ނަސަންދުރަ ޕެލަސް ހޮޓެލް ހިންގާ ގެލެކްސީ އެންޓަޕްރައިސަސް މޯލްޑިވްސްގެ ފަރާތުން 265،050 ޑޮލަރު ]4،087،071ރ.[ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ]މީރާ[ އިން މިއަދު ދައުވާ އުފުލައިފި އެވެ.

ސިވިލް ކޯޓުގައި މިއަދު ދައުވާ ހުށަހަޅުއްވަމުން މީރާގެ ވަކީލު ވިދާޅުވެފައި ވަނީ ގެލެކްސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ" ނުވަތަ އިޖުތިމާއީ ޒިންމާގެ ގޮތުގައި އަހަރަކު 100،000 ޑޮލަރު ދެއްކުމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެ ފައިސާ އެއްވެސް މިންވަރަކަށް ދައްކާފައިނުވާ ކަމަށާއި އެގޮތުން މިހާތަނަށް 200000 ޑޮލަރު ދައްކަންޖެހި ނުދައްކާވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ވަކީލު ވިދާޅުވެފައި ވަނީ ނަސަންދުރައިގެ ކުލި މިއަހަރު މުއްދަތަކަށް ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި 65،050 ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ފައިސާ ވެސް މިހާތަނަށް ދައްކާފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

މީރާގެ ފަރާތުން ކޯޓުގައި އެދުނީ ގެލެކްސީ އިން ޖުމްލަ ދައްކަން ޖެހޭ ފައިސާގެ އަދަދު ކަމަށްވާ 265،050 ޑޮލަރު އެއްފަހަރާ އެ ކުންފުނީގެ ފަރާތުން ހޯދައިދިނުމަށެވެ.

ގެލެކްސީން މިއަދުގެ ޝަރީއަތުގައި އެދުނީ މީރާގެ ދައުވާއަށް ބަޔާނަކުން ޖަވާބު ދިނުމުގެ ފުރުސަތަކަށެވެ. އެ މައްސަލަ ބައްލަވާ ގާޒީ ހާތިފް ހިލްމީ މިއަދުގެ ޝަރީއަތް ނިންމާލެއްވީ އެ ފުރުސަތު ދެއްވުމަށް ފަހު އެވެ.

ސީއެސްއާރުގެ ގޮތުގައި ހަރަދު ކުރުމަށް ހުށަހަޅާ އަދަދަށް 10 ޕަސެންޓް މާކްސް ނަސަންދުރައިގެ ބީލަމުގައި ކަނޑައަޅާފައި އޮތެވެ. އެ ބީލަމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ސީއެސްއާރަށް އެންމެ ބޮޑު އަދަދެއް ހުށަހެޅީ ވެސް ގެލެކްސީންނެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގެލެކްސީން ނަސަންދުރަ ކުއްޔަށް ހިފީ މަހަކު 883،970.5 ރުފިޔާގެ ކުއްޔަކަށެވެ. އެހެންނަމަވެސް، ގާނޫނަށް އައި ބަދަލަކާ ގުޅިގެން ކުލީގެ އަގު މިހާރު ވަނީ 30،000ރ. އަށް ވެއްޓިފަ އެވެ.