ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސްގެ މެޗުން އަންނަ އަންގާރަ ދުވަހު ގައުމީ މުބާރާތް ނުވަތަ "ޕްރެޒިޑެންޓްސް ކަޕް" ފެށުމަށް ހަމަޖެހިއްޖެ އެވެ.

އެ މުބާރާތުގައި އަންނަ އަންގާރަ ދުވަހު ނިއު އާއި އީގަލްސް ބައްދަލުކުރާ ގްރޫޕް އެކެއްގެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހަވީރު 4:00ގައެވެ.

ނިއު އާއި އީގަލްސް ބައްދަލުކުރާ މެޗުގެ އިތުރުން އެ ދުވަހުގެރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އަންގާރަ ދުވަހުގެރޭ 9:00ގައި ކުޅޭ ގްރޫޕް ދޭއްގެ މެޗުގައި ބައްދަލުކުރާނީ މި އަހަރުގެ ލީގު ޗެމްޕިއަން އަދި ގައުމީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ސ. ފޭދޫ އެވެ.

ނިއު އާއި ފޭދުއަކީ ލީގުގެ ގަދަ ހަތަރު ޓީމާއެކު މި އަހަރުގެ ގައުމީ މުބާރާތުން ޖާގަ ދިނުމަށް އެފްއޭއެމް އިން ނިންމި ދެ ޓީމެވެ. ނިއުއަށް ފުރުސަތުދޭން ނިންމާފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި މާޒިޔާއަށް ޖާގައެއް ލިބި، މި އަހަރު ލީގުގެ ގަދަ ހަތަރެއްގައި ވެސް މާޒިޔާ ހިމެނިފައިވުމުންނެވެ. އެގޮތުން ނިއުއަށް ފުރުސަތު ލިބުނީ ގައުމީ މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕްގެ ގޮތުގައެވެ. އަދި ފޭދުއަށް މުބާރާތުން ޖާގަ ދީފައި ވަނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންގެ ގޮތުގައެވެ.

ގައުމީ މުބާރާތުގައި މި އަހަރު ހަ ޓީމެއް ވާދަކުރެ އެވެ. ނިއު އާއި، ފޭދު އާއި، މާޒިޔާ އަދި އީގަލްސްގެ އިތުރުން ގައުމީ މުބާރާތުގައި ދެން ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ އެވެ.

ގައުމީ މުބާރާތުގައި ވާދަކުރާ ހަ ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. ގްރޫޕް އެކެއްގައި ނިއު އާއި، އީގަލްސް އަދި ޓީސީ ހިމެނޭ އިރު، ގްރޫޕް ދޭއްގައި ހިމެނެނީ މާޒިޔާ އާއި، ފޭދު އަދި ޔުނައިޓެޑް ވިކްޓަރީ އެވެ.

އެ މުބާރާތުގެ ސެމީއަށް ހޮވޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ޓީމެވެ. ސެމީގެ މެޗުތައް މި މަހުގެ 24 އަދި 25 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.