އެމެރިކާގެ ރިޔާސީ އިންތިޚާބު ނިމުމަކާ ގާތަށް އައިސްފައިވާއިރު ކުރީގައި އުޅުއްވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕު އިންތިޚާބު ކާމިޔާބު ކުރައްވައި ވައިޓް ހައުސްއަށް ވަޑައިގެންފި ނަމަ މުޅި ދުނިޔެއަށް ނުރައްކާވެދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ބައެއް ފަރާތްތަކުން ދަނީ މިހާރުވެސް ބުނަމުންނެވެ.

އެގޮތުން ޓައިމް ނޫހުގައި،ގްލޯބަލް ސެކިއުރިޓީ އިންސްޓިޓިއުޓްގެ ރައީސް، ޖޯނަތަން ގްރެނޯފް ލިޔެފައިވާ ލިއުމެއްގައި ބުނެފައިވަނީ ޓްރަމްޕްގެ ވެރިކަމެއްގައި ހިންގަފާނެ ކަންކަމާ މެދު އޭނާ ކަންބޮޑުވާ ކަމަށެވެ. އަދި އޭނާގެ ސަބަބުން އެމެރިކާގެ އިގްތިސާދުގެ އިތުރުން މުޅި އިންސާނީ ސިވިލިޒޭޝަނަށް ނުރައްކާ ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެގޮތުން އޭނާ ވަނީ އެ ލިއުމުގައި، ޓްރަމްޕް ވެރިކަމަށް އައިސްފި ނަމަ ކޮށްފާނެ ކަންތަކާއި އެކަމުގެ ސަބަބުން މުޅި ދުނިޔެއަށް ކޮށްފާނެ ނުރައްކަލުގެ މައްޗަށް ބިނާކޮށް ދެކަމެއް ފާހަގަކޮށްފައެވެ.

ކްލައިމެޓް ޗޭންޖް

" މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަނީ ހަމައެކަނި، ބޮޑެތި ސިޓީތަކުގައި ފެންބޮޑުވެގެން ގޮސް ބަންޑުންވެ ދަނޑުވެރިކަމުގެ ބޭނުމަށް ބޭނުންކުރާ ދަނޑުތައް ހަލާކުވެ، ގަސްތަކަށް އެކި ފާޑުގެ ބަލި ޖެހުމާއި އާންމު ވަސީލަތްތައް ހުސްވެ އިޖްތިމާއީ ހަމަޖެހުމަށް ބުރޫ އެރުން ފަދަ އިގްތިސާދީ މައްސަލަތަކެއް ނޫނެވެ.

ދުނިޔޭގެ ފަށަލައިގައި ހިމެނޭ އޮކްސިޖަންގެ 50 ޕަސެންޓް އުފައްދަނީ ކަނޑުތަކައި ދިރިއުޅޭ ފައިޓޮޕްލޭންކްޓަން ކަމަށްވީ އިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އަލްކަލައިން ސްޓޭޓުން އެސިޑިކް ސްޓޭޓަށް ބަދަލުވެއްޖެ ނަމަ ކަނޑުގައި ދިރިއުޅޭ މި ފައިޓޮޕްލޭންކްޓަން ތަކަށް އޮކްސިޖެން އުފައްދުމުގެ މާހައުލެއް ނުލިބޭނެއެވެ. އަދި އޮކްސިޖެން އުފެއްދުން އެއްކޮށް ހުއްޓާލާނެ އެވެ. މީގެ ސަބަބުން އިންސާނީ މުޅި އުއްމަތް ދުނިޔެއިން ފޮހެވިގެން ހިނގައިދާނެއެވެ. ޓްރަމްޕް ވަނީ ސައިންސްގެ މި އުސޫލަށް ގޮންޖައްސަވާފައެވެ. އޭނާ މިކަން ގަބޫލު ނުކުރެ އެވެ." އެ ލިއުމުގައި ވެއެވެ.

