ޑިޕާޓްމެންޓް އޮފް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި 60 ބިދޭސީއަކު ޑީޕޯޓްކުރަން ނިންމައިފި އެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މަޖީދީމަގާއި، ޗާންދަނީމަގު އަދި މާވޭ މަގު ހިމެނޭ ސަރަހައްދުން 124 ބިދޭސީއަކާ ސުވާލުކޮށް، ސްކްރީންކުރުމަށް 93 ބިދޭސީއަކު ބިދޭސީ ހިޔާއަށް ގެންގޮސްފައިވާކަމަށެވެ.

އަދި އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުން އައި 60 ބިދޭސީއަކު ޑީޕޯޓުކޮށްލަން ނިންމައި، 33 ބިދޭސީއެއްގެ ވިސާއާއި ވޯކް ޕާމިޓް، އެމީހުން ވަޒީފާއަދާ ކުރާ ތަންތަނުން ދެއްކުމުން ދޫކޮށްލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 09:45 އިން ފެށިގެންނެވެ.

މާލެ އާއި ރާއްޖެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވެފައިވުމާ ގުޅިގެން ސަރުކާރުން ދަނީ އެފަދަ މީހުން ހޯދައި އެކަށީގެންވާ ފިޔަވަޅު އަޅަމުންނެވެ.