އަންކަރާ(ނޮވެމްބަރު 10): އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ކާފަދަރިކަލުން މަސްއޫދު އުދައި ސައްދާމް ޙުސައިން، ތުރުކީގައި ދިރިއުޅުއްވަނިކޮށް ދިމާވި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވެއްޖެއެވެ.

ތުރުކީގެ އަނަތޯލިޔާ ނޫސް އެޖެންސީ ބުނާގޮތުން މަސްއޫދު އުދައި ސައްދާމް ޙުސައިން މޮޓޯސައިލެއްގައި އުޅުއްވަނިކޮށް ހިނގި އެކްސިޑެންޓެއްގައި އޭނާގެ ކޮނޑު ހުޅު ނެއްޓި ކޮނޑު ކަށިގަނޑުވަނީ ވަރަށްބޮޑަށް ބިންދައިގެން ގޮސްފައެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ ތުރުކީގެ ހުޅަނގު ދެކުނުގެ ރަށެއްކަމަށްވާ މޮގްލާގެ ހައިވޭ އެއްގައެވެ. އެކްސިޑެންޓްގައި ލިބުނު ޒަޚަމްތަކާ ގުޅިގެން މަސްއޫދުވަނީ އެރަށުގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައެވެ.

އުމުރުން 32 އަހަރުގެ މަސްއޫދަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ދޮށީ ފިރިހެން ދަރިކަލުން ޢުދައި ސައްދާމް ޙުސައިން، ތުރުކީގެ ރީތީންގެ ރާނީއެއްކަމަށްވާ ސަފީމް ތޯރޯން އާ ކައިވެނި ކުރައްވައިގެން ލިބިފައިވާ ބޭފުޅެކެވެ. ސައްދާމްގެ ވެރިކަމުގައި އުދައި އަކީ މުޅި އިރާގުގައި އޭނާގެ ބާރާއި ނުފޫޒުއޮތް ބޭފުޅެކެވެ. ވަރަށްގިނަ ޒުވާން އަންހެން ކުދިންނާ ކައިވެނި ކުރައްވައި އަދި ވަރިކުރައްވާފައިވާ ބޭފުޅެކެވެ.

މަސްއޫދުގެ މަންމަ ސަފީމް، އުދައި އަށް ތަޢާރަފް ވެގެންދިޔައީ 1982 ވަނަ އަހަރު އިރާގުގެ ވެރިރަށް ބަޣްދާދުގައި ބޭއްވި ރީތީގެ ރާނީން ހޮވުމުގެ މުބާރާތަކުން ސަފީމް އެއްވަނަ ދިޔުމާގުޅިގެން ނެވެ. ބަޣްދާދުގެ ލަގްޒަރީ ހޮޓަލެއްގައި ބޭއްވި ރީތީންގެ ރާނީން ހޮވުމުގެ އެމުބާރާތަށް އުދައިގެ އިތުރުން އޭނާގެ ބައްޕަ އިރާގުގެ އޭރުގެ ރައީސް ސައްދާމް ޙުސައިންވެސް ޙާޒިރުގެ ވަޑައިގެންނެވިއެވެ.

އެމުބާރާތުން ސަފީމް އެއްވަނަ ދިޔުމުން ސަފީމްއާ ލޯބީގެ ގޮތުން ގުޅުމަށް އުދައި އެދުނެވެ. މިއާއެކު އެކަމަށް ސަފީމްވެސް އެއްބަސްވުމާގުޅިގެން އޭގެދުވަސްތަކެއް ފަހުން އެދެބޭފުޅުން ކައިވެނި، ސައްދާމްގެ ގަނޑުވަރެއްގައި ބޭއްވިގެންދިޔައެވެ. މިކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީ ސަފީމް، މަސްއޫދަށް އާލާސްވެ އިންނެވިއެވެ. ނަމަވެސް ކައިވެންޏަށް އަހަރުވެސް ނުވަނީސް އެދެބޭފުޅުން ވަރިވެ ވަޑައިގަތުމުން ސަފީމް ދިރިއުޅުން ބަދަލުކުރެއްވީ ތުރުކީއަށެވެ. އަދި މަސްއޫދު އުފަންވެ ވަޑައިގެންނެވީވެސް ތުރުކީއަށެވެ. މިއާއެކު މަސްއޫދު ބޮޑުވީ އަދި ތައުލީމްވެސް ޙާސިލް ކުރެއްވީވެސް ތުރުކީގައެވެ. ނަމަވެސް ސައްދާމްގެ އާއިލާގެ ފަރާތުން ސަފީމަށް ބޭނުންވާ ފައިސާއާއި ޚަރަދު ފޮނުވާކަމަށްވެއެވެ.

މަސްއޫދު ބޮޑުވިފަހުން ދޭތެރެއަކުން އޭނާ އިރާގަށް ވަޑައިގެން ބައްޕަ އުދައި އާއި ކާފަ ސައްދާމް ހުސައިންއާ ބައްދަލުކުރައްވާ ކަމަށްވެސް ވެއެވެ. ޖެހުނު އާލާސްކަންފުޅެއްގައި މަސްއޫދުގެ މަންމަ ސަފީމް ވަނީ 2010 ވަނަ އަހަރު އަވަހާރަވެފައެވެ. މަސްއޫދުގެ މަންމަގެ އާއިލާއަކީ ތުރުކީގެ މެދުފަންތީގެ އާދައިގެ އާއިލާއެއް ކަމަށްވެއެވެ.

އެމެރިކާ ސިފައިން 2004 ވަނަ އަހަރު އިރާގަށް އަރައި ސައްދާމްގެ އާއިލާއާ އަދި އިރާގުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި ސައްދާމްގެ ދެ ފިރިހެން ބޭފުޅުންކަމަށްވާ އުދައި އާއި ގުސައްޔު ވަނީ ވަރަށް ވޭންދެނިވި ގޮތަކަށް އަވަހާރަކޮށްލާފައެވެ. އުދައި ގަޔަށް އެމެރިކާ ސިފައިން ބަޑިޖަހައި އަވަހާރަކޮށްލި އިރު އޭނާގެ 10 އަހަރުގެ އެހެން ފިރިހެން ދަރިއަކުވެސްވަނީ އަވަހާރަކޮށްލާފައެވެ. ސައްދާމްގެ އަންހެން ބޭފުޅުން ދިރިއުޅުއްވަނީ އަވަށްޓެރި އުރުދުންގެ ޝާހީ އާއިލާގެ ޙިމާޔަތުގައި އުރުދުންގައެވެ.

(އަނަތޯލިޔާ ނޫސްއެޖެންސީ)