޓީމްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކުށެއް ނެތް އާންމުންގެ މީހުންނަށް އަމާޒުކޮށް އެމެރިކާއިން ހަމަލާ ނުދޭނެ ކަމަށާއި އެފަދަ ހާލަތްތައް މަދު ކުރުމަށް ކެނޑިނޭޅި އެމެރިކާއިން މަސައްކަތް ކުރާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.