އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގެ ގަދަ ހަތަރަކުން ރާއްޖޭގެ ފިރިހެން ޓީމު ޖާގަ ހޯދައިފި އެވެ.

އެ މުބާރާތުގައި އިއްޔެ ރާއްޖޭގެ ފިރިހެން ޓީމު ހޯދި ބޮޑެތި ކާމިޔާބީތަކާއެކު އެ މުބާރާތުގެ ސުޕަރ ލީގަށް ވަނީ ދަތުރުކޮށްފައެވެ.

އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގެ ތެރެއިން: ރާއްޖޭގެ ފިރިހެން ޓީމު އިއްޔެ ކުޅުނު ދެ މެޗުން މޮޅުވި އިރު، އަންހެން ޓީމު ވަނީ އިނގިރޭސިން ބަލިކޮށްފައި --- ފޮޓޯ/ ކެރަމް އެސޯސިއޭޝަން

ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގެ ސުޕަރ ލީގުގައި ވާދަކުރާނީ ދުނިޔޭގެ އެންމެ މޮޅު ހަތަރު ގައުމުގެ ޓީމުތަކެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފިރިހެން ޓީމު ވެސް ވަނީ ހިމެނިފައެވެ.

ރާއްޖޭގެ ފިރިހެން ޓީމު އިއްޔެ ވަނީ ބޮޑު ދެ ކާމިޔާބެއް ހޯދައިފައެވެ. ރާއްޖޭގެ ފިރިހެން ޓީމުން މުބާރާތުގައި މެލޭޝިއާ އަތުން 3-0 އިން މޮޅުވި އިރު، ޕޮލެންޑް އަތުން ވެސް ރާއްޖޭގެ ފިރިހެން ޓީމު މޮޅުވެފައި ވަނީ 3-0 އިންނެވެ.

އެ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު އިއްޔެ ކުޅުނު މެޗުގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބެއް ވަނީ ހޯދައިފައެވެ. އަމިއްލަ ގައުމުގައި ކުޅެމުންދިޔަ އިނގިރޭސިންގެ މައްޗަށް ރާއްޖޭގެ ޓީމު ކުރި ހޯދާފައި ވަނީ 3-0 އިންނެވެ.

އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގެ ތެރެއިން: ރާއްޖޭގެ ފިރިހެން ޓީމު އިއްޔެ ކުޅުނު ދެ މެޗުން މޮޅުވި އިރު، އަންހެން ޓީމު ވަނީ އިނގިރޭސިން ބަލިކޮށްފައި --- ފޮޓޯ/ ކެރަމް އެސޯސިއޭޝަން

އިނގިރޭސިވިލާތުގެ ބާމިންގްހަމްގައި ކުރިއަށްގެންދާ އެ މުބާރާތުގައި ރާއްޖޭން ވާދަކުރުމަށް ހަމަޖެހިފައި ވަނީ ޑަބަލްސް އިވެންޓާއި، ސްވިސް ލީގާއި، ޓީމް އިވެންޓް އަދި ސިންގަލްސް އިވެންޓުގައެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ޖުމްލަ އަށް ކުޅުންތެރިން ހިމެނެ އެވެ. އެއީ އަންހެން ހަތަރު ކުޅުންތެރިންނާއި، ފިރިހެން ހަތަރު ކުޅުންތެރިންނެވެ.

ގައުމީ ޓީމުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނަކީ އަލީ އާޒިމާއި، ހުސައިން އަލީ އާއި، މުހައްމަދު މުންތަސިރު އަދި އަހްމަދު ހާމިދެވެ. އަންހެން ކުޅުންތެރިންނަކީ އައިޝަތު ފައިނާޒާއި، އައިމިނަތު ވިޝާމާ އާއި އައިމިނަތު ވިދާދު އަދި އައިމިނަތު ސުބާ އެވެ.

އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގެ ތެރެއިން: ރާއްޖޭގެ ފިރިހެން ޓީމު އިއްޔެ ކުޅުނު ދެ މެޗުން މޮޅުވި އިރު، އަންހެން ޓީމު ވަނީ އިނގިރޭސިން ބަލިކޮށްފައި --- ފޮޓޯ/ ކެރަމް އެސޯސިއޭޝަން

ރާއްޖޭން އެ މުބާރާތަށް ތައްޔާރުވުމަށްޓަކައި، އިންޑިއާއާ އެކު ރާއްޖޭގައި ވަނީ ޓެސްޓް ސީރީސް މެޗުތަކެއް ކުޅެފައެވެ. އެ މެޗުތަކުން ރާއްޖޭގެ އަންހެން ކުޅުންތެރިޔާ އައިޝަތު ފައިނާޒް ހޯދި ކާމިޔާބު ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން ޒުވާން ކުޅުންތެރިޔާ އައިމިނަތު ސުބާ ވެސް ވަނީ އިންޑިއާގެ ކުޅުންތެރިއެއް އަތުން މޮޅުވެފައެވެ. އެއީ ރާއްޖޭގެ ކެރަމް ތާރީހުގައި އިންޑިއާގެ ކުޅުންތެރިއެއް އަތުން ރާއްޖޭގެ އަންހެން ކުޅުންތެރިން މޮޅުވި ފުރަތަމަ ފަހަރެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 11ގެ ނިޔަލަށް ކުރިއަށްގެންދާ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި 17 ގައުމަކުން 126 ކުޅުންތެރިން ވާދަކުރާނެ އެވެ.