ވިލާ ކޮލެޖުގެ ލޯގޯ ބޮލީވުޑްގެ މަޝްހޫރު ފިލްމެއްގެ ކަމުގައިވާ “ފާލްތޫ”ގައި ބޭނުންކޮށްފައިވާ މަންޒަރުތަކެއް ފެނިއްޖެ އެވެ.

މިދިޔަ މާޗް މަހު ބޮލީ ވުޑްގައި ރިލީޒްކޮށްފައިވާ އެ ފިލްމަކީ ފިލްމީ ދާއިރާގައި މަޝްހޫރު ކޮރެއޮގްރާފާ ރެމޯ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މުޅި ފިލްމުގައި ވެސް ދައްކުވައިދެނީ ހައިސްކޫލް ނިންމި ދަރިވަރުންތަކެއް ކޮލެޖަކުން ފުރުސަތު ނުލިބުމުން "ފޭކް" ކޮލެޖެއް ހަދައި، ފަހުން އެކަންތައް ފަޅާއަރާ މަންޒަރެވެ.

ފާލްތޫ އެންމެ ފަހު މަންޒަރުގައި ފެންނަނީ ގިނަ ކޮލެޖްތަކެއް ބައިވެރިވެގެން ބާއްވާ ނެށުމުގެ މުބާރާތެކެވެ. އެ މުބާރާތް ފެށުމުގެ ކުރިން ހޯލްތެރޭގައި ތިބޭ ކޮލެޖްތަކުގެ ކުދިންތައް ދައްކާއިރު ފެންނަ އެކިއެކި ކެލެޖްތަކުގެ ލޯގޯއާއި ދިދައިގެ ތެރޭގައި ވެސް ވިލާ ކޮލެޖްގެ ލޯގޯ ޖަހާފައިވާ ބެނާތަކެއް ބޭނުންކުރާތަން ފެނިގެންދެ އެވެ.

ވިލާ ކޮޖެލްގެ މާލެޓިން މެނޭޖަރު އަމްޖަދު އަބްދުލް ވައްހާބު މިއަދު ވިދާޅުވީ ވިލާ ކޮލެޖަށް ވެސް އެކަން ފާހަގަކުރެވިފައިވާ ކަމަށާއި ނަމަވެސް ވިލާގެ ލޯގޯއެއް އެ ފިލްގައި ބޭނުންކުރަންޖެހޭ އެއްވެސް ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެ ކޮލެޖާއި އެފިލް އުފެއްދި ފަރާތާއި އެއްވެސް ގުޅުމެއް ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
" ވިލާ ކޮލެޖުން އެމައްސަލާގައި މެނޭޖްމަންޓް ލެވެލްގައި އެއްވެސް މަޝްވަރާކޮށްފައެއް ނުވާނެ،" އަމްޖަދު ވިދާޅުވި އެވެ.
ފިލްމުގައި ބޭނުންކޮށްފައިވާ ވިލާކޮޖެކްގެ ލޯގޯ ފެންނަ ބެނާތަކަކީ އިންޑިޔާގެ ކޮލެޖެއްގައި ނުވަތަ ޔުނިވާސިޓީއެއްގައި ބޭނުންކުރަމުން އަންނަ ލޯގޯއެއް ކަމަށް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.