09 Nov 2016, 18:54
ސޮނީ ސްޕޯޓްސް އާއި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދާ "ސޮނީ ސްޕޯޓްސް ރަން ފޯރ ޗެރިޓީ" ދުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގެންފި އެވެ.
ތެލެސީމިއާ ސޮސައިޓީ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ އެ ހަރަކާތުގައި މިއަދު ހަވީރު މިނިސްޓަރު ނާޒިމްގެ އިތުރުން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވެސް ވަނީ ބައިވެރިވެފަ އެވެ.
ސޮނީ ސްޕޯޓްސް އާއި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދާ 'ސޮނީ ސްޕޯޓްސް ރަން ފޯރ ޗެރިޓީ ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރިއަށްގެންދާ އެ ދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކުން ވެސް ކުޅިވަރު އެކުވަނި ދުވާ ޓްރެކްގައި ފުރިހަމަކުރާ ކޮންމެ ބުރަކަށް ސޮނީ ސްޕޯޓްސްގެ ފަރާތުން ޗެރިޓީގެ ގޮތުގައި ފަސް ރުފިޔާ ހަދިޔާކުރެ އެވެ.
ހެލްތު މިނިސްޓްރީ އާއި، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި ޓީސީ ސްޕޯޓްސް އިން ވެސް މިއަދު ވަނީ އެ ދުވުމުގައި ބައިވެރިވެފަ އެވެ. އޭގެ އިތުރުން އެކި ދުވަސްތަކުގެ މަތިން ސަރުކާރުގެ އިދާރާތަކުންނާއި، ސަރުކާރު ކުންފުނިތަކުންނާއި، އަމިއްލަ ކުންފުނިތަކާއި، ޖަމިއްޔާތަކުން އަދި ގިނަ އަދަދެއްގެ އާންމު ފަރުދުން ވެސް ބައިވެރިވެފައިވެ އެވެ.
ސޮނީ ސްޕޯޓްސް އާއި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދާ 'ސޮނީ ސްޕޯޓްސް ރަން ފޯރ ޗެރިޓީ ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ސޮނީ ސްޕޯޓްސް ޗެރިޓީ ދުވުމުގައި އިއްޔެގެ ނިޔަލަށް 2800 އަށްވުރެ ގިނަ މީހުން ދުވެ، ޓްރެކް ވަށާ ގިނަ ބުރުތަކެއް ފުރިހަމަކޮށްފައިވެ އެވެ. އަދި އިއްޔެގެ ނިޔަލަށް އެ ހަރަކާތުން 135،505 ރުފިޔާ ލިބިފައިވާ ކަމަށް ސޮނީ ސްޕޯޓްސް އިން މައުލޫމާތުދެ އެވެ.
ކޮންމެ ދުވަހެއްގެ ވެސް ހަވީރު 5:00އިން ފެށިގެން ރޭގަނޑު 8:00ގެ ނިޔަލަށް އެ ހަރަކާތް ކުރިއަށްދާނެ އެވެ. ސޮނީ ސްޕޯޓްސް ޗެރިޓީ ދުވުމުގެ އެންމެ ފަހު ދުވަހަކީ މާދަމާ އެވެ. ތެލެސީމިއާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ސޮނީ ސްޕޯޓްސް އާއި ތެލެސީމިއާ ސޮސައިޓީން އެދެ އެވެ.
ސޮނީ ސްޕޯޓްސް އާއި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދާ 'ސޮނީ ސްޕޯޓްސް ރަން ފޯރ ޗެރިޓީ ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޗެރިޓީ ދުވުމުގެ އެ ހަރަކާތަކީ ފެޑޯ އާއި ސޮނީ ހާޑްވެއާ އާއި ހަސަން މެރިން އިންޖިނިއަރިން އާއި ކޮކާކޯލާ އާއި އުރީދޫ މޯލްޑިވްސް އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ.