ރާއްޖެއިން ފުރާ މީހުންނާއި ރާއްޖެއަށް އަންނަ މީހުންނާ ބެހޭ ކަންކަން ރޭވުމުގައި މޯލްޑިވްސް އިމިގްރޭޝަނާ މަޝްވަރާކޮށްގެން ކަންކަން ކުރިޔަށް ގެންދިއުމަށް އެ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

ސްރީލަންކާގެ ކޮލޮމްބޯއިން އައްޑޫ ސިޓީއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން ދިޔަ ސްރީލަންކަން އެއާލައިންސްއިން ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން އެ އެއާލައިނަށް ވަނީ އަންގައިފަ އެވެ. ސިވިލް އޭވިއޭޝަނުން ބުނެފައި ވަނީ ބައިނަލްއަގުވާމީ ޝެޑިއުލް ފްލައިޓުތައް ހެންޑްލް ކުރުމަށް ބޭނުންވާ ސިސްޓަމްތައް އަޕްގްރޭޑު ކޮށް ނިމިފައި ނުވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އިއްޔެ މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އައްޑުއަށް ސްރީލަންކަން އެއާލައިންސްއިން ދަތުރުތައް ފަށަން އުޅޭ މައުލޫމާތު މީޑިއާ މެދުވެރިކޮށް އެނގުމުން، ދެ ފަހަރެއްގެ މަތިން ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ގަން އެއާޕޯޓު ތަރައްގީކުރާ ކުންފުންޏާ އެކު އިމިގްރޭޝަނުން ބައްދަލުކުރި ކަމަށެވެ.

އިމިގްރޭޝަނުން ބުނީ، އެ ދެ ކުންފުނިން ބުނާ ގޮތުން ގަމަށް ޝެޑިއުލް ދަތުރުތައް ކުރުމުގެ ހުއްދަ އަދި އެއްވެސް ފަރާތަކަށް ދީފައި ނުވެ އެވެ. އަދި ސްރީލަންކަންއިން ކުރަމުންދާ މަސައްކަތަކީ މާކެޓިންގް ކެމްޕޭނެއް ކަމަށް ވެސް އެ ދެ ފަރާތުން ބުނި ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ރާއްޖެ އަށް އެތެރެވުމާއި ރާއްޖެ އިން ފުރުމުގެ ހުއްދަ ދިނުމުގެ ބާރު ގާނޫނުން މަތިކޮށްފައި ވަނީ އެ އިދާރާ ކަމަށާއި، އެހެންކަމުން ރާއްޖެއިން ފުރާ، އަދި ރާޢްޖެ އަންނަ މީހުންނާ ބެހޭ ކަންކަން ރާވާ އިރު އިމިގްރޭޝަނާ އެކު ދުރާލާ މަޝްވަރާކޮށްގެން ކަންކަން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

"އިމިގްރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ދިވެހިރާއްޖޭގެ ރައްޔިތުންނާއި ގައުމުގެ ސަލާމަތަށް އިސްކަންދީގެންކަން އެންމެހާ ފަރާތްތަކަށް ޔަގީންކަން ދެން،" އިމިގްރޭޝަނުން ބުންޏެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހްމަދު ސައީދު "ސަން" އަށް ވިދާޅުވީ، ސްރީލަންކަންއިން ގަމަށް ދަތުރުތައް ފެށުމުގެ މަޝްވަރާތަކެއް ކުރެވިފައިވާނެ ކަމަށާއި، ނަމަވެސް އެއްވެސް ތާރީޚަކަށް އެއްބަސްވެފައި ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އައްޑޫ އެއާޕޯޓުގައި ޝެޑިއުލް ފްލައިޓުތައް ހެންޑްލް ކުރުމަށް ކޮންމެހެން ހުންނަން ޖެހޭ ބައެއް ކަންކަން އެއާޕޯޓުގައި ފުރިހަމަ ނުވާ ކަމަށާއި، ފުރިހަމަ ނުވެ އޮތީ ބޯޑާ ކޮންޓްރޯލް ފޯ އެކްސްޕެޓްރިއެޓް ވޯކާސް އެންޑް ލޯކަލްސްގެ އޮޓޮމޭޓެޑް ސިސްޓަމް ކަމަށެވެ.

"ފުލީ ފްލެޖްޑް ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ނުހުންނާނެ. އެ ސިސްޓަމްތައް ވެސް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރަމުން މި ދަނީ،" އިބްތިޝާމާ ވިދާޅުވި އެވެ.