އެމެރިކާގެ ރައީސް ކަމަށް މިއަދު އިންތިޚާބުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތާއީދު ކުރައްވައިފި އެވެ.

މިއަދު ދަރުބާރުގޭގައި ޕީޕީއެމް އިން ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެހެން ގަމުގެ ކަންތައްތަކާ ނުބެހުމަކީ ޓްރަމްޕު ގެންގުޅުއްވާ ސިޔާސަތެއް ކަމަށާއި އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

"މިއަދު އެމެރިކާގެ އާ ރައީސަކު އިންތިޚާބުވެގެން އެ ދިޔައީ. އޭނަގެ ބަސްފުޅުތައް ހުރިގޮތުން ވެއްޖެއްޔާ ވިދާޅުވެފައި ހުރި އެންމެ ވަރުގަދަ ވާހަކައަކީ މިހާ ހިސާބުން ވެއްޖެއޭ އެމެރިކާ މުޅި ދުނިޔޭގެ ކަންތައް ޕޮލިސްކުރާ ބަޔަކަށް ވުން ހުއްޓާލަން. މުޅި ދުނިޔޭގެ ޕޮލިސްމަން އަކީ އެމެރިކާ އަށް ވުން ހުއްޓާލަންޖެހެއޭ. މިއީ ޝައްކެއް ވެސް ނެތްގޮތުގައި ވަރަށް ރަނގަޅު ވާހަކައެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ގައުމަކީ ވެސް ސިޔާދަތީ ބާރު އޮތް އެގައުމެއްގެ ފުރިހަމަ އިސްތިގުލާލާއި މިނިވަންކަން އޮންނަ ގައުމަކަށް ވާން ޖެހޭ ކަމަށެވެ.

ޓްރަމްޕްގެ އެ ސިޔާސަތު ތަންފީޒުކޮށްފި ނަމަ ދުނިޔެއަކީ މިހާރަށް ވުރެ އަމާންތަނަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ މި ސިޔާސަތުގެ ދަށުން މިހާރު ހޮވިވަޑައިގެންނެވި ރައީސް އެ ވިދާޅުވާ ގޮތަށް ކަންތައް ކުރައްވާ ކަމަށްވަންޏާ ޝައްކެއް ވެސް ނެތްގޮތުގައި ދުނިޔެއަކީ މިހާރަށް ވުރެ އަމާންތަކަށް ވެގެންދާނެ. އެހެން ނޫނީ އަޅުގަނޑުމެންނަށް މިހާތަނަށް ފެނިގެން މިދިޔައީ ދުނިޔޭގެ ކޮންމެ ދިމާލެއްގައި ހިނގާ ކޮންމެ ކަމެއްގައި ވެސް ކޮންމެވެސް ކަހަލަ އިންޓްރެސްޓެއް. ކޮންމެވެސް ބާރުގެ އިސްތިއުމާރީ ވަރު ހުރި ފަރާތެއް އޮވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ވަނީ ޓްރަމްޕަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ހޫނު ‏މަރްޙަބާއެއް ވިދާޅުވެފައިވެ އެވެ. އަދި، އެމެރިކާ ރައީސްގެ މަޤާމުގެ މަސްޢޫލިއްޔަތުތައް ޓްރަމްޕް ކާމިޔާބުކަމާ އެކު އަދާ ކުރެއްވުމަށް އެދިލައްވާކަމުގައާއި ހެޔޮއެދުންތައް ‏‏ފޮނުއްވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާއި އެމެރިކާއާ ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުމުގެ މައްޗައް އަލި އަޅުއްވާލައްވަމުން، އެމެރިކާގެ އިންތިޚާބީ ރައީސް ޓްރަމްޕްގެ ޒަޢާމަތުގައި، އެމެރިކާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެ އެވެ‏‎.‎‏

އަދި ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން، ‏‏ކުރިއަށް އޮތް ތާނގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.‏

މީގެ އިތުރުން، އެމަނިކުފާނުގެ މެސެޖުގައި ޑޮނަލްޑް ޓްރަމްޕަށް ފުރިހަމަ ޞިއްޙަތަކަށް އެދިލައްވާކަމުގައި ވިދާޅުވެފައިވެއެވެ.