09 Nov 2016, 14:47
ތެހްރާން، އީރާން(އޭޕީ) – ހަތަރު އަހަރުގެ ކުޑަކުއްޖެއްގެ ގަޔަށް ކެމިކަލް ޖަހައި އެ ކުއްޖާގެ ލޮލުގެ ފެނުން ގެއްލުވާލުމުން އަދަބެއްގެ ގޮތުގައި ކެމިކަލް ޖެހި މީހާގެ ފެނުން ގެއްލުވާލައިފި އެވެ.
ތެހެރާންގެ ޕްރޮސިކުޓަރު އޮފީހުން ހެޑް އޮފް ކްރިމިނަލް އެފެއާޒް މުހައްމަދު ޝަހްރާރީ ވިދާޅުވީ، މިއީ އިރާނުގައި ދެމުން އަންނަ "ލޮލަކަށް ލޮލެއް" އަދަބުގެ ދަށުން އެ އަދަބު ތަންފީޒު ކުރި ދެވަނަ ފަހަރު ކަމަށެވެ.
ލޮލުގެ ފެނުން އިއްޔެ ގެއްލުވާލި މީހަކީ 2009 ވަނަ އަހަރުގައި ހަތަރު އަހަރުގެ ކުޑަ ކުއްޖެއްގެ ގަޔަށް ލުނބޯ ހުތް ޖެހުމުގެ ސަބަބުން އެ ކުއްޖާގެ ލޮލުގެ ފެނުން ގެއްލުވާލިކަމުގެ ކުށް ސާބިތުވެ އަދަބު ދިން މީހެކެވެ.
"މިއަދު ވެސް ބަދަލަށް ބަދަލު ހިފުމުގެ ގާނޫނު ވަނީ އަހަރެންނާއި ކަމާބެހޭ މާހިރުންގެ ހާޒިރުގައި ތަންފީޒު ކޮށްފައި،" ލޮލަކަށް ލޮލެއްގެ އަދަބު އިއްޔެ ތަންފީޒު ކުރުމާ ގުޅޭގޮތުން ހެޑް އޮފް ކްރިމިނަލް އެފެއާޒް ޝަހްރާރީ ވިދާޅުވި އެވެ.
ނަމަވެސް އޭނާގެ ފެނުން ގެއްލުވާލީ ކިހިނެތް ކަމެއް އެއްވެސް މީޑިއާއެއްގައި ބުނެފައެއްނުވެ އެވެ.
އިރާނުގައި "ލޮލަކަށް ލޮލެއް" އަދަބު ދިނުމަށް ނިންމީ 1958 ވަނަ އަހަރުއެވެ. އެ އަދަބުގެ ދަށުން އެންމެ ފުރަތަމަ އަދަބު ތަންފީޒުކުރީ 2015 ވަނަ އަހަރު، މީހެއްގެ ލޮލަށް އެސިޑް ޖެހި މީހަކަށެވެ. ތެހެރާން ކައިރީގައި ހުންނަ ޖަލެއްގައި ތަންފީޒުކުރި އެ އަދަބުގެ ދަށުން އެސިޑް ޖެހި މީހާގެ އެއް ލޮލުގެ ފެނުން ގެއްލުވާލި އެވެ.
ބަދަލަށް ބަދަލު ހިފުމުގެ ގާނޫނުގެ ދަށުން އެ އަދަބު ތަންފީޒު ނުކުރެވޭނީ ހަމައެކަނި ވާރިސުން އެކަމަށް އެދުމުންނެވެ.