އިންޑިއާގެ ގޯއާ ސްޓޭޓުގައި، 13 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށް ޓަކައި، އަލަށް އަޅާ އިންޓަނޭޝަނަލް އެއާޕޯޓު އެޅުމަށް ޖީއެމްއާރު ކުންފުންޏާ ހަވާލުކޮށްފި އެވެ.

ގޯއާ ސްޓޭޓުގައި މިހާރު އޮންނަނީ އެންމެ އެއާޕޯޓެކެވެ. އެއީ ގޯއާގެ ވެރިކަން ކުރާ ޕަނަޖީގެ 30 ކިލޯ މީޓަރު ދުރުގައި، ޑަބޮލިމްގައި ހުންނަ ގޯއާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެހެން ނަމަވެސް އެތަނަކީ ޑަބޮލިމްގައި ހުންނަ، އިންޑިއާ ނޭވީގެ މިލިޓަރީ އެއާބޭސް "އައިއެންއެސް ހަންސާ"ގެ ސިވިލަން އެކްސްކްލޭވެއް ވެސް ހުންނަ ތަނެކެވެ. ޑަބޮލިމް އެއާޕޯޓުގައި ކޮންމެ ދުވަހަކު ވެސް ދުވާލު ގަޑީގައި މިލިޓަރީ ވައިގެ ޓްރެއިނިންގްތައް ހިންގާތީ، ވަކި ވަގުތަކަށް އެއާޕޯޓު ބަންދުކުރެ އެވެ.

މިކަމަށް ހައްލެއް ގެނައުމަށް ޓަކައި ގޯއާ ސަރުކާރުން ނިންމީ، އުތުރު ގޯއާގައި، ސިވިލް ދަތުރުތަކަށް ޚާއްސަކޮށްގެން އާ އެއާޕޯޓެއް އެޅުމަށެވެ. ގޯއާގެ އުތުރުގައި އޮންނަ މޯޕާގައި އަޅާ އެއާޕޯޓު އެޅުމަށް މިދިޔަ އޯގަސްޓް މަހު ބިޑު ހުށަހެޅުމަށް ހުޅުވާލި އިރު، އެ ބިޑު ކާމިޔާބު ކޮށްފައިވަނީ އިންޑިއާގެ ޖީއެމްއާރު ގްރޫޕުގެ ސަބްސިޑަރީ ކުންފުނި، ޖީއެމްއާރު އެއާޕޯޓްސްއިންނެވެ.

މި ހަފްތާގައި ގޯއާގެ ސަރުކާރުން ވަނީ، މޯޕާ އެއަޕޯޓު އެޅުމުގެ މަސައްކަތް ޖީއެމްއާރު އެއާޕޯޓްސްއާ ރަސްމީކޮށް ހަވާލުކޮށްފަ އެވެ.

މޯޕާ އެއާޕޯޓު އެޅުމަށް ޖީއެމްއާރަށް ގޯއާއިން ދިނީ، ޑިޒައިން، ބިލްޑް، ފައިނޭންދް އެންޑް އޮޕަރޭޓުގެ އުސޫލުން، 40 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އިތުރު 20 އަހަރު ދުވަހަށް އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ އިޚްތިޔާރު ވެސް އޮވެ އެވެ.

ޖީއެމްއާރު އެއާޕޯޓްސްގެ ޗެއާމަން ސްރީނިވާސް ބޮއްމިދާލާ ވިދާޅުވީ، ގޯއާގެ އާ އެއާޕޯޓު އެޅުމަށް ޖީއެމްއާރަށް ލިބުމަކީ އުފަލެއް ކަމަށާއި، އެ އެއާޕޯޓަކީ ޕަފޯމަންސްގެ ގޮތުން ފާހަގަކޮށްލެވޭ ތަނަކަށް ވާނެ ކަމަށެވެ.

މޯޕާ އެއާޕޯޓު އަޅަނީ މީގެ ކުރިން އެއްވެސް ކަމަކަށް ބޭނުން ކޮށްފައި ނުވާ ބިމެއްގަ އެވެ.

ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ޖީއެމްއާރުން މޯޕާ އެއާޕޯޓު އިމާރާތްކޮށް، ތަރައްގީކޮށް ހިންގުމަށް ހަމަޖެހިފައިވާ އިރު، އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި 2020 ވަނަ އަހަރުގެ ކުރިން ނިންމޭނެ ކަމަށް ބެލެވެއެވެ. މުޅި މަޝްރޫޢަށް 451.9 މިލިޔަނެއްހާ ޑޮލަރު ޚަރަދުވާ އިރު، ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކަށް 225.9 މިލިޔަން ޑޮލަރު ޚަރަދުވާނެ ކަމަށް ބެލެވެ އެވެ.

ޖީއެމްއާރުން މިހާރު ވެސް އަންނަނީ ދުނިޔޭގެ ތިން އެއާޕޯޓެއް ހިންގަމުންނެވެ. އެއީ އިންޑިއާގެ ނިއުދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހައިދަރާބާދުގެ ރަޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ފިލިޕީންސްގެ މަކްޓަން ސެބޫ އިންޓަނޭޝަނަލް އެއާޕޯޓެވެ.

މީގެ އިތުރުން ތުރުކީގެ އިސްތަންބޫލްގެ ސަބީހާ ގޮކްޖަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބައެއް މަސައްކަތް ވެސް ޖީއެމްއާރުން ކޮށްފައިވެ އެވެ.