09 Nov 2016, 14:44
ސިއްހީ ދާއިރާއަށް ބޭނުންވާ ސުޕާ ސްޕެޝަލިސްޓުން ތަމްރީން ކުރުމުގެ ފުރުސަތު އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން އަންނަ ދިވެހި ތިން ޑޮކްޓަރުންނަށް ދީފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްކޯލޮޝިޕްތައް ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. ގާތްގަނޑަކަށް 53000 އެމެރިކާ ޑޮލަރުގެ އަގުހުރި އެ ސްކޯލޮޝިޕް ލިބިލެއްވި ޑޮކްޓަރުންނަކީ:
ޑރ. މުހައްމަދު ޝަނީޒް ނަޖުމީ – ކާޑިއޮލޮޖީ (ޑީއެމް)
- ޑރ. މުހައްމަދު ވަހީދު – ބާން އެންޑް ޕްލާސްޓިކް (އެމްސީއެޗް)
- ޑރ. އަބްދުﷲ އަދުސަރު – ޔޫރޮލޮޖީ (އެމްސީއެޗް)
ހެލްތު މިނިސްޓްރީން ބުނީ، އެ ސްކޯލޮޝިޕް ފުރުސަތުތަކަކީ ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް އާއި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން މިއަހަރަށް ދީފައިވާ ފުރުސަތުތަކެއް ކަމަށެވެ.
އެގޮތުން، މިއަދު ސްކޯލޮޝިޕް ލިބުނު ތިން ޑޮކްޓަރުންނަށް އެ ޔުނިވާސިޓީން ބާއްވާ އެންޓްރަންސް އިމްތިހާންގައި ބައިވެރިވުމަށް ޓަކައި މާދަމާ ނޭޕާލަށް ފުރާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.
ރާއްޖޭގައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މަދުކުރުމަށް ޓަކައި ދިވެހިންނަށް ތަމްރީނުގެ ފުރުސަތު ތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުގެ އެހީގައި މިވަގުތު 37 ޑޮކްޓަރުން ދަނީ ތައުލީމު ހާސިލްކުރަމުންނެވެ.
އެއީ ނޭޕާލުގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސްގައި ތަފާތު ރޮނގުތަކުން މެޑިކަލް ސްޕެޝަލައިޒޭޝަން ފުރިހަމަކުރަމުންދާ 20 ޑޮކްޓަރުންނާއި ނޭޕާލްގެ ޓްރިބުވާން ޔުނިވާސިޓީގައި ދިވެހި 17 ޑޮކްޓަރަކު ދަނީ އެމްބީބީއެސް ހަދަމުންނެވެ.