ރާއްޖޭގެ ރަށްރަށުގެ ކުނި ނައްތާލާ ނިޒާމް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ޓަކައި ކުނި ނައްތާލާ އިކުއިޕްމަންޓްތަކެއް ނުވަ ރަށަކާ ހަވާލުކޮށްފި އެވެ.

އޭޝިއަން ޑިވޮލަޕްމެންޓް ބޭންކް (އޭޑީބީ)ގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އެ ތަކެތި ދިނުމަށް ކަނޑައަޅާފައިވާ ރަށްތަކަކީ ލ. ފޮނަދޫ އާއި އެ އަތޮޅު ގަމާއި އދ. މަންދޫ އާއި ދަނގެއްޗާއި މަހިބަދޫ އާއި ހަންޏާމީދޫ އެވެ. އަދި އއ. އުކުޅަހާއި ދ. ހުޅުދެއްޔާއި އަދި އެ އަތޮޅު މާއެނބޫދޫ ހިމެނެ އެވެ.

ކުނިނައްތާލުމުގެ ޕްރޮޖެކްޓްގެ ދަށުން އެ ރަށްތަކާ ހަވާލު ކުރުމަށް ހަމަޖެހިފައި ވަނީ 1.5 ޓަނުގެ ނުވަ ޓްރެކާއި ހަތަރު ޕްލާސްޓިކް ޝްރެޑް ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނެވެ. އަދި ސެންޓްރަލް ޔުޓިލިޓީސް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބުދުﷲ ޖަމީލެވެ. ސައުތު ސެންޓްރަލް ޔުޓިލިޓީސް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސޯލިހެވެ. އަދި މެދު އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ފަރާތުން ސޮއިކުރެވީ އެ އިދާރާގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިރުފާން ޒަކީ އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަކުރަމް ކަމާލުއްދީން ވިދާޅުވީ އިކުއިޕްމަންޓްތައް ހަވާލު ކުރި ރައްތަކުގެ ތެރެއިން ޔުޓިލިޓީސް ނުހިމެނޭ ރަށްތައް ހަވާލު ކުރާ ގޮތަށް ހަމަޖެހިފައި ވަނީ ގައުމީ އިދާރާތަކާ ކަމަށެވެ.

އަދި ރައްޖޭގެ ހުރިހާ ރަށްތަކެއްގައި ވެސް މި ޕްރޮޖޮކްޓް ހިންގުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެ އަކުރަމް ކަމާލުއްދީން ވިދާޅުވީ ޔުޓިލިޓީސުން ބަޔަކާ އެ މަސައްކަތް ހަވާލު ނުކުރާހާ އިރަކު ކުނީގެ ކަންތައް ބަލަހައްޓާނީ ޔުޓިލިޓީސުން ކަމަށެވެ.