ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް )މިފްކޯ(އާ އެކު ކަނޑުއޮތްގިރި ފިޝް ވިލެޖް ތަރައްގީ ކުރަން ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް )އީއޯއައި( ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނުގައި ބުނަނީ، މިފްކޯއާއި ކަނޑުއޮތްގިރި ފިޝް ވިލެޖް ތަރައްގީކުރަން ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަމިއްލަ ފަރާތްތަކުގެ ހިއްސާ އިތުރުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ކަމަށެވެ.

ޖަޕަނާއި ޔޫރަޕްގެ މާކެޓަށް އަމާޒުކޮށްގެން ރޯމަހުގެ ބާވަތްތައް އުފެއްދުމާއި، އެ މާކެޓް ކުރުމަށް މަސައްކަތްކުރާ ފިޝް ވިލެޖް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30ގެ ކުރިން އީއޯއައި ހުށަހަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭނީ އެ ފަރާތްތަކުގެ ތަޖުރިބާ އަދި މާލީ ގާބިލްކަން ނުވަތަ ޕްރޮޖެކްޓަށް ފައިނޭންސް ލިބޭނެ ކަމުގެ ޔަގީންކަން ދެވިފައިވާ މިންވަރަށް ބަލައިގެން ކަމަށް ވެސް ފައިނޭންސް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުގައި، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން އޯގަސްޓް 18ގެ ކުރިން ޓެކްނިކަލް އަދި ފައިނޭންޝަލް ބިޑް ހުށަހަޅަން ޖެހެ އެވެ. އަދި އެންމެ ރަނގަޅު ބިޑުގެ ގޮތުގައި ހޮވޭ ބިޑް ހުށަހެޅި ފަރާތާ އެކު އެއްބަސްވުމުގައި ސޮއިކުރާނީ ސެޕްޓެމްބަަރު 15 ގަ އެވެ.

ކަނޑުއޮތްގިރީގެ އޮޕަރޭޝަން 1999 ވަނަ އަހަރު ފެށުނު ފަހުން ޔޫރަޕިއަން މާކެޓްތަކަށް އައިސްކުރި މަހުގެ ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓްކުރަނީ ކަނޑުއޮތްގިރި ފިޝް ވިލެޖުން ކަމަށް ފިނޭންސުން ބުނެ އެވެ. ދުވާލެއްގެ މައްޗަށް 10 މެޓްރިކް ޓަނުގެ ލޮއިން )ވެކިއުން ޕެކްޑް( ބަންދު ކުރުމުގެ ގާބިލްކަން އެ ފެކްޓްރީއަށް ލިބިގެންވާ ކަމަށާއި އެތަނުގައި ތައްޔާރުކުރެވޭ ބާވަތްތަކުގެ 95 ޕަސަންޓް އެކްސްޕޯޓްކުރަނީ ޔޫރަޕަށް ކަމަށް ވެސް ބުނެފައިވެ އެވެ.