ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭތީ ބްލޫ ކަޕަޗީނޯ އާއި ކެފޭ އަލްފްރެސްކޯ ވެސް ބަންދުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ )އެމްއެފްޑީއޭ( އިން މިއަދު އަންގައިފި އެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިރީގައި ހިންގާ މަޝްހޫރު އަލްފްރެސްކޯ ރެސްޓޯރެންޓާއި މާވެޔޮމަގުގައި ހުންނަ ބްލޫ ކަޕަޗީނޯ ބަންދުކުރީ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭތީ ކަމަށް އެ އޮތޯރިޓީން ބުނި ނަމަވެސް، އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.

އެ އޮތޯރިޓީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބަންދުކުރާ ތަންތަނާ ބެހޭ ތަފްސީލު މިހާރު މީޑިއާ އަށް ނުދޭން އޮފީހުން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމި ސަބަބެއް ވިދާޅެއް ނުވެ އެވެ.

ނަމަވެސް، ސަން އަށް އެނގިފައިވާ ގޮތުގައި، މިހާތަނަށް އެ އޮތޯރިޓީން ބަންދު ކުރި ތަންތަނުގެ ވެރިފަރާތްތަކުން ގެންދަނީ އެ އޮތޯރިޓީއަށް ވަރަށް ބޮޑަށް ޝަކުވާ ހުށަހަޅަމުންނެވެ. އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ބައެއް ފަރާތްތަކުން މީޑިއާގައި ރައްދު ދީފައި ވެސްވެ އެވެ.

ކާބޯތަކެތި ހަދައި ވިއްކާ ތަންތަން ބެލުމަށް "ރައްކާތެރި ކާބޯތަކެތި- އެންމެންގެ ޒިންމާ" މި ޝިޔާރުގެ ދަށުން އެމްއެފްޑީއޭން ހިންގާ އޮޕަރޭޝަނުގެ ދަށުން ބަންދުކުރި މަޝްހޫރު ރެސްޓޯރެންޓްތަކުގެ ތެރޭގައި ރާވެރިޔާ އާއި ވެސްޓް ޕާކު އަދި މިސްޓާ ޗިކޯ ރެސްޓޯރެންޓް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ޗިކޯ ރެސްޓޯރެންޓް ފިިޔަވައި އެހެން ތަންތަން މިހާރު ވަނީ ހުޅުވައިފަ އެވެ. އަދި މާރުކޭޓު ހޮޓާ ހުޅުވަން ވެސް ވަނީ ހުއްދަ ދީފަ އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނި ގޮތުގައި، ޗިކޯ ބަންދު ކުރީ ޓައިލްސް ކަފާތީ އެވެ. އަދި ކުރަތްޕާއި ހޯނު ފަދަ ސޫފާސޫފި ފެނިގެން ރާވެރިޔާ ބަންދުކުރި އިރު، ވެސްޓް ޕާކު ބަންދުކުރީ ގިނަ އަދަދަކަށް މެއްސާއި އަދި ބުޅާ ކާބޯތަކެތި ތައްޔާރުކުރާ ސަރަހައްދުން ފެނުމުންނެވެ.

މީގެ އިތުރުން ކުރިން ބަންދުކުރި ފަސޭހަ ޕޮއިންޓް ހޮޓަލުގެ ފާހަނާ ތެރެއިން ދިރޭ ބަކައްޓެއް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އޮފިޝަލުންނަށް ވަނީ ފެނިފަ އެވެ.