އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެފައިވާ ޑޮނަލްޑް ޓްރަމްޕަށް ވެރިކަން ކުރުމުގެ ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށާއި، ރައްޔިތުން ޓްރަމްޕްއާ މެދު ހުޅުވާލެވިފައިވާ ސިކުނޑިއެއްގެ ނަޒަރުން ވިސްނަންޖެހޭ ކަމަށް އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ހިލަރީ ކްލިންޓަން ވިދާޅުވެއްޖެއެވެ.

އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތުމުން ބަލި ގަބޫލުކުރައްވައި، މިރޭ އޭނާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވީ ޓްރަމްޕް ވެރިކަމަށް އައުމަކީ އޭނާޗއާއި އޭނާގެ ކެމްޕޭން ބޭނުންވި ކަންތައް ނޫން ކަމަށާއި، ނަމަވެސް މިހާރު ޓްރަމައަކީ އެމެރިކާގެ އިންތިޚާބީ ރައީސް ކަމަށެވެ.

"އަޅުގަނޑު ޑޮނަލްޑް ޓްރަމްޕްއަށް މަރުހަބާ ކިޔައިފީމު. އަދި ގައުމަށްޓަކައި، އޭނާއާ އެކުގައި މަސައްކަތް ކުރާނެކަން އަޅުގަނޑު ވާނީ ބުނެފައި. އަޅުގަނޑު އުންމީދުކުރަން އޭނާއަކީ މިގައުމުގެ ރައްޔިތުންނަށް ކާމިޔާބު ރައީސަކަށް ވާނެ ކަމަށް،"

ހިލަރީ ވިދާޅުވީ އިންތިޚާބު ނާކާމިޔާބުވުމަކީ އޭނާ އާއި، އޭނާއަށް ސަޕޯޓުކުރި މިލިޔަން ރައްޔިތަކަށް ލިބުނު ހިތާމައެއް ކަމަށެވެ. ނަމަވެސް އޭނާގެ ކެމްޕޭނާއި އޭނާ މަސައްކަތް ކުރެއްވި މަގްސަދަކީ އަމިއްލަ ކުރިއެރުމެއް ހޯދުމަށް ކުރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ އަހަރެމެން ލޯބިވާ މި ގައުމަށްޓަކައި، އުންމީދީ އެމެރިކާއެއް ބިނާކުރުމަށް ކުރި މަސައްކަތެއް. މި ގައުމު ބައިބައިވެފައި އޮތް ނަމަވެސް، އަޅުގަނޑު އަދިވެސް، އަދި ކުރިޔަށް އޮތް ތަނުގައި ވެސް އެމެރިކާއާ މެދު ބޮޑެތި އުންމީދުތަކެއް ކުރާނަން،"

ހިލަރީ ވިދާޅުވީ ރިޔާސީ އިންތިޚާބު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވާފައިވާތީ، އޭނާއަށް ވެރިކަން ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށާއި، އޭނާއާ މެދު އޯޕަން މައިންޑަކުން ވިސްނަން ޖެހޭ ކަމަށެވެ.

އެމެރިކާގެ ތާރީޚުގައި ވެސް ރައީސްކަމާ އެންމެ ގާތަށް ދަތުރުކުރެއްވި އަންހެން ބޭފުޅަކީ ހިލަރީއެވެ. ހިލަރީގެ ވާހަކައިގައި އޭނާ ވިދާޅުވީ، އޭނާ އެމެރިކާގެ ފުރަތަމަ އަންހެން ރައީސާގެ މަގާމަށް އައުމަށް ކުރި މަސައްކަތުގައި އޭނާއަށް އެއްބާރުލުން ދިން ހުރިހާ އަންހެނުންނާ މެދު ފަޚުރުވެރިވާ ކަމަށާއި، ޝުކުރު އަދާކުރާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ، އަދި އެންމެ ބޭރު ތޮށިގަނޑު ފަޅާލެވޭ ހިސާބަށް ނުދެވޭކަން. އެކަމަކު ކޮންމެވެސް ދުވަހަކުން، ކޮންމެވެސް މީހަކު އެހިސާބަށް ދާނެ. އަދި އެކަން ވާނީ އަހަރެމެން ހީކުރާ ވަރަށް ވުރެ އަވަހަށް ކަމަށް ވެސް ވެދާނެ،"

ހިލަރީ ވިދާޅުވީ، އަންހެނުންނަކީ އަގު ހުރި، ބާރުގަދަ ބައެއް ކަމަށާއި، އެކަމާ މެދު ޝައްކު ކޮށްގެން ނުވާނެ ކަމަށެވެ. އަދި ކޮންމެ އަންހެނަކަށް ވެސް ބޭނުންވާ ހުރިހާ ފުރުސަތެއް ހޯދުމާއި، ކުރިއަރައި ދާން ބޭނުންވާ ހުރިހާ ހިސާބަކަށް ދިއުމުގެ ހައްގު އަބަދުވެސް އޮންނާނެ ކަމަށް ހިލަރީ ވިދާޅުވިއެވެ.