13 Jun 2011, 21:45
ދިވެއްސާއި އިނގިރޭސި ބަހުން ކުރެ ބަހަކުން ލޭބަލް ނުކޮށް ހުރި މުދާތަކެއް ރެޑްވޭވްގެ ފިހާރަތަކުން ވިއްކަމުންދިއުމާ ގުޅިގެން އެ ފިހާރަ 2500ރ. އިން ޖޫރިމަނާކޮށްފި އެވެ.
މި ޖޫން މަހުން ފެށިގެން ދިވެއްސާއި އިނގިރޭސި ބަހުން ކުރެ ބަހަކު ލޭބަލް ނުކޮށް ހުންނަ މުދާ ވިއްކާ ފަރާތްތައް 100،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކޮންސިއުމާ ޕްރޮޓެކްޝަން ޔުނިޓުގެ އޮފިޝަލަކު ހަވީރަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ، ދިވެއްސާއި އިނގިރޭސި ބަހުން ކުރެ ބަހަކުން ލޭބަލް ނެތި މުދާ ވިއްކަމުން ދިޔަ ދެ ފިހާރައެއް 2500ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެއީ އެއް ފަރާތަކުން ހިންގ ދެ ފިހާރަ ކަމަށާއި އެދެތަނުން ވެސް ލޭބަލްނުކޮށް ވިއްކަން ހުރީ ކެއުމަށް ބޭނުންކުރާ ސޯސްފުޅިތަކެއް ކަމަށް ވެސް އެ އޮފިޝަލާ ހަވާލާދީ ހަވީރު ނޫހުގައި ބުނެފައިވެ އެވެ.
ނަމަވެސް އެދެފިހާރާގެ ނަމެއް ނުބުނެ އެވެ.
އެކަމާ ގުޅިގެން ކޮންސިއުމާ ޕްރޮޓެކްޝަން ޔުނިޓުގެ ބަހެއް ހޯދުމަށް ސަން އިން ކުރި މަސައްކަތް ވަނީ އެތަނުގެ ފޯނަށް ޖަވާބު ނުދޭތީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. ނަމަވެސް، ސަން އަށް އެނގިފައިވާ ގޮތުގައި ޖޫރިނަމާކުރީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ ރެޑްވޭވްގެ ދެ ފިހާރަ އެވެ.
ރެޑްވޭވްގެ ފިހާރަތަކެއްގައި ދިވެހި ނުވަތަ އިނގިރޭސި ބަހުން ލޭބަލް ނުކޮށް ވިއްކަން ހުރި ތަކެތި ކަމަށް ބުނެ، ސޯސްފުޅިތަކާއި، ކިރު ފުޅި އާއި އަދި ލުއި ކާނާ ޕެކެޓުތަކެއްގެ ފޮޓޯތަކާއި އެތަކެތީގެ ބިލުކޮޅުގެ ކޮޕީ އިކޮނޮމިކް މިނިސްޓްރީއަށާއި މީޑިއާގެ ފަރާތްތަކަށް ފޮނުވާފައިވަނީ ސައުދުﷲ އަހުމަދު ދީދީ ކިޔާ މީހެކެވެ.
މިމަހުގެ ފަސް ވަނަ ދުވަހު އޭނާ އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ރެޑްވޭވް ފިހާރަތަކުގައި ވިއްކަން ހުރި ބައެއް ތަކެތި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނަށް "ނުފެތޭ" ކަމަށާއި މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން ލަސްނުކޮށް އެ ފިހާރަތަކާ މެދު ފިޔަވަޅު އަޅަން އެދޭ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ރެޑްވޭވްގެ ފަރާތުން ވާހަކަ ދެއްކެވި އަލީ ޝަހީމް މިރޭ ވިދާޅުވީ، ލޭބަލްނުކޮށް ހުރެގެން 2500ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށާއި އެހެންނަމަވެސް މައްސަލަ އެއްކޮށް ނުނިމޭތީ އަދި މިނިސްޓްރީއަށް ފައިސާ ނުދައްކާ ކަމަށެވެ. އަދި ޖޫރިމަނާކުރި ސަބަބާ ގުޅޭ ގޮތުން މާދަމާ މިނިސްޓްރީއާ މަޝްވަރާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، 50،000 އަށް ވުރެ ގިނަ އައިޓަމް ވިއްކާ ފިހާރައެއްގައި ތަކެތި ލޭބަލްކުރާއިރު އެއްޗެއް "ކައްސާލުމަކީ" އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް، މައްސަލަ ހުށަހެޅި ފަރާތުން މަސައްކަތްކޮށްފައި ވަނީ ސީދާ އެފަދަ ޕްރޮޑަކްޓެއް ނަގައިގެން ސިއްރިއްޔާތުގައި ގޮސް މައްސަލަ ހުށަހަޅައި، "ސީދާ ރެޑްވޭވްގެ ދުވަސް ދުއްވާލަން" ކަމަށެވެ.
ލޭބަލް ނެތުމުން އެމީހާ ފިހާރާގެ ސުޕަވައިޒަރުންނާ ވާހަކަ ދައްކައިގެން އެކަން އިސްލާހުކުރަން މަސައްކަތްކޮށްފައިވެސް ނުވާ ކަމަށާއި އެއީ މުޖުމައު އިން ނެތެމުންދާ އެކުވެރިކަމާއި އެއްބާރުލުމުގެ ހެއްކެތް ކަމަށް ވެސް ޝަހީމް ސިފަކުރެއްވި އެވެ.