10 Nov 2016, 18:03
ވޮޝިންޓަން (ނޮވެމްބަރު 10): ވަރަށް ވެސް ފޯރި ގަދަ އަދި ވާދަ ވެރި އިންތިހާބަކަށް ފަހު މަހުޖަނު ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަސް ތެރޭ ޑޮނަލްޑް ޓްރަމްޕް ކުރިއަށް ގެންދެވި ރިޔާސީ ކެމްޕެއިނަކީ މުޅި އެމެރިކާގެ ތާރީހުގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކެމްޕެއިން ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.
އެ ކެމްޕެއިން ތެރޭގައި ޓްރަމްޕް ވަނީ އޭނާ ވެރިކަމަށް އިންތިހާބުވެއްޖެ ނަމަ ފުރަތަމަ 100 ދުވަސް ތެރޭގައި ކުރައްވާނެ ކަންތައްތައް ހިއްސާ ކުރައްވާފަ އެވެ. "ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވޯޓު ދޭ މީހާއާ އެކު ހަދާފައިވާ އެއްބަސްވުން"ގެ ނަން ދީފައިވާ އެލިސްޓުގައި ހިމެނޭ ބައެއް ކަންތައްތަކުގެ ތެރޭގައި:
ކޮރަޕްޝަން ހުއްޓުވުން
އެމެރިކާގައި ކޮރަޕްޝަން ހުއްޓުވުމަށް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގަން ކުރަން ފަށާނެ ކަންތައްތަކުގެ ތެރޭގައި ކޮންގްރެސް މެމްބަރުންނަށް މަގާމުގައި ތިބެ ވޭނެ ދައުރެއް ކަނޑައަޅާ އިސްލާހެއް ގާނޫނު އަސާސީއަށް ގެނައުމާއި، "ސަރުކާރުން ކުރާ އިތުރު ބޭކާރު ހަރަދުތައް" މަދު ކުރުމަށް ސަރުކާރު ވަޒީފާއަށް މީހުން އައްޔަން ކުރުން ވަގުތީ ގޮތުން ހުއްޓާލުމާއި (އަސްކަރިއްޔާ އާއި ސަލާމަތީ ފަރާތްތަކާއި ސިއްހީ އިދާރާތައް ނުހިމެނޭ ގޮތަށް) ހިމެނެ އެވެ.
އަދި ކޮންގްރެސްގެ އޮފިޝަލުން ވަޒީފާއިން ވަކިވުމަށް ފަހު ސަރުކާރުގެ ކަންތަކަށް ނުފޫޒު ފޯރުވުން މަނާ ގަވާއިދެއް ތައާރަފް ކުރާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
އިމިގްރޭޝަން
ޓްރަމްޕުގެ ކެމްޕެއިން ތެރޭގައި އެނާއަށް އެންމެ ބޮޑު ފާޑު ކިޔުންތައް އަމާޒުވީ އެމެރިކާއަށް ހިޖުރަ ކުރާ ފަރާތްތަކާ ދެކޮޅަށް ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. އެގޮތުން މެކްސިކޯ އިން އެގައުމަށް ހިޖުރަ ކުރާ މީހުންނަކީ އެމެރިކާއަށް މަސްތުވާތަކެތި އެތެރެ ކުރާ، ކުށްވެރިންނާއި ރޭޕިސްޓުން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މެކްސިކޯގެ ހަރަދުގައި އެ ގައުމާއި އެމެރިކާއާ ދެމެދު ފާރެއް ރޭނުމާ ބެހޭ މަސައްކަތްތައް އެންމެ ފުރަތަމަ ދުވަހަވެސް ފައްޓަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ އޭނާ ވެރިކަމަށް އިންތިހާބު ވުމުން، "ޓެރަރިޒަމްގެ ނުރައްކާ ބޮޑު ސަރަހައްދުތަކުން" އެމެރިކާއަށް ހިޖުރަ ކުރާ ފަރާތްތައް ހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ ކޮން ގައުމުތަކެއް ކަން ޓްރަމްޕް ކެމްޕެއިނުން ތަފްސީލު ކޮށް ނުދިން ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އޭގެ ތެރޭގައި ސީރިއާ ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ކުރިން ޓްރަމްޕް ވަނީ އެގައުމުން ހިމާޔަތް ހޯދާ ރެފިއުޖީންނަކީ ކޮން ބައެއް އެމެރިކާ ސަރުކާރަށް ނޭނގޭ ކަމަށް ވިދާޅުވެ، އެމެރިކާއިން މުސްލިމުން ވެއްދުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއަށް މުސްލިމުން ވަނުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭއެފްޕީ
ހާރިޖީ ސިޔާސަތު
ޓްރަމްޕް ވިދާޅުވާ ގޮތުގައި ކޮންމެ ކަމެއްގައި ވެސް އޭނާ ގެންގުޅުއް ވަނީ އެމެރިކާއަށް އެންމެ އިސްކަން ދޭ ސިޔާސަތެކެވެ. އެހެންކަމުން އޭނާ ވަނީ އެމެރިކާއިން ރައްކާތެރިކަން ފޯރުކޮށް ދޭ ގައުމުތަކުން އެމެރިކާއަށް އެކަށީގެންވާ ވަރަށް ފައިދާއެއް ނުލިބޭ ނަމަ ރައްކާތެރިކަން ދިނުން ހުއްޓާލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ ވެރިކަމުގައި އެމެރިކާއިން ރައްކާތެރިކަން ދޭނެ ކަމުގެ ޔަގީން ކަމެއް ނެތް ގައުމުތަކުގެ ތެރޭގައި ނޭޓޯގެ ގައުމުތައްވެސް ފާހަގަ ކުރެއްވި އެވެ.
ސީރިއާ ފަދަ ގައުމުތަކާ ބެހޭ ގޮތުން ގެންގުޅޭނެ ސިޔާސަތާ ބެހޭ ގޮތުން ތަފްސީލުކޮށް ޓްރަމްޕް ވާހަކަ ދައްކަވާފައި ނުވެ އެވެ. ނަމަވެސް އޭނާ ވަނީ ވެރިކަމުގައި ސީރިއާގެ ރައީސް ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް އެއްބަސް ކުރުވަން މަސައްކަތް ކުރުމަށް ވުރެ އޭނާ އިސްކަން ދެއްވާނީ އިސްކަން ދެއްވާނީ އިސްލާމިކް ސްޓޭޓް (އައިއެސް) ބަލި ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ.
ހަކަތަ އާއި ތިމާވެށި
ދުނިޔެ ހޫނު ވުން ނުވަތަ ގްލޯބަލް ވާމިން އަކީ ޗައިނާއިން ހަދަހަދައިގެން ދައްކާ ވާހަކަ އެއް ކަމަށް ވިދާޅުވެފައިވާ ޓްރަމްޕް ވެރިކަމަށް އިންތިހާބު ވުމުން ހިތާމަ ފާޅު ކުރި ފަރާތްތަކުގެ ތެރޭގައި ތިމާވެއްޓަށް ލޯބި ކުރާ ގިނަ ފަރާތްތައް ހިމެނެ އެވެ. ވެރިކަމަށް އިންތިހާބު ވުމުން ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި ޓްރަމްޕް ވަނީ ޔޫއެންއިން ކުރިއަށް ގެންދާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޕްރޮގްރާމްތަކަށް އެމެރިކާއިން ހަރަދު ކުރާ އެތައް ބިލިއަން ޑޮލަރު ހުއްޓާލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާއިން އުފައްދާ ތެލާއި ގުދުރަތީ ގޭސް އިތުރު ކުރާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.