09 Nov 2016, 14:42
އެމެރިކާއާ ގުޅެން ބޭނުންވާ ހުރިހާ ގައުމުތަކަކަށް ވެސް އެފުރުސަތު ދެއްވާނެ ކަމަށް އެގައުމުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އިންތިޚާބުގައި ކާމިޔާބު ލިބިވަޑައިގަތުމުން، އުފާ ފާޅުކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މި ވަގުތަކީ އެގައުމުގެ ހުރިހާ ސިޔާސީ ޕާޓީތަކެއް އެކަތިގަނޑަކަށް ވެގެން ގައުމުގެ ކުރިއެރުމާއި މަންފާއަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އަދި އިންތިޚާބުގައި އެމަނިކުފާނަށް ތާއީދު ނުކުރެއްވި އާންމު މެމްބަރުންވެސް އެމަނިކުފާނަށް ރަނގަޅު މަގު ދެއްކެވުމާއިގެން ވަޑައިގަތުމަށް ޓްރަމްޕް ވަނީ ގޮވާލުމަށެވެ.
ޓްރަމްޕް ވިދާޅުވީ، އެމަނިކުފާނުގެ ކެމްޕޭނަކީ އަސްލު ކެމްޕޭނެއް ނޫން ކަމަށާއި، އެއީ އެގައުމުގެ ރައްޔިތުން ހިންގި ހަރަކާތެއް ކަމަށެވެ. އަދި އެ ހަރަކާތަކީ އެމެރިކާގެ އެކި ނަސްލުތަކާއި ދީންތަކަށް ނިސްބަތްވާ މީހުން އެއްވެ ގައުމުގެ ރައްޔިތުންނަށް ރަނގަޅު ސަރުކާރެއް ހޯދުމަށް ކުރި މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެންމެން ގުޅިގެން އަޅުގަނޑުމެން އެންމެ އަވަހަށް ފަށާނީ ގައުމު އާރާސްތު ކުރުމުގެ މަސައްކަތް. އަދި އެމެރިކާ ރައްޔިތުންގެ ހުވަފެންތައް މުޅިން ހެން ބަދަލުކޮށްލާނަން. މީގެ ކުރިން އަޅުގަނޑު އުޅުނީ އަމިއްލަ ވިޔަފަރީގައި ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުންނަށް އެހީވެދިނުމަށް އެކި ޕްރޮޖެކްޓުތައް ހިންގުމުގައި. މިއަދު ބޭނުންވަނީ އެކަންތައްތައް އަޅުގަނޑުގެ އަމިއްލަ ގައުމަށްޓަކައި ކޮށްދޭން،" ޓްރަމްޕް ވިދާޅުވިއެވެ.
ީމީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، އެގައުމުގެ ކޮންމެ ރައްޔިތަކަށްވެސް އެ ރައްޔިތެއްގެ ކުޅަދާނަކަން އިހުސާސްކުރުވާނެ ކަމަށާއި އަދި ހަނދާން ނައްތާލެވިފައިވާ އެގައުމުގެ ކުޑަކުދިންނާއި އަންހެނުންނަށް ޚާއްސަ އަހަމިއްޔަތުކަމެއް ދީގެން އެފަދަ ފަރާތްތަކަށް ސަރުކާރުން އަޅާލުން ދޭނެ ކަމަށެވެ.
ގައުމު އާރާސްތު ކުރުމުގެ މަސައްކަތުގެ ތެރޭގައި، ސްކޫލުތަކާއި ބްރިޖްތަކާއި ހައިވޭތަކާއި އެއާޕޯޓު އަދި ޓަނެލްސް ފަދަ ކަންކަން ހިމެނޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެމަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިގްތިސާދީ ސިޔާސަތެއް އަޅުގަނޑުމެންގެ އަބައޮތް. ގައުމުގެ ކުރިއެރުން ދެ ގުނަ އަށް އިތުރުވެގެންދާނެ. އަދި އެމެރިކާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދު ކަމުގައި ހަދާނަން. އަދި އަޅުގަނޑުމެންނާ ގުޅެން ބޭނުންވާ ހުރިހާ ގައުމަކަށް އެފުރުސަތު އަޅުގަނޑުމެން ދޭނަން. އަޅުގަނޑުމެން ބޭނުންވަނީ ބައިނަލް އަގުވާމީ ގުޅުންތައް ބަދަހި ކުރަން،" ޓްރަމްޕް ވިދާޅުވިއެވެ.
އެމަނިކުފާނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި އެމަނިކުފާނުވަނީ ރިޔާސީ ރޭހުގައި ވާދަކުރެއްވި ހިލަރީ ކްލިންޓަން އެގައުމަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ކަން ފާހަގަ ކުރައްވައި އެޚިދުމަތްތަކަސް ޝުކުރު އަދާކުރައްވާފައެވެ.