ކަނޑުމަގުން ކުނަހަންދު އަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މާލެއިން ފުރައިގެން ލ. ކުނަހަންދޫއަށް ދިޔަ ސަޕްލައި ދޯންޏަކުން އެ ރަށަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދާފައި ވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަންގައި ސްޕަލައި ދޯނީގައި ކުނަހަންދު އަށް އައި 28 އަހަރުގެ ދެ ފިރިހެނުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެމީހުން ގެންގުޅުނު ފޮށިގަނޑެއް ބަލައި ފާސްކުރި އިރު އެ ފޮށިގަނޑުގެ ތެރެއިން ހިކި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ޖޭމްހުސްކުރި ފުޅިއަކަށް އަޅާފައި ހުރި ހަޝިޝް އޮއިލް ކަމަށް ބެލެވޭ ދެ ފުޅި ފެނިފައިވާ ކަމަށެވެ.

ކަނޑުމަގުން ކުނަހަންދޫއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ގޭމްހުސްކުރި ދެ ފުޅި --- ފޮޓޯ/ ޕޮލިސް

އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން ގާތްގަނޑަކަށް 225 ގްރާމަށް އަރާ ކަމަށާއި ނަމަވެސް އެއީ ކޮންބާވަތެއްގެ މަސްތުވާތަކެއްޗެއް ކަން ކަށަވަރުކުރެވޭނީ ތަހުލީލުތައް ނިމުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ލ. ގަން ފޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ އިރު، އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކުރި ދެ މީހުންނަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.