ދުނިޔޭގެ ސުޕަ ޕަވަރުގެ ގޮތުގައި ބެލެވޭ އެމެރިކާގެ ތާރީޚުގައި އިއްޔެއަކީ އާދަޔާޚިލާފު ދުވަހެކެވެ. އެމެރިކާގެ 45 ވަނަ ރައީސްގެ މަގާމު އިއްޔެ ކާމިޔާބުކުރެއްވި، އެގައުމުގެ މަހުޖަނު ޑޮނަލްޑް ޓްރަމްޕް އިންތިޚާބަށް ކެމްޕޭންކުރައްވަން ފެއްޓެވީއްސުރެން ވެސް އޭނާއަށް ދަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

އޭރު އެފަދަ ފާޑުކިޔުންތައް އައީ ސިޔާސީ ބޭފުޅުންގެ ފަރާތުންނެވެ. އަދި ޓްރަމްޕާ ދެކޮޅަށް ކެމްޕޭންކުރަމުން ގެންދިޔަ އިދިކޮޅު ސަޕޯޓަރުންގެ ފަރާތުންނެވެ. އެހެންނަމަވެސް އެމެރިކާގެ ރިޔާސީ އިންތިޚާބު ޓްރަމްޕު ކާމިޔާބުކުރެއްވުމާ އެކު، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ކުޅިވަރު ކަމަށްވާ ފުޓްބޯޅައިގެ ދުނިޔޭން ވެސް ޓްރަމްޕަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ. އޭގެ ތެރޭގައި މިހާރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރީންނާއި ފުޓްބޯޅަ ލެޖެންޑުން ހިމެނެ އެވެ.

އެމެރިކާގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ކްރިސްޓަލް އެލިސާ ޑަން ބުނީ، މި އިންތިޚާބާ އެކު އޭނާ ނިދިން ވެސް މުޅިން މަހުރޫމުވެއްޖެ ކަމަށެވެ. އަދި މާދަމާ ލޯހުޅުވާލާއިރު ދުނިޔެ ސަލާމަތުން އޮތުމަށް އެދި ދުއާކުރާކަމަށެވެ.

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ، އަދި މިހާރު ސްޕޯޓްސް ބްރޯޑްކާސްޓަރެއް ކަމަށްވާ ގެރީ ލިނެކާ ބުނީ، އަހަރެމެން ތަޖުރިބާކުރަމުން މިދަނީ އާދަޔާޚިލާފު ޒަމާނެއް ކަމަށެވެ.

އެމެރިކާގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ޖޭ ޑިމެރީޓް ބުނީ، އޭނާގެ މުޅި ހަޔާތުގައި ވެސް، އޭނާއަކީ ވިސްކޮންސިންގެ ރައްޔިތެކޭ ބުނަނީ ފަޚުރުވެރިކަމާ އެކު ކަމަށެވެ. ނަމަވެސް މިއަދު އެހެން ބުނާން ބޭނުުން ނުވާ ކަމަށެވެ. ޑޮނަލްޑް ޓްރަމްޕު ވަނީ، އެމެރިކާގެ ހުޅަގުގެ ސްޓޭޓެއް ކަމަށްވާ ވިސްކޮންސިންގެ 10 އިލެކްޓޯރަލް ވޯޓް ކާމިޔާބުކުރައްވައިފައެވެ.

އެމެރިކާގެ މޭޖާ ސޮކާ ލީގުގެ ކްލަބެއް ކަމަށްވާ ޓޮރޮންޓޯ އެފްސީގެ ގޯލްކީޕަރު ކްލިންޓަން ރޮބާޓް އިރްވީން ބުނީ، ވޭތުވެ ދިޔަ ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ އާންމު ތައުލީމީ ނިޒާމް ހަރުދަނާ ނުކުރުމުގެ ނަތީޖާ މިއަދު ފެނިއްޖެ ކަމަށެވެ. އެމެރިކާގެ ރައްޔިތުން މިއަދު ދެކެމުން މިދަނީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތައް ޖާހިލުކަންމަތީ ތިބުމުން ދެން ލިބުން އެންމެ ހައްގު ކަންތައްތައް ކަމަށެވެ.

އެމެރިކާގެ ގައުމީޓީމަށް ވެސް ކުޅެފައިވާ، އަދި މިހާރު އެލްއޭ ގެލެކްސީގެ މިޑްފީލްޑަރަކަށް ކުޅެމުން އަންނަ، ރޮބީ ރޮޖާސް ބުނީ، ބިރުވެރިކަން ފިލުވާލައި، އުންމީދާއި އެކުވެރިކަމާއި، ދީލަތިކަމާއި އަދި ލޯބި ލިބިގެންވާ ގައުމެއް ބިނާކުރުމަށް އެންމެ އަތުގުޅާލައިގެން މަސައްކަތްކުރާން ޖެހޭ ކަމަށެވެ.

އިނިގިރޭސި ކްލަބު ޓޮޓެންހަމް ހޮސްޕާގެ ބެލްޖިއަމް ޑިފެންޑަރު ޔާން ވެޓޮންގަން ބުނީ، އޭނާއަށް މިއަދު ފެންނަނީ ގަބޫލުކުރަން ވެސް ދަތި މަންޒަރުތަކެއް ކަމަށެވެ. އޭނާ ސިފަކުރި ގޮތުގައި އެމެރިކާގެ ރައީސްކަމަށް ޓްރަމްޕު ހޮވުމަކީ ބޮޑު ލަދުވެތި ކަމެކެވެ.

ބެލްޖިއަމްގެ ގައުމީ ޓީމާއި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ވަނީ އިއްޔެއަކީ، ދުނިޔެއަށް ހިތާމަވެރި ދުވަހެއްގެ ގޮތުގައި ސިފަކޮށްފައެވެ. ކޮމްޕެނީ ބުނީ، ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިބި މޮޔައިންނަށް ބާރުތައް ދީފައި، ދެންވާގޮތެއް ބަލަން ތިބެމާހެއްޔެވެ.

އެމެރިކާގެ ރިޔާސީ ރޭސް، ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރި ޓްރަމްޕު ކާމިޔާބުކުރެއްވީ، ގިނަބަޔަކު ހީކުރިގޮތާ މުޅިން ޚިލާފަށެވެ. އިންތިޚާބުގެ ކުރީން ނެގި ޚިޔާލުހޯދުމުގެ ނަތީޖާތައް ވެސް ބޮޑަށް ބުރަވީ ޓްރަމްޕާ ވާދަވެރި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަނާ އެއްކޮޅަށެވެ. އެހެން ނަމަވެސް ޓްރަމްޕު ހިލަރީ ބަލިކުރެއްވީ، 289 - 218 އިލެކްޓޯރަލް ވޯޓްގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.