ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ހިންގާ ކޮމިޓީ އަށް ތިން މެންބަރަކު ހޮވުމަށް ބޭއްވި އިންތިހާބީ ޖަލްސާ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބާތިލްކޮށްފި އެވެ.

ހޯމް މިނިސްޓްރީން ވަނީ އިންތިހާބީ އެ ޖަލްސާ ބާތިލްކޮށް ވިކްޓަރީއަށް ސިޓީއެއް ފޮނުވައިފަ އެވެ. ހޯމް މިނިސްޓްރީން ވިކްޓަރީގެ އިންތިހާބު ބާތިލްކޮށްފައި ވަނީ އެފްއޭއެމްގެ އިންތިހާބު ވެސް ކުޑަތަންވެފައި ވަނިކޮށެވެ.

ވިކްޓަރީގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އައްސަދާއި ބޯޑު ދެ މެންބަރުން ކަމަށްވާ މުހައްމަދު އަޝްމަލީ އަދި ޑރ. އިބްރާހިމް ނާޝިދު އިސްތިއުފާ ދިނުމާ ގުޅިގެން ޗެއާމަން ކަމަށް އިންތިހާބުކޮށްފައި ވަނީ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ. އަދި ބޯޑު ދެ މެންބަރުންނަށް އިންތިހާބުކޮށްފައި ވަނީ އަހްމަދު އަރީޝް އާއި މަރިޔަމް މުހައްމަދު (މާޔަން) އެވެ.

ވިކްޓަރީގެ ވައިސް ޗެއާމަން އަބްދުﷲ މައުމޫން (މާނު)އަށް ހޯމް މިނިސްޓްރީގެ ރަޖިސްޓްރާ ޔޫސުފް އަބްދުލްޣަފޫރު ފޮނުއްވި ސިޓީގައި ބުނެފައިވާ ގޮތުގައި، ވިކްޓަރީގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކޮށްފައިވަނީ އެ ކްލަބުގެ އިންތިހާބު ވެފައިވާ ދެ ވައިސް ޗެއާމަނުންނަށް އެއްވެސް އެންގުމެއް ނެތި ކަމަށާއި އެއްވެސް އިއުލާނެއް ކުރުމެއް ނެތި ކަމަށް ވައިސް ޗެއާމަނުން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

ވިކްޓަރީގެ ހިންގާ ގަވާއިދުގައިވާ ގޮތުން ރައީސް ނެތް ހާލަތެއްގައި ކްލަބުގެ ހިންގުމުގެ ހުރިހާ ކަމެއް ކުރަންވާނީ ނައިބު ޗެއާމަނުންގެ ބެލުމުގެ ދަށުންނެވެ. ނައިބު ޗެއާމަނުންގެ މަގާމު ފުރުއްވަމުން ގެންދަވަނީ މާނު އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.

ވިކްޓަރީގެ ހިންގާ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ނިންމައި، އޮކްޓޯބަރު މަހު ބޭއްވި އިންތިހާބީ ޖަލްސާ ހޯމް މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ. އަދި ކުރިން ވެސް ވިކްޓަރީގެ ހިންގާ ކޮމިޓީއާ އެކު ކުރިއަށް ދިއުމަށް ހޯމް މިނިސްޓްރީން އަންގާފައިވެ އެވެ.

ހޯމް މިނިސްޓްރީގެ އެ އެންގުމުގައިވާ ގޮތުންނަމަ، ކުރިން އިސްތިއުފާ ދެއްވި ޗެއާމަން އައްސަދާއި ބޯޑު ދެ މެންބަރުން މިހާރު ވެސް ވިކްޓަރީގެ ހިންގާ ކޮމިޓީގައި ހިމެނޭނެ އެވެ. އަދި ފަހުން އިންތިހާބުކުރި މުހައްމަދު އިސްމާއިލް އާއި، އަރީޝް އާއި، މާޔަން އަށް މަގާމުތައް ގެއްލޭނެ އެވެ.

ވިކްޓަރީން އިންތިހާބުގައި ތާއީދުކުރަން ކުރިން ނިންމާފައި ވަނީ އެންމެ ފަހުން އެެފްއޭއެމްގެ ރައީސްކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް) އަށެވެ. މި މަހުގެ 20 ވަނަ ދުވަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ޓޮމްއާ ވާދަކުރައްވާނީ އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ.