ދެހާސް ތޭރަ ވަނަ އަހަަރުގެ ޖޫން މަހުގެ ކުރިން ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ޗެކު ފޮތްތަކުގެ ޗެކުތައް، އަންނަ ހަފްތާގެ އަންގާރަ ދުވަހަށް ފަހު ގަބޫލު ނުކުރާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ޗެކް ކްލިއަރިންގް މަސައްކަތް އޮޓޮމޭޓު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހަމަޖައްސާފައިވާ އިރު، އެކަމަށް ބޭނުންވާ މިންގަނޑުތަކަށް އަމަލު ކުރުމުގެ ގޮތުން، ބީއެމްއެލްއިން ޗެކު ދޫކުރުމާއި ޗެކު ލިޔުމުގައި އަމަލުކުރާ ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން، 15 ނޮވެމްބަރު 2016 ވާ ދުވަހުން ފެށިގެން (އަންނަ އަންގާރަ ދުވަހުން ފެށިގެން) ބީއެމްއެލްއިން ގަބޫލުކުރާނީ، ޖޫން 2013 ގެ ފަހުން ދޫކޮށްފައިވާ ޗެކުތަކުގެ ޗެކުތައް އެކަނި ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެހެންކަމުން، ޖޫން 2013ގެ ކުރީގެ ޗެކު ފޮތްތައް ގެންގުޅޭ ފަރާތްތަކުން، ބޭންކުން ޗެކު ފޮތްތައް ބަދަލުކުރުމަށް ބީއެމްއެލްއިން އެދެއެވެ. ބީއެމްއެލްއިން ބުނީ، އާ ޗެކުތަކުގައި ތިރީގައި ސަލާމަތީ އިތުރު ފިޔަވަޅުގެ ގޮތުންނާއި، ޗެކު ޕްރޮސެސިންގް އޮޓޮމޭޓު ކުރުމަށް މެގްނެޓިކް އިންކް ކެރެކްޓަރ ރިކޮގްނިޝަން ޕްރިންޓު ބޭންޑެއް ހިމެނިފައި ވާނެ ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލްއިން ބުނީ، ޗެކު ލިޔާ އިރު، އެ ޕްރިންޓު ބޭންޑުގެ މައްޗަށް ނާރާ ގޮތަށް ޗެކު ލިޔުމަށާއި ސޮއިކުރުމަށް އަދި ތައްގަނޑު ޖެހުމަށް ސަމާލުކަން ދޭން އެދޭ ކަމަށެވެ. އަދި ޗެކު ފަތްޖެހުމާއި ޗެކުގައި ހީރަސް ޖެހުން ފަދަ ކަންކަން ނުކުރުމަށް ވެސް ބީއެމްއެލްއިން އެދެއެވެ.

"މި ފިޔަވަޅުތަކަކީ ޗެކު ކްލިއަރިންގ އޮޓޮމޭޓްކުރުމާ ވިދިގެން ބޭނުންކުރެވޭނީ ޗެކުގެ ޑިޖިޓަލް އިމޭޖްކަމަށްވުމާއެކު ޗެކުގެ ސައްހަކަން ދެނެގަތުމަށްޓަކައި މުހިއްމު ކަންކަން،" ބީއެމްއެލްއިން ބުނެއެވެ.

މީގެ އިތުރުން ބޭންކުން ބުނީ، ޗެކު ލިޔުމަށްފަހު، ބަދަލެއް ގެނެސްފައިވާ ޗެކުތައް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބީއެމްއެލްއިން ގަބޫލު ނުކުރާނެ ކަމަށާއި، އެހެންކަމުން ޗެކު ލިޔުމުގައި ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.