ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް އާންމު އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން ރިޔާސަތުގައި ބޭއްވި ޕީީޕީއެމުން ކައުންސިލް ބައްދަލުވުމަށްފަހު ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ޕާޓީތަކުގެ ޕްރައިމަރީތަކުން ނާކާމިޔާބުވާ ކެންޑިޑޭޓުން އިންތިހާބުތަކުގައި އަމިއްލަ ގޮތުން އާންމު އިންތިހާބުތަކުގައި ވާދަ ކުރުމަކީ ހުރިހާ ޕާޓީތަކަށް ވެސް ދިމާވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ސިޔާސީ ޕާޓީތަކާ ވާހަކަ ދައްކައިގެން އެ މައްސަލައަށް ހައްލެއް ގެނައުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް އާރިފް ވިދާޅުވި އެވެ.

ކައުންސިލް ބައްދަލުވުމާ ގުޅޭ ގޮތުން އެ ޕާޓީގެ ސެކެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ އެ ޕާޓީ ކުރިއެރުވުމަށް މިނިވަން ކަމާއެކު ހިންގޭނެ ކޮމެޓީތަކެއް އެކުލަވާލަން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީ ޓިކެޓް ދޭނީ ޕޮއިންޓްތަކެއް ކަނޑައަޅައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ކަމަށާއި ޕްރައިމަރީ ބާއްވާނީ އެ ޝަރުތުތައް ހަމަނުވާ ފަރާތްތަކުގެ މެދުގައި ކަމަށް ހަލީލް ވިދާޅުވިއެވެ.

ޝަރުތުތަކާއި ގުޅޭ ގޮތުން ހަލީލް ވިދާޅުވީ އޭގެ ތެރޭގައި ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށާއި އެގޮތުން ސިޔާސީ ދާއިރާއަށް ގާބިލްކަމަށް ބެލެވޭނެ ކަމަށެވެ.