10 Nov 2016, 10:12
ވޮޝިންޓަން (އޮކްޓޯބަރު 10): އެެމެރިކާގެ ރައީސް ބަރަކް އޮބާމާ އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް މަރުހަބާ ވިދާޅުވެ، ވައިޓް ހައުސްއަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފި އެވެ.
ރިޔާސީ ކެމްޕެއިންގައި ޓްރަމްޕަށް ދެކޮޅަށް ކެމްޕެއިން ކުރައްވާ، އޭނާއަކީ ވެރިކަމަށް ކުފޫ ހަމަ ނުވާ ބޭފުޅެއް ކަމަށް ވިދާޅުވި އޮބާމާ ވަނީ އިއްޔެ ޓްރަމްޕަށް ފޯނުން ގުޅުއްވާ އޭނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އޮތް ނަމަވެސް، ދެ ބޭފުޅުން ވެސް ބޭނުން ވަނީ ގައުމަށް އެންމެ ރަނގަޅު ގޮތްކަން ފާހަގަ ކުރައްވާފަ އެވެ.
"އަޅުގަނޑުމެން މިހާރު އުއްމީދު ކުރަނީ ޓްރަމްޕް ކާމިޔާބު ކަމާ އެކު ގައުމު ހިންގައި، ގައުމު އެއްބައިވަންތަ ކުރާނެ ކަމަށް،" އޮބާމާ ވިދާޅުވި އެވެ.
ވައިޓް ހައުސްއަށް ވަޑައިގަތުމަށް އޮބާމާ ޓްރަމްޕަށް ދައުވަތު ދެއްވީ ވެރިކަން ބަދަލު ކުރުމުގެ ކަންތައްތައް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދެވުމުގެ ގޮތުންނެވެ.
އަންގާރަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޑިމޮކްރަޓިކް ކެނޑިޑޭޓު ހިލަރީ ކްލިންޓަންގެ މައްޗަށް ކުރި ހޯއްދަވައި އެގައުމުގެ 45 ވަނަ ރައީސުގެ މަގާމަށް އިންތުހާބުވި ޓްރަމްޕް ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ 20ގަ އެވެ. (ބީބީސީ)