10 Nov 2016, 10:36
ވޮޝިންޓަން(ނޮވެމްބަރު 10): އެމެރިކާއަށް ހިޖުރަކުރާ މީހުންނާއި މުސްލިމުންނާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އޭނާއާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ.
ޓްރަމްޕާ ދެކޮޅަށް ނިއު ޔޯކުގައި އިއްޔެ ރޭ މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ޓްރަމްޕް އޯގައިނައިޒޭޝަންގެ ހެޑްކުއާޓާސް ހުންނަ އަދި ޓްރަމްޕް ދިރިއުޅުއްވާ ޓްރަމްޕް ޓަވަރު ކައިރިއަށް އެއްވެ މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައެއް ބައިވެރިން އެމެރިކާގެ ދިދައިގައި ރޯކޮށްފައިވާ އިރު އެހެން ފަރާތްތަކުން ޓްރަމްޕަކީ އެމީހުންގެ ރައީސް ނޫން ކަމަށާއި އެގައުމަށް "ނަސްލީ ތަފާތު ކުރާ" ރައީސަކު ބޭނުން ނުވާ ކަމަށް ބުނެފައެވެ.
ނިއު ޔޯކުގެ އިތުރުން މުޒާހަރާތައް ބާއްވާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ވޮޝިންޓަން، ޓެނެސީ އަދި އިލިނޯއި ހިމެނެ އެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ނުރުހުން ފާޅު ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ސްކޫލްތަކާއި ކޮލެޖުތަކުގެ ޓީޗަރުންނާއި ދަރިވަރުން ކްލާސްރޫމްތަކުން ނިކުމެ، އެއްވުންތައް ބާއްވާފައިވެއެވެ.
އަންގާރަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބު ޓްރަމްޕް ކާމިޔާބުކުރެއްވުމާ ގުޅިގެން އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހިލަރީ ކްލިންޓަން ވަނީ ބަލި ގަބޫލު ކުރައްވައި، ވެރިކަން ކުރަން ޓްރަމްޕަށް ޭ ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ޓްރަމްޕަށް މަރުހަބާ ވިދާޅުވެ، އެމެރިކާގެ ރައްޔިތުން އިންތިހާބުގެ ނަތީޖާ ގަބޫލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. (އަލްޖަޒީރާ)