މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އުފައްދާ ތަކެތި ވިއްކޭނެ ޒަމާނީ ނިޒާމެއް މީޑިއާ ނެޓުން ތައާރަފްކޮށްފިއެވެ.

"ވީޑިއޯ ކުލަބް"ގެ ނަމުގައި ރޭ މީޑިއާ ނެޓުން ތައާރަފްކުރި ހިދުމަތް އައިޓީވީ މެދުވެރިކޮށް ޓީވީތަކަށް ލިބޭއިރު "އޯޕަން މައިޓީވީ" މެދުވެރިކޮށް ސްމާޓް ޑިވައިސްތަކަށް ވެސް އެ ޚިދުމަތް ލިބެއެވެ. އެއާއެކު ވީޑިއޯތައް ހަލުވި ސްފީޑްގައި ބަލާލެވެއެވެ.

މީޑިއާ ނެޓުން ބުނީ ދިވެހި ފަންނުވެރީންނަށް މީޑިއާ ނެޓުން ޕޮއިންޓް ގަނެގެން އެ މީޑިއާއަށް ފިލްމާއި ލަވަ ފަދަ މުނިފޫހި ފިލުވުމުގެ ތަފާތު ވީޑިއޯތައް ލެވޭނެ ކަމަށެވެ. އެގޮތަށް ކޮންޓެންޓް ލާ މީހުންނަށް އެތަކެތި ވިއްކައިގެން އާމްދަނީ ލިބޭނެ ކަމަށް ބުނެއެވެ.

"ނޮން އެކްސް ކުލޫސިވްކޮށް، ނޫނީ އެކްސް ކުލޫސިވްކޮށްވެސް މަސައްކަތް ކުރެވިދާނެ. ނޫނީ ރެވެނިއު ޝެއާކޮށްގެންވެސް މަސައްކަތް ކުރެވިދާނެ. އަޅުގަނޑުމެންގެ ހުށަހެޅުމަކީ ކޮންޓެންޓް ޕްރޮޑިއުސަރސް އާއި ވީޑިއޯ ކްލަބާ އެކީ މަސައްކަތްކޮށްގެން ދެބައި މީހުންނަށްވެސް ފައިދާ ވާގޮތަށް އިންޑަސްޓްރީ ކުރިއަރުވަން،" އޮފިޝަލް ވިދާޅުވިއެވެ.

އެތަކެތި ވިއްކާ އުސޫލެއް އަދި ފައިސާ ލިބޭނެ ގޮތުގެ ތަފްސީލެއް މީޑިއާ ނެޓުން ހާމައެއްނުކުރެއެވެ.

މީޑިއާ ނެޓުން ބުނީ އެ ކުންފުނީގެ ބޭނުމަކީ ވީޑިއޯ ކުލަބް މެދުވެރިކޮށް ދިވެހި އުފެއްދުންތަކަށް އިތުރު އާމްދަނީއެއް ހޯދޭނެ ގޮތްތަކެއް ކަނޑައެޅުން ކަމަށެވެ.