އެމެރިކާގެ ރިޔާސީ އިންތިޚާބު، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރުމަކީ، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގެ ނިމުން ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާ، ޔަހޫދީ ބަޔިތު ޕާޓީގެ ޗެއާމަން ނަފްތަލީ ބެނެޓް، ޑޮނަލްޑް ޓްރަމްޕްގެ ކާމިޔާބީއާ ގުޅިގެން މިއަދު ވިދާޅުވީ އެ ކާމިޔާބަކީ ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

"ފަލަސްތީނުގެ އެ ދައުލަތް ގާއިމުކުރުމަކީ އިސްރާއީލުގެ މަގްސަދާއި ސެކިއުރިޓީއަށް އޮތް ބިރެއް. ޓްރަމްޕްގެ ކާމިޔާބަކީ އިސްރާއީލުގައި ދައުލަތެއް ގާއިމުކުރާ ކުރުން ހުއްޓާލުމުގެ ފުރުސަތެއް. މިއީ އެމެރިކާގެ އިންތިޚާބީ ރައީސްގެ ތަސައްވަރަކީ އެއީ. އަދި އަހަރެމެންގެ ސިޔާސަތަކަށް ވާންޖެހޭނީވެސް އެކަން،" ނަފްތަލީ ވިދާޅުވިއެވެ.

ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރުމާ ގުޅިގެން އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޓްރަމްޕާށް މަރުހަބާ ވިދާޅުވެފައެވެ. ނަތަންޔާހޫ ވިދާޅުވީ ދެގައުމުގެ ދެމެދުގައި ގާއިމުކުރެވިފައިވާ "އިއްތިހާދު"، ޓްރަމްޕްގެ ރިޔާސީ ދައުރުގައި ބަދަހިކޮށް އޮންނާނެކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ކެމްޕޭންގެ ދުވަސްވަރު ނަސްލީ، ޖިންސީ އަދި ދީނީ ގޮތުން ތަފާތުކުރުންތަކެއް ގެންގުޅޭނެކަން ހާމަވާ ފަދަ ގޮތަކަށް ވާހަކަ ދައްކަވައިފައެވެ.

ވަކިން ޚާއްސަކޮށް، އެމެރިކާގައި ދިރިއުޅޭ ހުރިހާ މުސްލިމުން ޑީޕޯޓު ކުރާނެ ކަމަށާއި، އެމެރިކާއަށް މުސްލިމުން ވަނުން މަނާ ކުރާނެ ކަމަށް ވިދާޅުވެފައިވާ އިރު، އެމެރިކާއާއި މެކްސިކޯއާ ދެމެދު ބޮޑު ފާރެއް ނުވަތަ ހުރަހެއް ގާއިމުކޮށް، މެކްސިކޯއިން އެމެރިކާއަށް މީހުން ވަނުން ހުއްޓުވުމަކަށް ގެންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.