ރާއްޖޭގައި އޮތީ ފަގީރުން އަތުން ބޮޑަށް ޓެކްސް ނަގާ ފަދަ ޓެކްސްގެ ނިޒާމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ، ރާއްޖޭގައި ރިގްރެސިވް ޓެކްސް ނިޒާމެއް އުފެދެމުންދާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ރިގްރެސިވް ޓެކްސް ނިޒާމަކީ، ފަގީރުންގެ އަތުން ޓެކްސްގެ ގޮތުގައި ގިނައިން ފައިސާ ނެގޭ ނިޒާމެކެވެ. ނަމަވެސް ޕްރޮގްރެސިވް ޓެކްސް ނިޒާމަކީ މުއްސަނދިން އަތުން ގިނައިން ޓެކްސް ނަގައި، ފަގީރުން އަތުން މަދުން ޓެކްސް ނެގޭ ނިޒާމެކެވެ.

ބަޖެޓު ކޮމިޓީގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އިންކަމް ޓެކްސް ޕްރޮގްރެސިވްކޮށް ނުނަންގަވައި، ރިގްރެސިވް ޓެކްސް ނަގާ ނަމަ ކޮންމެވެސް ހިސާބަކުން އެބަ ޖެހޭ ސަރުކާރުން މިކަމަށް ވިސްނައި، ޕްރޮގްރެސިވް ޓެކްސްޓޭޝަނަކަށް ދާން. އެހެން ނޫނީ ފަގީރުންނާއި މުއްސަނދިންނާ ދެމެދުގެ ގެޕް ބޮޑުވެ، ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވާނީ. މިހާރު ވެސް މިކަން ބޮޑު އިޖްތިމާއީ މައްސަލައަކަށް ވެއްޖެ،"

ޝަރީފްގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން، ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ ރާއްޖޭގައި ރިގްރެސިވް ޓެކްސް ނިޒާމެއް އޮތް ކަމާއި، ޓެކްސް ނިޒާމު އިތުރަށް ރިގްރެސިވް ވަމުންދާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ.

"ރިގްރެސިވް ޓެކްސް ނިޒާމެއް ރާއްޖޭގައި އޮތޭ ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން. މިހާރު ރާއްޖޭގައި ބީޕީޓީ އަދި ބިމުން ކުލި ނެގޭ. މިއީ ޕްރޮގްރެސިވް ޓެކްސް ނިޒާމު. މުއްސަނދިން އަތުން ގިނައިން ނަގާނެ. ވިޔަފާރިތައް ކުރައްވާ ވަރަކަށް އިތުރަށް ނެގިގެން ދާނެ،" މުނައްވަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ޓެކްސް ނިޒާމަކީ ވޯލްޑް ބޭންކާއި އޭޑީބީ ފަދަ ތަންތަނުން ވަރަށް ބޮޑަށް ބަލައިގެންފައިވާ ނިޒާމެއް ކަމަށެވެ. އަދި މިދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި ޓެކްސް ނިޒާމަށް ގެނެސްފައިވާ ބަދަލުތަކަކީ އެހެން ގައުމުތަކުގައި ކަން ކުރާ ގޮތާ ޚިލާފަށް، ވަރަށް ހަލުއިކޮށް ގެނައި ބަދަލުތަކެއް ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"ޓެކްސް ނިޒާމަކީ ހުރިހާ ކަމެއް އެއްފަހަރާ ހައްލު ކުރެވޭނެ ނިޒާމެއް ނޫން. ވިޔަފާރިތަކަށް ޝޮކު ނުވާނެ ގޮތަށް، މަޑު މަޑުން އެކަންކަމާ ލާމެހިގެން ކަންތައްތައް ކުރަން ޖެހޭނީ،"

މުނައްވަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ޓެކްސް ބޭސް ނުވަތަ ސަރުކާރުން ޓެކްސް ނަގާނެ ކަންކަން އިތުރުކުރުން ކޮށް، އާމްދަނީ އިތުރުކުރުން ކަމަށެވެ.

2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިސާލަކަށް ޓޫރިޒަމް ފުޅާ ވިޔަސް، ވިޔަފާރި ފުޅާ ވިޔަސް، އަޅުގަނޑުމެން އާމްދަނީ އިތުރު ކުރާނީ އެގޮތަށޭ،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން މިހާރު ވެސް ދަނީ، ޓެކްސް ނިޒާމުގައި ހުރި ލޫޕްހޯލްތައް ރަނގަޅުކުރުމުގެ މަސައްކަތް، އެކި ފަރާތްތަކާ ގުޅިގެން ކުރަމުން ކަމަށެވެ.

ދައުލަތުން ވަނީ އަންނަ އަހަރު ގިނަ އާ ޓެކްސްތަކެއް ނެގުމަށް ރާވައިފަ އެވެ. އެގޮތުން މާލޭގައި ތޮއްޖެހުން ކުޑަކުރުމަށް ކޮންޖެޝަން ޓެކްސްއަކާއި، ގެ އިތުރުން ބައެއް މުދާތަކުން ޑިއުޓީ ބޮޑުކުރުމަށް ވެސް ވަނީ ރާވައިފަ އެވެ.