ނިއުކްލިއާ ހަތިޔާރު

"ދުނިޔޭގެ ނުވަ ގައުމެއްގައި 15،000 އަށް ވުރެ ގިނަ ނިއުކްލިއާ ބޮންތައް ތައްޔާރުކޮށްފައި އެބަހުރި. މި ބޮންތަކުގެ އެންމެ އެއް ޕަސެންޓުވެސް ގޮވައިފިނަމަ، އޭގެން އުފެދޭ ވިހަ މާއްދާތައް ދުނިޔޭގެ ސްޓްރެޓޯސްފެއާ އަށް ދާނެ. އޭގެ ސަބަބުން ދުނިޔޭގައި ދަނޑުވެރިކަން ކުރާ ހުރިހާ ދަނޑުތަކާއި ދުނިޔޭގެ ބިމުގެ ދިރުން އެއްކޮށް ނެތިވެގެން ގޮސްދާނެ. އެއާ އެކު އިންސާނުން އުޅެން ޖެހޭނީ ބަނޑުހައި ހޫނު ކަންމަތީގައި ކާނެ އެއްޗެއް ނުލިބި. ނަމަވެސް މި މައްސަލަ މިހެން އޮތް އިރު މިކަން ގަބޫލުފުޅު ނުކުރައްވައި، ޓްރަމްޕް ވިދާޅުވެފައިވަނީ ޖަޕާނާއި ދެކުނު ކޮރެއާގައި މިފަދަ ހަތިޔާރު އުފެއްދުން އިތުރު ކުރާނެ ކަމަށް.

ހިލަރީ ކްލިންޓަން ވަނީ މިކަންކަން ގަބޫލުކޮށް، މިކަންކަމުގެ ސަބަބުން އިންސާނީ ނަސްލު ނެތިގެން ގޮސްދާނެ ކަމަށް ގަބޫލުފުޅު ކުރައްވާފަ. ޚާއްސަކޮށް ކުޑަކުދިންނާއި އަންހެނުންނަށް އޭގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރުތަކާ މެދު އެކަމަނާ ވިސްނަވާ. އެކަމަނާއަށް ވިސްނި ވަޑައިގަންނަވާ މާދަމާގެ ޖީލުތަކަށް އަދާ ކޮށްދޭން ޖެހޭ ޑިއުޓީ. އިލެކްޝަންގެ ކެމްޕެއިން ދުވަސްވަރު މިކަންކަމާ ގުޅޭ ގޮތުން އެކަމަނާ ވާހަކައެއް ދައްކާފައި ނުވާތީ ގިނަ ބައެއްގެ ފާޑު ކިއުންތައް އެކަމަނާއާ އަމާޒު ވާނެ. އެކަމަކު ސުވާލަކީ މިކަންކަން އެކަމަނާއަށް ނޭނގެނީބާއޭ؟ ނޫނީ މިކަންކަމާ މެދު އެކަމަނާއަށް އެއްވެސް ކަމެއް ނޭނގެނީބާއޭ؟ ނޫނީ މިކަންކަމާމެދު ވާހަކަ ދެއްކުމުގެ ގާބިލުކަން އެކަމަނާގެ ނެތީ ބާއޭ؟ ނޫން. އެއްގޮތަކަށްވެސް އެހެނެއް ނޫން. އެކަމަނާގެ ގާބިލުކަން އެބަ ހުރި." އެ ނޫހުގައި ގްލޯބަލް ސެކިއުރިޓީ އިންސްޓިޓިއުޓްގެ ރައީސް، ޖޯނަތަން ގްރެނޯފް ވިދާޅުވެފައިވެއެވެ.

އެ ލިއުމުގައި އޭނާ ވަނީ ދުނިޔޭގެ ކުރިމަގަށް ވިސްނާފައި ނޫނީ ވޯޓު ނުދިނުމަށް އެމެރިކާ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ޓްރަމްޕަކީ އޭނާގެ އަމިއްލަ ސިޔާސަތުތައް އެހާމެ އަވަހަށް ހަނދާން ނެތޭ މީހެއް ކަމަށާއި އެފަދަ މީހަކު، ގައުމުގެ ކުރިމަގު ބިނާ ކުރުމަށް ގެންނަން ވޯޓު ނުދިނުމަށްވެސް ގޮވާލާފައެވެ.