މާދަމާ ކުރިއަށްދާ ދިރާގު ރޯޑް ރޭހުގައި ބައިވެރިވާ ދުވުންތެރިންގެ ތެރެއިން ދިރާގުގެ އެހީގައި ހުޅުމާލެ އަށް ދަތުރުކުރަން ބޭނުންވާ ދުވުންތެރިންނަށް ފެރީ ފާސް ދޫކުރަން ފަށައިފި އެވެ.

މިއަދު ހަވީރު 4:00 އިން ފެށިގެން މިރޭ 8:00ގެ ނިޔަލަށް ރޯޑް ރޭހުގައި ރަޖިސްޓަރީކޮށްފައިވާ ދުވުންތެރިންގެ ތެރެއިން ދިރާގުގެ އެހީގައި ދަތުރު ކުރުމަށް ބޭނުންވާ ދުވުންތެރިންނަށް ފާސް ދޫކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި، ރޯޑް ރޭހުގައި ވާދަކުރާ ދުވުންތެރިންނަށް ދިރާގުން ދޫކުރި ބިބް ހިފައިގެން ދިއުމުން ދަތުރުގެ ފާސް ދޫކުރާނެ ކަމަށާއި ދަތުރު ފާސް ލިބޭ ކޮންމެ ދުވުންތެރިޔަކަށް އެއް ނަންބަރު ފާލަމުން ހުޅުމާލެ އަށް ދިއުމުގެ އިންތިޒާމް މާދަމާ ހަމަޖެހޭނެ ކަމަށެވެ.

އެއް ނަންބަރު ފާލަމުން އެމްޓީސީސީ ފެރީގައި ފާސް އޮންނަ ދުވުންތެރިންނަށް ދެ ގަޑިއެއްގައި ފުރޭނެ އެވެ. އެއީ މެންދުރުފަހު 1:45 އަދި މެންދުރުފަހު 2:45 ގައެވެ. އެ ގަޑިތަކުގައި ދަތުރު ފާސް ހިފައިގެން ދިއުމުން ފެރީގައި ހުޅުމާލެ އަށް ދިއުމުގެ ކަންތައް ހަމަޖެހޭނެ އެވެ.

ހުކުރު ދުވަހަކީ ފެރީތަކުގެ ބާރު ބޮޑު ދުވަސްތަކަށްވުމާއެކު ހުޅުމާލެ ޓާމިނަލުން ފުރާ ދުވުންތެރިން ވީހާވެސް އަވަހަކަށް ހުޅުމާލެ ދިއުމަށް ދިރާގުން އިލްތިމާސްކުރެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި މަގުބޫލް ރޯޑް ރޭހުގެ ގޮތުގައި ބެލެވިފައިވާ ދިރާގު ރޯޑް ރޭސް ކޮންމެ އަހަރަކު ވެސް ބާއްވަމުން ދަނީ މުޖުތަމައުގައި ހިނގާ ކޮންމެ ވެސް މައްސަލައަކަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުންނެވެ. އެގޮތުން މި އަހަރުގެ ޝިއާރަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރޯޑް ރޭސް ކުރިއަށް ގެންދާނީ ފަސް ކިލޯ މީޓަރު އަދި 10 ކިލޯ މީޓަރު ކެޓެގަރީ އެވެ. ދެ ކެޓަގަރީގައި ވެސް އަންހެން އަދި ފިރިހެން ބައި އޮންނަ އިރު، ފަސް ކިލޯ މީޓަރު ކެޓެގަރީގައި 45 އަހަރުން މަތީގެ ދުވުންތެރިންނަށް ވެސް ވާދަކުރެވެ އެވެ. އަދި ހަމަ އެ ކެޓަގަރީގައި ސްކޫލުތަކުން ވެސް 13 އަހަރުން މައްޗާއި 13 އަހަރުން ދަށުގެ ބައި ކުރިއަށްދާނެ އެވެ.

ފާއިތުވެދިޔަ ދިހަ އަހަރު މާލޭގައި ރޭސް ބޭއްވި ނަމަވެސް މި އަހަރު ހުޅުމާލެ އަށް ރޭސް ބަދަލުކޮށްފައި ވަނީ ތަފާތު އެކި ސަބަބުތަކާހުރެ މާލޭގައި ރޭސް ނުބޭއްވުމަށް ފުލުހުން ވެސް އެދިފައި ވަނިކޮށެވެ.

ޖުމްލަ 3000 ދުވުންތެރިންނާއެކު މި އަހަރު ހުޅުމާލޭގައި ރޯޑް ރޭސް ކުރިއަށް ދާނީ މާދަމާ 15:30 އިން ފެށިގެން 18:00ގެ ނިޔަލަށެވެ. އެ ރޭސް ފެށޭނީ އަދި ނިމޭނީ ވެސް ހުޅުމާލޭ ސެންޓްރަލް ޕާކަށެވެ.