09 Nov 2016, 14:51
ސްރީލަންކާގެ ކޮލޮމްބޯއާއި އައްޑޫ ސިޓީގެ ގަމާ ދެމެދު ސީދާ ދަތުރުތައް އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ސްރީލަންކަން އެއާލައިންސްއިން، އެ ދަތުރުތައް ފެށުން މަޑުޖައްސާލުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން އަންގައިފިއެވެ.
އައްޑޫ ސިޓީގެ ގަމާއި ކޮލޮމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ފަށައި، ހަފްތާއަކު ހަތަރު ދަތުރު ކުރާނެކަމަށް ސްރީލަންކަން އެއާލައިންސްއިން ރަސްމީކޮށް އިއުލާން ކޮށްފައިވަނީ މަހުގައެވެ. އަދި އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް އެ އެއާލައިނުން ވެ، މި ނޮވެމްބަރު މަހު ވަނީ ޓިކެޓު ވެސް ވިއްކަން ފަށާފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ސްރީލަންކަން އެއާލައިންސްގެ ޓިކެޓު އޮފީހެއްވެސް ވަނީ މި މަހުގެ ތެރޭގައި ހުޅުވައިފައެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ އޮފް އެއާ ޓްރާންސްޕޯޓު އަބްދުﷲ ރަޝީދު "ސަން" އަށް ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާ އިރު، އެތަނުގައި ބައިނަލްއަގުވާމީ ޝެޑިއުލް ފްލައިޓުތައް ހެންޑްލް ކުރުމަށް ބޭނުންވާ ސިސްޓަމްތައް އަޕްގްރޭޑު ކޮށް ނިމިފައި ނުވާ ކަމަށެވެ.
"ޗާޓަރު ފްލައިޓާއި ޕްރައިވެޓް ޖެޓްތައް އޮޕަރޭޓު ކުރުމަށް މައްސަލައެއް ނެތް. އެކަމަކު ޝެޑިއުލް ފްލައިޓު ވިއްޔާ ވަރަށް ބައިވަރު ފަސިންޖަރުން އެއްފަހަރާ އަންނަނީ ދެއްތޯ. އެމީހުންގެ ކްލިއަރެންސް ދިނުމަށް ސިސްޓަމްތައް އަޕްގްރޭޑު ކުރަންޖެހޭ،"
އޭނާ ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އިންޓަނޭޝަނަލް ޝެޑިއުލް ފްލައިޓުތައް ހެންޑްލް ކުރުމަށް، ބޯޑާ ކޮންޓްރޯލުގައި ހަރަކާތްތެރިވާ ސަރުކާރު އޭޖެންސީތައް އަދި ތައްޔާރު ނޫން ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް އިތުރުކުރި ބައި --
"އެ މަސައްކަތް މިހާރުވެސް ކުރަމުން ދަނީ. ޔޫއެލްއަށް އަޅުގަނޑުމެން ވާނީ އަންގާފައި، މިވަގުތަށް ދަތުރުތަކުގެ މަސައްކަތް މަޑުޖައްސާލަން،" އަބްދުﷲ ވިދާޅުވިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަހްމަދު ސައީދު "ސަން" އަށް ވިދާޅުވީ، ސްރީލަންކަން އެއާލައިންސް އައްޑޫ ސިޓީއަށް ދަތުރުތައް ފެށުމަށް އެ އެއާލައިނާ އެކު މަޝްވަރާތަކެއް ކުރެވިފައި އޮތް ނަމަވެސް، އެކަމަށް އެއާޕޯޓުގެ ފަރާތުން އެއްވެސް ތާރީޚަކާ މެދު އެއްބަސްވެފައި ނުވާ ކަމަށެވެ.
"ޗާޓަރު އިންޓަނޭޝަނަލް ފްލައިޓުތައް އޮޕަރޭޓު ކުރިޔަސް ޝެޑިއުލް ފްލައިޓުތައް ދަތުރުކުރުމުގެ ކުރިން އަދި ބޮޑެތި ކަންކަން އެބަ ހުރި ކުރަންޖެހޭ،"
އިބްތިޝާމާ ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިވަގުތު ފުރިހަމަ ނުވެ އޮތް ސިސްޓަމަކީ ބޯޑާ ކޮންޓްރޯލް ފޯރ އެކްސްޕެޓްރިއެޓް ވޯކާސް އެންޑް ލޯކަލްސްގެ އޮޓޮމޭޓެޑް ސިސްޓަމް ކަމަށެވެ.
"ފުލީ ފްލެޖްޑް ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ނުހުންނާނެ. އެ ސިސްޓަމްތައް ވެސް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރަމުން މި ދަނީ،" އިބްތިޝާމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމި، މި މަހުގެ 15 ވަނަ ދުވަހު ސެޓިފިކޭޝަން ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް އެއާޕޯޓުގެ ތަރައްގީގެ މުޅި މަޝްރޫއު ނިންމާލެވޭނެ ތާރީޚެއް ބުނަން ނޭނގޭ ކަމަށެވެ.
"އިމިގްރޭޝަން ސިސްޓަމާއި ހުރިހާ އެއްޗެއް ނިންމައި، އެ މަސައްކަތްތައް ކުރިޔަށް ދާ ވަރަކުން އެނގޭނީ އެއާޕޯޓު ރަސްމީކޮށް ހުޅުވޭނެ ތާރީޚު،" އިބްތިޝާމާ ވިދާޅުވިއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރ ހަސަން ޚަލީލް ވިދާޅުވީ، ސްރީލަންކަން އެއާލައިންސްއިން ކޮލޮމްބޯއާ ގަމާ ދެމެދު ދަތުރުކުރާ ޚަބަރު، ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އިދާރާއަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށާއި އެ ޚަބަރު އެނގިފައިވަނީ މީޑިއާއިން ކަމަށެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލްސްގެ އިމިގްރޭޝަން ކައުންޓަރެއްގައި ފަތުރުވެރިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
ނަމަވެސް ގަން އެއާޕޯޓު ތަރައްގީ ކުރަމުންދާކަން އެނގިފައިވާ ކަމަށާއި، އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން، އެ އިދާރާއަށް ރަސްމީކޮށް އެންގުމުން ކުރަމުން ގެންދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް، ސްރީލަންކަން އެއާލައިންސްގެ ފަރާތުން ވާހަކަދެއްކި ބޭފުޅަކު "ސަން"އަށް ވިދާޅުވީ، ބޮޑަށް ބެލެވެނީ ގަން އެއާޕޯޓުގައި އިމިގްރޭޝަންގެ ކަންކަން ގާއިމުކުރުމަށް އިމިގްރޭޝަނުގައި ބަޖެޓު ނެތް ކަމަށް ކަމަށެވެ.
އަދި ސްރީލަންކަންއިން އައްޑޫއަށް ދަތުރުކުރުމުގެ ވިސްނުން ދޫކޮށްލައިފި ނަމަ، އެހެން އެއާލައިންތަކުން ވެސް އައްޑޫއަށް ޝެޑިއުލް ދަތުރުތައް ކުރުމުގެ ޚިޔާލު ދޫކޮށްލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އައްޑޫއާއި ފުވައްމުލަކުގެ ރައްޔިތުން ތިބީ މިކަމަށް އެދި އެދި އިންތިޒާރުގައި. އެކަމަކު މިހާރު މިއީ އެ ރައްޔިތުންގެ މޫނުގައި ޖެހޭ ތަފާލެއް،" އޭނާ ވިދާޅުވިއެވެ.