10 Nov 2016, 15:43
ތިމާ ކުރާންޖެހޭ މުހިންމު ކަންކަން ފަހުވަގުތަށް ބެހެއްޓުމަކީ ވަރަށް ގިނަބަޔަކު ކުރާ ކަމެކެވެ. ހާއްސަކޮށް އަހަރެމެން ދިވެހީންގެ ތެރޭގައި ކަންކަން ފަހުވަގުތަށް ބެހެއްޓުމަކީ ވަރަށް އާންމު ކަމެކެވެ. އެހެން ނަމަވެސް މި ނުރަނގަޅު އާދައާ ދުރަށްދާން އެބަޖެހެއެވެ. އެހެނީ ފަހުވަގުތަށް ކަންކަން ބެހެއްޓުމުގެ ސަބަބުން ހީވެސް ނުކުރާ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނޭތީއެވެ.
އިމްތިޚާނުތަކަށް ތައްޔާރުވުމާއި، ބިލްތަކަށް ފީދެއްކުމާއި، ތަންތަނަށް ހުށަހަޅާން ޖެހޭ ރިޕޯޓުތަކާއި ފޯމުތައް ހުށަހެޅުމާއި، އަދި ވޯޓުލުން ފަދަ ތިމާގެ ގައުމީ އަދި ފަރުދީ ވާޖިބު އަދާކުރާން ޖެހޭ ކަންކަން ކުރުމުގައި ވެސް އެންމެ ފަހު ވަގުތަށް މަޑުކުރުމަކީ އަހަރެމެންގެ ތެރޭން ގިނަ ބަޔެއްގެ ކިބައިގައި ހަރުލާފައިވާ ނުރަނގަޅު އާދަތަކެވެ. އެހެންކަމުން ތިމާ ކުރާންޖެހޭ މިފަދަ ކަންކަން އަވަހަށް ނިންމާލުމަކީ އެކަމުގެ ސަބަބުން އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.
ކުރިއަށް އޮތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމެވެ. ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ކައުންސިލަރުން އިންތިޚާބު ކުރުމުގެ ކަންތައް މިހާރު މިވަނީ ބޯމަތިވެފައެވެ. ކައުންސިލްތަކުގެ އިންތިޚާބު އޮތީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. އެ ތާރީޚުގައި އިންތިޚާބު އޮތްކަމުގައި ވިޔަސް އޭގެ ކުރިން ކޮންމެހެން ކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ވޯޓު ލާ މީހުންނާއި އެކަން އިންތިޒާމުކުރާ ފަރާތްތަކާއި، އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތެއްވެސް ވަރަށް ބޮޑު ތައްޔާރީތަކެއް ވާންޖެހެއެވެ.
އެމީހަކު ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ވަރަށް ބޮޑަށް ސަމާލުކަންދޭންވީ ކަމެއް އެބައޮތެވެ. އެއީ ވޯޓު ލުމަށް ރީ-ރަޖިސްޓްރީ ކުރުމެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ. މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ. އެހެންކަމުން ރީ-ރަޖިސްޓްރީ ކުރުމުގެ ކަންތައް އަވަހަށް ނިންމަން އެބަޖެހެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލް ވިދާޅުވި ގޮތުގައި ރީ-ރަޖިސްޓްރޭޝަނަށް ލިބެމުން އަންނަ ތަރުހީބު ވަރަށް ކުޑައެވެ. މިއަދާ ހަމައަށް ރީ-ރަޖިސްޓްރޭޝްޓްރީ ކުރި މީހުންގެ އަދަދު 500 އަށް ވެސް ނާރާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
"މި ވާގޮތަކީ ހުރިހާ ބޭފުޅުންވެސް އެންމެ ފަހު ވަގުތު މިކަމާ އުޅުއްވަނީ. ގާތްގަނޑަކަށް ދެހަފްތާގެ މުއްދަތު ދިިން ކަމުގައި ވީ ނަމަވެސް، އެންމެ ފަހު ދެތިން ދުވަހެއްގައި ފޯމުތައް ހުށަހަޅުއްވަނީ. މިފަހަރު އަދި މިހާތަނަށް 500 ވަރަކަށް މީހުންވެސް ރީ-ރެޖިސްޓްރީ ނުކުރޭ،" ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވިގޮތުގައި އެންމެ އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް، 60،000 - 70،000 އާ ދެމެދުގެ އަދަދަކަށް މީހުން ރީ-ރެޖިސްޓްރީވީ އިރު، އޭގެ ތޭރޭން ގިނަ ބަޔަކު ފޯމުތައް ހުށަހެޅީ އެންމެ ފަހު ދުވަހުއެވެ.
އެގޮތަށް ފަހު ވަގުތަށް ފޯމު ހުށަހަޅާން މަޑުކުރުމުން އޭގެ އުނދަގޫ ކުރިމަތިވަނީ، ހަމައެކަނި އިލެކްޝަންސް ކޮމިޝަނަކަށް ނޫނެވެ. ފޯމު ހުށަހަޅާ މީހާވެސް ދިގު ކިޔުއެއްގައި ޖެހިގެން، ނުވަތަ ވަގުތު ނެތިގެން ހާސްކަންމަތީ އެކަންކުރާން ޖެހުމުން އެމީހާއަށް ކުރިމަތިވާ ދަތިތައްވެސް ކުޑައެއް ނޫނެވެ. އެހެންކަމުން ދެފަރާތަށް ވެސް ފަސޭހަކުރުމުގެ ގޮތުން، އެންމެގެ ފުރިހަމަ އެއްބާރުލުން މިކަމުގައި ލިބެން ޖެހެއެވެ.
މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ވޯޓުލާ މީހުންގެ އާބާދީ 254،870ށް އަރައެވެ. އޭގެތެރޭން ރީ-ރަޖިސްޓްރީ ކުރުމަށް ގާތްގަނޑަކަށް 65،000 މީހުން ހުށަހަޅާނޭކަމަށް އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރެއެވެ. އެހެންކަމުން ރީ-ރެސްޖިސްޓްރޭޝަންގެ މަސައްކަތް އަވަސްކުރަން ޖެހެ އެވެ.
"އެންމެ ފަހު ދުވަހު ރީ-ރަޖިސްޓްރީ ކުރާން އުޅުމަކީ އެކަމުގެ ސަބަބުން ކޮމިޝަނަށާއި ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމެއް،" ކޮމިޝަންގެ މެމްބަރު ޝަކީލް ވިދާޅުވިއެވެ.
އިންތިޚާބު ފުރިހަމަ ކަމާއެކު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު، ރީ-ރަޖިސްޓްރޭޝަންގެ ކަންތައް އަވަހަށް ނިންމާލެވުމަކީ، އެ ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ވަރަށް ބޮޑުތަނުން ފަސޭހަވެގެންދާނެ ކަމެކެވެ.
ދައުލަތުގެ އިދާރާ އަކުން ނުވަތަ އެނޫން ތަނަކުން ވެސް ޚިދުމަތެއް ލިބިގަންނަން ބަލާއިރު، އެކަމަށް ޚާއްސަ އުސޫލުތަކަކާއި ވަގުތެއް ކަނޑައެޅިފައިވާކަން ހަނދާންކުރާން ޖެހެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ ޚިދުމަތަކަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކަމެއްކޮށް ނިންމާލުމަކީ ތިމާއަށް ވެސް އަދި އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ވެސް ލިބޭނޭ ލުޔަކަށް ވެގެންދެއެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިޚާބަށް ރީ-ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ކޮށް ނިންމާލަން އެންމެން އަތުކުރި އޮޅާމަލާހެއްޔެވެ.