09 Nov 2016, 17:12
ވޮޝިންޓަން (ނޮވެމްބަރު 9): އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވެ ވަޑައިގަތުމަށް ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ވަރަށް ތަފާތު ގޮތަކަށް ހިފެހެއްޓުން ތަކަކާއެކު އޭނާއަށް މަރްޙަބާ ކިޔަމުން އެބަގެންދެއެވެ.
ނަމަވެސް އެމެރިކާގެ ރިޔާސަތަށް އިންތިޚާބު ކުރެވޭ އެހެން ރައީސުންނާ ޚިލާފަށް ދުނިޔޭގެ ލީޑަރުން އަދި ޚާއްސަކޮށް އެ ބްލޮކަކަށް އެމެރިކާ ނިސްބަތްވާ ހުޅަނގުގެ ލީޑަރުން ޓްރަމަޕަށް މަހްރަބާ ދަންނަވަމުން ގެންދަވަނީ ވަރަށް ތަފާތު ގޮތަކަށެވެ. ހުޅަނގުގެ ލީޑަރުންނަށް ބަލާއިރު އޭގެތެރެއިން ގިނަ ލީޑަރުންނަކީ ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ވެޑައިގަތުމަކީ ދުނިޔޭގެ އަމަނާއި ސަލާމަތަށްހުރި ބިރެއްކަމަށް އިންތިޚާބުގެ ކޭންޕޭންގެ ދުވަސްވަރު ސިފަކުރެއްވި ބޭފުޅުންނެވެ. މީގެތެރޭގައި ފަރަންސޭސި ރައީސް ފޮންސުވާއޮލާންދް އާއި ޖަރުމަނުގެ ޗާންސެލަރ އެނެގެލާ މާކަލް އާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރާއި އެގައުމުގެ ކުރީގެ ޚާރިޖީ ވަޒީރު ހިމެނިވަޑައިގެންނެވިއެވެ.
ފަރަންސޭސި ރައީސްއާއި ޖަރުމަނުގެ ޗާންސެލަރ އަދި ޓްރަމްޕަށް ރަސްމީކޮށް އަދިވެސް މަރްޙަބާ ނުދަންނަވަ އެވެ. ނަމަވެސް އެ ދެ ގައުމުގެ ޚާރިޖީ ވަޒީރުންވަނީ ފިނިގޮތަކަށް ހިފެހެއްޓުންތަކަކާއެކު ޓްރަމްޕަށް މަރްޙަބާ ދަންނަވާފަ އެވެ. މިގޮތުން އެދެގައުމު ޚާރިޖީ ވަޒީރުންވަނީ އެމެރިކާއާއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުޢާހަދާތަކަށް އިޙްތިރާމް ކުރުމަށް ޓްރަމްޕަށް ގޮވާލައްވާފަ އެވެ. މިއީ އާންމުކޮށް ހުޅަނގުގެ ލީޑަރުން ހުޅަނގުގެ އެންމެ އިސް ގައުމު ކަމަށްވާ އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރެވޭ ބޭފުޅަކަށް ކުރިން މަރްހަބާ ކިޔާ ގޮތެއްނޫނެވެ.
ފަރަންސޭސި ސަރުކާރުން ފިނިގޮތަކަށް ޓްރަމްޕަށް ފަރަންސޭސިވިލާތުގެ އިދިކޮޅު އަދި ހަރުކަށި ނެޝަނަލިސްޓް ލީޑަރެއް ކަމަށްވާ މެރިން ލޮޕޭންވަނީ ޓްރަމްޕަށް ހޫނު މަރްހަބާއެއް ދަންނަވާފަ އެވެ. އަދި އޮސްޓްރޭލިޔާގެ ނެޝަނަލިސްޓް ލީޑަރު ވެސްވަނީ ޓްރަމްޕަށް ހޫނު މަރްހަބާ ދަންނަވާފައެވެ. ނަމަވެސް އޮސްޓްރޭލިޔާގެ ސަރުކާރުން އަދި ރަސްމީގޮތުން ޓްރަމްޕަށް މަރްޙަބާ ކިޔާފައެއް ނުވެއެވެ.
އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުންގެ ތެރެއިން ޓްރަމްޕަށް ހޫނު މަރްޙަބާއެއް ދެންނެވީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންއެވެ. ޕޫޓިން، ޓްރަމްޕަށް ފޮނުއްވި ތަހްނިޔާގައި އެމެރިކާ އާއި ރަޝިޔާ ގުޅިގެން ޙައްލުކުރެވޭނެ މައްސަލަތައް ދުނިޔޭގައި ގިނަކަމަށް ވިދާޅުވެ ޓްރަމްޕާ އެކުގައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ. އަދި އަމާންތަނަކަށް ދުނިޔެ ހެދުމުގައި ދެގައުމުގެ މަސްއޫލިއްޔަތު ބޮޑުކަމަށްވެސް ޕޫޓިން ގެ މެސެޖްގައި ވިދާޅުވިއެވެ.
ޓްރަމްޕް އެމެރިކާގެ ރައީސަކަށް ހޮވުމުން އެންމެ ބޮޑު ކާމިޔާބެއް ލިބުނު ބޭފުޅަކީ ރަޝިޔާގެ ރައީސް ޕޫޓިންކަމަށް ހުޅަނގުގެ މީޑިޔާއިން ވަނީ ސިފަކޮށްފައެވެ. ހުޅަނގުގެ މީޑިޔާއިން ޓްރަމްޕް ސިފަކުރަމުން ގެންދިޔައީ ވަރަށް ނުބައި ބޭފުޅެއްގެ ގޮތުގައެވެ. އަދި ޓްރަމްޕަކީ ދުނިޔޭގެ އަމްނާއި ސަލާމަތަށް ހުރި ބިރެއްގެ ގޮތުގައި ސިފަކޮށް އޭނާގެ ވާދަވެރިޔާ ހިލަރީ ކްލިންޓަންގެ ފަތިފުށް ރީތިކުރުމަށް ހުޅަނގުގެ މީޑޔާއިން ވަރަށްބޮޑަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އެމެރިކާއިން އަރަބި އިސްލާމީ އެތަށް ގައުމަކާ ދެކޮޅަށް އެމެރިކާއިން ހަމަލާދީ އުދުވާން ހިންގީ ހިލަރީގެ ޚާރިޖީ ވަޒީރު ކަމުގައެވެ.
