ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ ނަންފުޅު ވެރިކަން ކުރާ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާކަން ސަން އޮންލައިނުން ބެލި ބެލުމުން އެނގިއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ މައުލޫމާތު އެއްކޮށް ސަން އޮންލައިނުން ބެލި ބެލުމުން ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައި ވަނީ ހަމައެކަނި ދެ ބޭފުޅުންނެވެ. އެއީ ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު މުއުތަސިމް އެވެ.
އެކަމަކު އެ ބޭފުޅުން ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ ނަމަ އެއީ މައްސަލައެއް ކަމަށެވެ.
ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ ދުވަހަކު ވެސް ސިޔާސީ ހަރަކާތެއްގައި ވެސް ބައިވެރިވެވަޑައިގެންފައި ނޯންނާގެ ކަމަށެވެ.

"ސިޔާސީ އެއްވެސް ޕާޓީއެއްގައި އަޅުގަނޑު ބައިވެރި ނުވަން އިނގޭތޯ ދުވަހަކު ވެސް. ދެން ތީ އޮޅުމަކަށް ވެސް ވެދާނެ،" ފަނޑިޔާރު އަލީ ހަމީދު ވިދާޅުވި އެވެ.

ފަނޑިޔާރު މުއުތަސިމް ވިދާޅުވީ އެމްޑީޕީ އުފެދުނު ދުވަސްވަރު އެ ޕާޓީގައި ރަޖިސްޓްރީވެވަޑައިގަތް ކަމަށާއި ނަމަވެސް މީގެ އަހަރުތަކެއް ކުރިން އެ ޕާޓީން ވަކިވެވަޑައިގެންފައިވާނެ ކަމަށެވެ.

"ވަކިވާން ސިޓީ ވެސް ލާފައި ވަނީ ވަރަށް ކުރިން. ގާތްގަނޑަކަށް ތިން ހަތަރު އަހަރު ކުރިން. އަޅުގަނޑު ފުރަތަމަ ޕާޓީގެ މެންބަރަކަށް ހުރިން. މާނައަކީ ޕާޓީ ހެދިތަނާ. ފަހުން ވަކިވެފައި އިންނާނީ. ހަނދާންވާ ގޮތުން ވިއްޔާ 2006 ހިސާބު،" ފަނޑިޔާރު މުއުތަސިމް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ ޅ.ގެ އެއް ވަނަ ނަންބަރުގައި ބުނެފައި ވަނީ ފަނޑިޔާރުން ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ މީހަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ވެގެންނުވާނެ ކަމަށެވެ.