ހޭންޑްބޯލް މޯލްޑިވްސްގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އަހްމަދު މުޖުތަބާ (މުޖޭ) އިންތިހާބުކޮށްފި އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސްގެ މަގާމަށް މުޖޭ އިންތިހާބުކޮށްފައި ވަނީ ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި އެ އެސޯސިއޭޝަންގެ އިންތިހާބީ ޖަލްސާގައެވެ.

އެ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވި މުޖޭ، މަގާމަށް ހޮވުމަށް ވޯޓުގައި ބައިވެރިވެފައި ވަނީ ޔޫތު ސްޕޯޓްސް ކްލަބެވެ. ހޭންޑްބޯލް މޯލްޑިވްސްގެ އަސާސީ ގަވާއިދު ބުނާގޮތުން ވޯޓްލުމުގެ ހައްގު ލިބިގެންވަނީ ފާއިތުވެދިޔަ ތިން އަހަރު ހޭންޑްބޯލް ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކްލަބުތަކެވެ.

މި އަހަރުގެ ތެރޭގައި ގިނަ ކްލަބުތަކެއް ހޭންޑްބޯޅައިގެ ހަރަކާތްތަކުގައި ބައިވެރިވާން ފެށި ނަމަވެސް، ފާއިތުވެދިޔަ ތިން އަހަރު މެދުކެނޑުމެއްނެތި ހޭންޑްބޯލްގެ ހަރަކާތްތަކުގައި ބައިވެރިވި ހަމައެކަނި ކްލަބަކީ ޔޫތު ސްޕޯޓްސް ކްލަބެވެ. އެގޮތުން ޝަރުތު ފުރިހަމަވެ، ވޯޓުގައި ބައިވެރިވި ޔޫތު ސްޕޯޓްސްއިން ނިންމީ ނައިބު ރައީސް ކަމަށް މުޖޭ ގެންނަން ފެންނަ ކަމަށެވެ.

ހޭންޑްބޯލް މޯލްޑިވްސް ވުޖޫދަށް ގެނައުމާ ހަމައިން އެ އެސޯސިއޭޝަންގެ އިސް ސަފުން އެންމެ ހަރަކާތްތެރި އެއް ފަރާތް ކަމަށްވާ މުޖޭ އަކީ ކުރިން ޖެނެރަލް ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނެވި ފަރާތެވެ. މުޖޭ މަގާމަށް އައުމާއެކު ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަލުން ބޭފުޅަކު ވަނީ އިންތިހާބުކޮށްފައެވެ.

ނައިބު ރައީސް އިންތިހާބު ކުރުމަށްފަހު، ރޭ ބޭއްވި އެކްސްކޯ ބައްދަލުވުމުގައި ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އެގްޒެކެޓިވް ކޮމިޓީގެ ތާއީދާއެކު އެ އެސޯސިއޭޝަންގެ ރައީސް އަހްމަދު އިސްމާއިލް އައްޔަންކުރައްވާފައި ވަނީ މުހައްމަދު ޖައުޝާން ޝަރީފް (ޖައު) އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ މިހާރުގެ ދައުރު ހަމަވެގެންދާނީ 2018 ވަނަ އަހަރު އެވެ. އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އެކުލަވާލައި، އެންމެ ފަހުން އިންތިހާބު ބާއްވާފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.