11 Nov 2016, 11:39
މެންޗެސްޓާ ޔުނައިޓެޑްގައި ރަނގަޅު މުސްތަގުބަލެއް ބިނާކުރާން، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނޭކަމަށް އެ ކްލަބުގެ އަރްމީނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން ބުނެފިއެވެ.
ސަމަރ ޓްރާންސްފާގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 26.3 މިލިއަން ޕައުންޑަށް ޔުނައިޓެޑާ ގުޅުނު އުމުރުން 27ގެ މިޑްފީލްޑަރަށް، ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޔުނައިޓެޑް ޓީމުން މިހާތަނަށް ފުރުސަތު ލިބިފައިވަނީ މަދު ފަހަރެއްގައެވެ. އެގޮތުން އޭނާއަށް ޕްރިމިއާ ލީގު މެޗެއްގައި ކުޅުމުގެ ފުރުސަތު އެންމެ ފަހުން ދީފައި ވަނީ، ސެޕްޓެމްބަރު މަހު، މެންޗެސްޓާ ސިޓީ އަތުން 2-1 ލަނޑުން ޔުނައިޓެޑް ބަލިވި ޑާރބީ މެޗުގެ ފުރަތަމަ 45 މިނިޓްގައެވެ.
ޔޫރޮޕާ ލީގުގައި ފެނަބާޗޭ އަތުން 2-1 އިން ޔުނައިޓެޑް ބަލިވި މެޗުގެ ފަހު ހާފުގައި މިކިތާރްޔަންއަށް ދަނޑަށް އަރާލުމުގެ ފުރުސަތު މޮރީނިއޯ ދިން ނަމަވެސް، މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ސުވަންސީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި އޭނާ ޓީމަށް ނަގާފައެއް ނުވެއެވެ.
މިކިތާރްޔަން މީގެ ކުރީން ވަނީ، ޔުނައިޓެޑްގައި ކުޅެން ޖެހޭ މަގާމާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ ކްލަބު ދޫކޮށްލަން ޖެހިދާނޭ ކަމަށްވެސް ބުނެފައެވެ. އަދި އަންނަ ޖެނުއަރީ ޓްރާންސްފާގައި އޭނާ ބޭނުން ނަމަ އެ ކްލަބުން އޭނާ ދޫކޮށްލާނޭ ކަމުގެ އަޑުތަކެއްވެސް މިހާރު ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް މިކިތާރްޔާން ބުނީ، އޭނާ އެ ކްލަބު ދޫކޮށް ދާން ބޭނުން ނުވާ ކަަމަށެވެ.
"އެއީ ތެދެއް ވޭތުވެދިޔަ ދުވަސްތަކުގައި ދަނޑުމައްޗަށް އަރާލަން އަހަރެންނަށް ލިބިފައި ވަނީ މަދު ފުރުސަތެއް. އެކަމަކު އަހަރެން އެހާފަސޭހައިން ހުއްޓައެއް ނުލާނަން،" ޔުނިސެފްގެ އެމްބެސެޑަރަކަށް އޭނާ ހަމަޖެއްސި ފަހުން ސްޕޯޓް ބިލްޑަށް ދިން އިންޓަވިއުއެއްގައި މިކިތާރްޔާން ބުނެފައިވެއެވެ.
"އަހަރެންގެ ކެރިއަރުގައި ވަރަށް ބުރަކޮށް މަސައްކަތްކޮށްފިން، އަދި ޔުނައިޓެޑަށް ކުޅުމަކީ ކުރި ދިގު އިންތިޒާރެއް. ޔުނައިޓެޑްގައި އަހަރެންގެ އުންމީދު ހާސިލްކުރުމަށް އަދިވެސް މަސައްކަތްކުރާނަން.
"އަހަރެން އުންމީދު ދޫކޮށެއް ނުލާނަން، އަދި އަހަރެން ބޭނުންވާ ލަނޑުދަނޑި ހާސިލްކުރެވޭނޭ ގޮތްތައް ހޯދާނަން."
ހުސްވި ހަފްތާގައި މޮރީނިއޯ ބުނެފައި ވަނީ، ޔުނައިޓެޑްގެ ފުރަތަމަ 11އިން ޖާގަ ހޯދާން މިކިތާރްޔާން ބޭނުންނަމަ، އޭނާ އެ އިތުބާރު ހޯދާން ޖެހޭ ކަމަށެވެ.
"އަހަރެން ނުވިސްނަން، އޭނަ (މިކިތާރްޔާން) ފޮނުވާލާކަށް، އެކަމަ އޭނާ އެބަ ޖެހޭ ބުރަ މަސައްކަތެއް ކުރާން. އެއީ އުނދަގޫކަމެއް ނޫން،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ، ޔުނައިޓެޑު މި ސީޒަނަށް ނުކުތީ ބޮޑެތި ކަންތައްތަކެއް ހާސިލްކުރާން ކަމަށާއި އެހެންކަމުން ޓީމުގައި ހިމެނުމަށް ކޮންމެ ކުޅުންތެރިޔަކުވެސް ބުރަކޮށް މަސައްކަތްކުރާން ޖެހޭ ކަމަށެވެ.
ޔުނައިޓެޑާ މޮރީނިއޯ ހަވާލުވިފަހުން، ކުޅުމުގެ ފުރުސަތު ގެއްލެމުންދާ ކުޅުންތެރީންގެ ތެރޭގައި މިކިތާރްޔާންގެ އިތުރުން، އެ ކްލަބުގެ ދެ ޑިފެންޑަރުން ކަމަށްވާ، ކްރިސް ސްމޯލިންއާއި ލޫކް ޝޯވެސް ހިމެނެއެވެ.