ހުޅަނގުގެ މިޕްރޮޕަގެންޑާތަކުގެ ސަބަބުން އެމެރިކާގެ ރިޔާސީ އިންތިޚާބަށް (ޓްރަމްޕާ ދެކޮޅަށް) ވަރަށް ބޮޑެތި އަސަރުތަކެއްވެސް ކުރިކަމަށް ބުނެވެއެވެ.
އިސްލާމީ ގައުމުތަކުގެ ތެރެއިން ކުވައިތާއި އީރާނުންވަނީ ޓްރަމްޕަށް މަރްޙަބާ ކިޔާފައެވެ. މީގެތެރެއިން އީރާނުން ޓްރަމްޕަށް ފިނިގޮތަކަށް މަރްޙަބާ ކިޔާފައިވާއިރު ކުވަތުގެ އަމީރުވަނީ ޓްރަމްޕަށް ހޫނު މަރްޙަބާއެއް ވިދާޅުވެފައެވެ. އީރާނުންވަނީ އެމެރިކާ ހިމެނޭގޮތަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާއެކު ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމަށް އިހްތިރާމް ކުރުމަށް ޓްރަމްޕަށް ގޮވާލާފައެވެ.
އެމެރިކާގެ ކުންފުނިތަކުގެ ބޮޑުންނާއި އެމެރިކާގެ ރަސްމީ ފަރާތްތަކާއި ނުފޫޒުގަދަ މާލީ މުއައްސަސާތަކާ އަދި އެލީޓް ގްރޫޕްތަކުން ކެނޑިނޭޅި ޓްރަމްޕާ ދެކޮޅަށް މަސައްކަތް ކުރަމުން ދަނިކޮށް ރައްޔިތުން ޓްރަމްޕް އިންތިޚާބު ކުރުމަކީ އެމެރިކާގެ ސިޔާސަތުތަކާއި އެމެރިކާ ގެ ޙާލަތު އޮތްގޮތާމެދު ރައްޔިތުން ނުރުހޭކަން ހާމަވެގެންދިޔަ ކަމެކެވެ.
ޓްރަމްޕަކީ ހަރުކަށި އަދި މުސްލިމުންނާ ދެކޮޅަށް ހަރުކަށި ބަސްތައް ވިދާޅުވާ ބޭފުޅެއް ނަމަވެސް އޭނާވަނީ ހަނގުރާމައާ ދުރަށް އެމެރިކާ ގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަނެއްކޮޅުން ހިލަރީ ފަދަ މުސްލިމުންނާ ދެކޮޅަށް ހަރުކަށިބަސް ވިދާޅުނުވާ ބޭފުޅުން އެބޭފުޅުންގެ ހަރުކަށިކަން މުސްލިމުންނަށް ދައްކަވަނީ އިސްލާމީ ގައުމުތަކަށް ހަމަލާދީ ޑަޒަން ޑަޒަނަށް މީހުން މަރައިގެންނެވެ. އެހެންކަމުން ހިލަރީ ފަދަ ލީޑަރުން ގެންދަވަނީ އެމެރިކާގެ ހަގީގީ ސޫރައިގެ ބަދަލުގައި ދެފުށް ދެ ގޮތް ސިޔާސަތުތަކެއް ދައްކަވަމުންނެވެ.
އެމެރިކާ ގައުމުތަކަށް އަރައިގަތުމާ ދެކޮޅަށް ޓްރަމްޕް ވަކާލާތު ކުރައްވާފައިވާއިރު ހިލަރީ މިފަދަ ވާހަކައެއް ނުދައްކަވައެވެ. ޓްރަމްޕްގެ ޝިޢާރަކީ "އެމެރިކާ ފަސްޓް" ގެ ޝިޢާރެވެ. ހަނގުރާމަ އާއި ތަޅާފޮޅުމަށް އެމެރިކާގެ ބައިތުލްމާލުން ޚަރަދުކޮށްކޮށް އެމެރިކާ އިނދަޖެހޭ ހިސާބަށް ކަންތައް ގޮސްފި ކަމަށާއި މިކަން ހުއްޓުވާނެ ކަމަށް ޓްރަމްޕް ވިދާޅުވުމަކީ އެމެރިކާގެ ރަސްމީ ފަރާތްތަކާއި ނުފޫޒުގަދަ މާލީ މުއައްސަސާތަކާ އަދި އެލީޓް ގްރޫޕްތަކުން ކެނޑިނޭޅި ޓްރަމްޕާ ދެކޮޅަށް މަސައްކަތް ކުރަމުން ގެންދިޔަ މައިގަނޑު ސަބަބު ކަމަށްވަނީ ބެލެވިފައެވެ. ޓްރަމްޕްގެ ކާމިޔާބީ އާ ގުޅިގެން އެމެރިކާގެ އެލީޓުންނާއި ނުފޫޒުގަދަ ފަރާތްތައްވަނީ ވަރަށްބޮޑަށް ދެރަވެ ލަދުގެންފައެވެ.
(ނޫސްއެޖެންސީތައް)