އެއްފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލާ ޕްލާސްޓިކް ފެންފުޅި ބޭނުން ކުރުން ދިރާގުގެ މުވައްޒަފުން ހުއްޓާލައިފި އެވެ.

ދިރާގުން ބުނީ އެއީ މިދިޔަ މަހު 16 ވަނަ ދުވަހު ދިރާގުން ލޯންޗް ކުރި "ފޯ ދަ އޯޝަންސް" ކެމްޕެއިންގެ ދަށުން ކުރަން ރާވާފައިވާ ހާއްސަ ކަންތައްތަކުގެ ތެރެއިން އެއް ކަމެއް ކަމަށެވެ. "ފޯ ދަ އޯޝަންސް" ކެމްޕެއިނަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށްޓަކައި ދިރާގުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

ދިރާގުން ބުނީ މިއަދު ފެށި ކެމްޕެއިނުގެ ދަށުން މިއަދު ދިރާގު ހެޑްއޮފީހުގެ ހަތް ފަންގިފިލާގައި މުވައްޒަފުން ބޭނުންކުރުމަށް ފެން ކޫލަރު ބަހައްޓާފައިވާ ކަމަށެވެ. އަދި ގިނަ ފަހަރު ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ފެންފުޅިއެއް ދިރާގުގެ ކޮންމެ މުއައްޒަފަކަށްވެސް ހަދިޔާކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ ދިރާގުގެ ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ ތަފާތު ނުވަ ސަރަހައްދުގައި އެ ކުންފުނިން ގާއިމްކޮށްފައިވާ ދިރާގު ރީޖަނަލް އޮޕަރޭޝަން ސެންޓަރު ތަކުގައި ވެސް ފެން ކޫލަރު ބަހައްޓައި، 630 އަށްވުރެން ގިނަ މުވައްޒަފުންނަށް ގިނަ ދުވަހު ގެންގުޅެވޭ ކަހަލަ ފެން ފުޅި ހަދިޔާކޮށްފައިވާ ކަމަށެވެ.

ބަޔާނުގައި ބުނީ ދިރާގުގެ މުވައްޒަފުންނަށް މިއަދު ހަދިޔާ ކުރި ފުޅި ތަކަކީ ގިނަ ދުވަހު ބޭނުން ކުރެވޭނެ ކަހަލަ ފުޅި ތަކެއް ކަމަށެވެ. އެ ފުޅިތައް މުވައްޒަފުންނަށް ދިނުމުގެ ބޭނުމަކީ އެއްފަހަރު ބުއިމުމަށް ފަހު އުކާލެވޭ ފުޅި ތަކުގެ ބޭނުން ކުރުން ހުއްޓުވުމުގެ އިތުރުން އެ އާދަ މުވައްޒަފުންގެ ގައިގައި އަށަގަންނެވުން ކަމަށެވެ.

ދިރާގުން ބުނީ ޕްލާސްޓިކް ފުޅިތައް ނައްތާލުމަށް ފެށި ކެމްޕެއިންގެ ދަށުން ދިރާގުގައި އެއްފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލެވޭ ފުޅި ތަކުގެ އަދަދު %99 އަށް ކުޑަ ކުރެވިގެން ދާނޭ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.