ބޭރުގެ ހަތް ގައުމެއްގައި ގާއިމުކޮށްފައިވާ، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް "ހައިކޮމިޝަން"އިން އަށް ރަސްމީކޮށް ބަދަލުކޮށްފި އެވެ.

"ހައިކޮމިޝަން"އަކީ ކޮމަންވެލްތު މެމްބަރު ގައުމަކުން، އެ ޖަމިއްޔާގެ މެމްބަރު އެހެން ގައުމެއްގައި ގާއިމުކުރާ ޑިޕްލޮމެޓިކް މިޝަނަށް ކިޔާ ނަމެވެ. ނަމަވެސް ކޮމަންވެލްތާ ގުޅުން ނެތް ގައުމުތަކުން އެއް ގައުމެއް އަނެއް ގައުމެއްގައި ގާއިމުކުރާ މިޝަނަށް ކިޔާނީ "އެމްބަސީ"އެވެ.

ހަމަ އެފަދައިން، ދެ ގައުމުގެ ތެރެއިން ކޮމަންވެލްތަށް ނިސްބަތްވާ އެއް ގައުމު އޮވެފައި، ކޮމަންވެލްތަށް ނިސްބަތް ނުވާ އެއް ގައުމު ވާ ނަމަ އެހިސާބުން ވެސް ދެގައުމުގެ މިޝަންތަކުގެ ނަމަކަށް ވާނީ "އެމްބަސީ"އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖެ ކޮމަންވެލްތުން ވަކިވެފައި ވާތީ، މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން، ބޭރުގެ ހަތް ގައުމެއްގައި ހުރި ރާއްޖޭގެ މިޝަންތަކުގެ ނަން ބަދަލުވެފައިވާ ކަމަށެވެ.

އެގޮތުން، އިނގިރޭސި ވިލާތް، ސްރީލަންކާ، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ އަދި ސިންގަޕޫރުގައި ހުރި "ދިވެހިރާއްޖޭގެ ހައިކޮމިޝަން"ތަކުގެ ނަންތައް، "ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތަކަށް ބަދަލު އައި ނަމަވެސް، އެތަންތަނުން ކުރާ މަސައްކަތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

ރާއްޖެ ކޮމަންވެލްތުން އަމިއްލައަށް ވަކިވީ، ރާއްޖެ ސީމެގްގެ އެޖެންޑާގައި ހިމަނައި، ކަންކަން އިސްލާހު ނުކޮށްފި ނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ސީމެގުން ދީފައި ވަނިކޮށެވެ.

ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަށް ވާތީ، ކޮމަންވެލްތާއި ސީމެގުން ދަނީ، ޑިމޮކްރަސީގެ ނަމުގައި، ކޮމަންވެލްތާއި އދ.ގެ ޗާޓަރާ ވެސް ޚިލާފަށް ރާއްޖެއަށް އުނދަގޫ ފޯރުވަމުން ކަމަށެވެ.

އަދި ކޮމަންވެލްތުން ވަކިވުމަކީ "ދަތި އުނދަގޫ، ނަމަވެސް " ނިންމި ނިންމުމެއް ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.