09 Nov 2016, 15:15
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ސަރުކާރަށް ތާއީދު ކުރައްވަން ނިންމެވީ، މި ސަރުކާރުން ގެންނަ ތަރައްގީގެ މަޝްރޫއުތަކަށް ބެލުމަށް ފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން އަންނަނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ހިންގަމުން ކަމަށާއި އޭދަފުށީގައި ވެސް މި ސަރުކާރުން ވަނީ ތަރައްގީގެ މަޝްރޫއުތައް ހިންގާފައި ކަމަށެވެ.
"އޭދަފުށި ކަހަލަ ބިންހިއްކާފައި ހުރި ރަށްރަށުގައި ބޮޑުހިލަ ޖައްސައިގެން މަސައްކަތްކުރުމުގެ މަޝްރޫއުތައް ވެސް މިހިރީ ހިމެނިފައި. ސީއެސްއާރްގެ ތެރެއިން ނޫނިއްޔާ އޭގެ ބޭރުން އަންނަ މަޝްރޫއެއްގެ ތެރެއިން ހިމެނިފައި މިހިރީ. އަޅުގަނޑުމެންނަށް ކްރެޑިޓް ފެސިލިޓީއެއްގެ ތެރެއިން. މިކަންކަމަށް ބައްލަވާފައި ބާރަށު ދާއިރާގެ އިއްޒަތްތެރި މެމްބަރު ޝުޖާއު އާއި އަދި އޭދަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ސަލީމް އަޅުގަނޑުމެންނާ އަނެއްކާ ވެސް މި ގުޅިވަޑައިގަތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން މިއަދު ވަނީ ޝުޖާއު އާއި ރެޑްވޭވް ސަލީމަށް މަރުހަބާ ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަށް އަސަރުކުރާ ކޮންމެ ކަމަކީ އެކަމުގެ ސަބަބުން ދައުލަތަށް ވެސް އަސަރުކުރާނެ ކަމެއް ކަމަށެވެ.
ރެޑްވޭވް ސަލީމް މިއަދު ރައީސް ޔާމީންގެ ފެކްޝަނާ ގުޅިވަޑައިގެންނެވި އިރު، މިދިޔަ މަހު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާ ގުޅިވަޑައިގެން އޭނާ ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ގައުމީ މަސްލަހަތު އެއްފަރާތްކޮށް މެމްބަރުންނަށް ބިރުދައްކައިގެން ރައީސް ޔާމީން ބޭނުންވާ ގޮތަށް ގާނޫނުތައް ވަނީ ފާސްކޮށްފައި ކަމަށެވެ.
ރާއްޖެއިން ބޭރު މީހުންނަށް ރާއްޖޭގެ ބިންތައް މިލުކުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމަކީ މަޖިލީހުގެ މެމްބަރުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމެއްކަމަށް އެ އިސްލާހު މަޖިލީހަށް ހުށަހެޅި އިރު ވެސް އޭނާ ވަނީ ދަންނަވާފައިވާ ކަމަށެވެ. ނަމަވެސް އެކަން ހުއްޓުވުމެއް ބާރު އޭރު ނެތް ކަމަށް ސަލީމް ވަނީ ވިދާޅުވެފަ އެވެ.