ކަރަންޓު ސާމާނުގެ ތެރެއިން ހަކަތަ މަދުން ބޭނުން ކުރާ ތަކެތި ލޭބަލް ކޮށް އެނާޖީ އެފިޝެންސީ ސްޓޭންޑަޑް އެއް ތައްޔާރު ކުރުމަށް، ރާއްޖެ އެތެރެ ކުރާ ކަރަންޓު ސާމާނުގެ ޓެކްނިކަލް ދިރާސާއެއް ކުރުމަށް ސީޑީއީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސީޑީއީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓު ކޮންސަލްޓަންޓު މަރިޔަމް ހަނާ ސައީދެވެ. އަދި އެންވަޔަރަންމަންޓު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަތީން ވިދާޅުވީ، އެ ދިރާސާގެ މަގުސަދަކީ ކަރަންޓު ސާމާނުގެ ހަކަތަ ބޭނުންކުރާ މިންވަރާއި އެތަކެތީގެ އެފިޝެންސީ ހުރިމިންވަރު ދެނެގަތުން ކަމަށެވެ. އަދި އެ ދިރާސާގެ އަލީގައި އެނާޖީ އެފިޝެންސީ ލޭބަލް އާއި ސްޓޭންޑަޑެއް ތައްޔާރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އެތެރެ ކުރާ ކަރަންޓު ސާމާނުގެ ޓެކްނިކަލް ދިރާސާ އެއް ކުރުމަށް ސީޑީއީ އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަތީން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

"ދިރާސާ ނިންމާފަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މުސްތަގުބަލުގަ ރާއްޖޭގެ މާކެޓުގަ މިހުންނަ ތަކެއްޗަކީ ހަކަތަ ކޮންގޮތަކަށް ބޭނުން ކުރާ އެއްޗެހިތޯ ހަމަ ދެނެ ގަނެވޭނެ ފަދަ ނިޒާމެއް ނުވަތަ ލޭބަލިން އެއް ތައާރަފް ކޮށް އަދި އެނާޖީ އެފިޝަންސީ ސްޓޭންޑާޑެއްވެސް ތައާރަފް ކުރެވޭނެ. އެނާޖީ އެފިޝަންސީ ސްޓޭންޑަޑެއް ތައާރަފް ކޮށްފަ ހަމަ އަޅުގަނޑުމެންނަށް ކުރެވިދާނެ އެއް ކަމެއް އެއީ ރާއްޖެއަށް އެނާޖީ އެފިޝަންޓު ތަކެތި ގެނައުމަށް ބާރު އެޅޭފަދަ ގޮތަކަށް ޕޮލިސީ ތަކެއް ނުވަތަ ރެގިއުލޭޝަން ތަކެއް ހެދުން،" މަތީން ވިދާޅުވި އެވެ.

ރާއްޖެ އެތެރެ ކުރާ ކަރަންޓު ސާމާނުގެ ޓެކްނިކަލް ދިރާސާ އެއް ކުރުމަށް ސީޑީއީ އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަނާ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަނާ ވިދާޅުވީ، އެ ދިރާސާ ކުރުމަށް ކަސްޓަމްސް އިން ރާއްޖެއަށް އެތެރެ ކުރަމުންދާ މުދާތަކާ ބެހޭ މައުލޫމާތު ނަގާނެ ކަމަށެވެ.

"ކަރަންޓުގެ ސާމާނުތަކަށް ބަލާއިރު އޭގެ ލައިފްޓައިމް ކޯސްޓާއި އޭތި އެތެރެކުރީ ކޮން ގައުމަކުންތޯއާއި، އެނާޖީ އެފިޝިއެންސީ ހުރީ ކިހާ ވަރަކަށްތޯ، އެނާޖީ ކޮންސަމްޕްޝަން ކިހާވަރަކަށްތޯ ބެލޭނެ،" ހަނާ ވިދާޅުވި އެވެ.

އެ ދިރާސާގެ މަސައްކަތް ސީޑީއީ އާ ހަވާލު ކޮށްފައިވަނީ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 254،646 ރުފިޔާ އަށެވެ.