09 Nov 2016, 13:30
ވިދިވިދިގެން ހަތަރު ވަނަ އަހަރު ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ރެއާލް މެޑްރިޑްގެ ތަރި ގެރެތު ބޭލް ހޯދައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް ވޭލްސް (އެފްއޭޑަބްލިޔު) އިން ބޭއްވި ރަސްމިއްޔާތެއްގައި ބޭލަށް ވަނީ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަވާލުކޮށްފައެވެ. ބޭލް ވަނީ ފާއިތުވެދިޔަ ހަތް އަހަރުގެ ތެރެއިން ހަ އަހަރު، ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދައިފައެވެ.
އުމުރުން 27 އަހަރުގެ ބޭލް ވަނީ 1958 ވަނަ އަހަރަށްފަހު ކޮލިފައިވި ބޮޑު މުބާރާތް ކަމަށްވާ ޔޫރޯ 2016ގެ ސެމީ ފައިނަލަށް ގެންގޮސްދިނުމުގައިި އިސް ދައުރެއް އަދާކޮށްފައެވެ. އެއީ ޔޫރޯގައި ވޭލްސް ވާދަކުރި ފުރަތަމަ ފަހަރެވެ. އެ މުބާރާތުގައި ބޭލް ވަނީ ވޭލްސް އަށް ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ.
ވޭލްސްއަށް ރެކޯޑެއް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ރެއާލް މެޑްރިޑާއެކު ވެސް މިދިޔަ ސީޒަނުގައި ބޭލް ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ. މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާއެކު ބޭލް ވަނީ ދެ ވަނަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ދާދިފަހުން އޭނާ ވަނީ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ވެސް އާކޮށްފައެވެ.
މިހާތަނަށް ވޭލްސް ގައުމީ ޓީމަށް ބޭލް 64 މެޗު ކުޅުނު އިރު، ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އިއާން ރަޝްގެ ރެކޯޑާ އެއްވަރުކޮށްލުމަށް ބޭލް ބޭނުންވަނީ އެންމެ ތިން ލަނޑެވެ. ވޭލްސްގެ ލެޖެންޑް އިއާން ރަޝް ވަނީ ގައުމީ ޓީމަށް 28 ލަނޑު ކާމިޔާބުކޮށްދީފައެވެ.
އެފްއޭޑަބްލިޔުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ސްޓޯކްގެ މިޑްފީލްޑަރު ޖޯ އެލަން ވަނީ ދެ އެވޯޑު ހޯދައިފައެވެ. އެއީ ކުޅުންތެރިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ސަޕޯޓަރުން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ. ޔޫރޯ 2016ގެ ސެމީއަށް ވޭލްސް ގެންގޮސްދިނުމުން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ޓީމުގެ ކޯޗު ކްރިސް ކޯލްމަންއަށް ވަނީ އެފްއޭޑަބްލިޔުގެ ހާއްސަ އެވޯޑު ދީފައެވެ.