އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރާ ސްކޫލުގެ އިމާރާތް އަންނަ އަހަރުގެ ދިރާސީ އަހަރާއެކު ހުޅުވަން ނިންމާފައިވާ ކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުނެފި އެވެ.

އޯޓިޒަމް އެސޯސިއޭޝަނަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ހުޅުމާލޭގައި ގާއިމްކުރާ އެ އިމާރާތަކީ އެކަމަށްޓަކައި ސަރުކާރުގައި އެދުމުން 2014 ވަނަ އަހަރުގެ ތެރޭގައި އެ އެސޯސިއޭޝަނަށް ދިން ބިމެކެވެ.

ބޮޑުމިނުގައި 4000 އަކަފޫޓުގެ އެ ބިމުގައި އިމާރާތްކުރުމުގެ ހުއްދަ ކުރިން ދިނީ ހަތަރު ބުރީގެ އިމާރާތެކެވެ. ހަތަރު ބުރީގެ އިމާރާތް އެޅުމަށްޓަކައި މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ބިންގާ އެޅިއެވެ.

ނަމަވެސް ފަހުން އެޗްޑީސީން ދިން ހުއްދައާއެކު އިމާރާތް ހަ ބުރިއަށް ހަދަން ނިންމައި، އިމާރާތުގެ މަސައްކަތް ކުރަމުންދާ ސިންގަޕޫރުގެ ދަ ވިން ރަން އެޗްކޭ އިންޓަނޭޝަނަލް ޓްރޭޑިން ލިމިޓެޑާ ހަވާލުކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ހުޅުމާލޭގައި އަޅާ އޯޓިޒަމް އެސޯސިއޭޝަންގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ އެމްއޭއޭ

އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސައިން މިއަދު ވިދާޅުވީ، އެ އެސޯސިއޭޝަންގެ ސްކޫލް އިމާރާތް އާ އެކެޑަމިކް އަހަރާއެކު ފެށޭނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެތަނުގެ އިންޓީރިއާ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިފްހާމް ވިދާޅުވީ، އާ އިމާރާތް ހުޅުވިގެންދާއިރު އެތަން ވެގެންދާނީ 400 ކުދިންގެ ޖާގައިގެ އޯޓިޒަމް ކުދިންނަށް ބޭނުންވާ ހުރިހާ ތެރަޕީތައް ދެވޭ ޑިޕާޓްމަންޓުތަކާ ކުޅިވަރު ކުޅޭނެ ތަންތަނާއި މޫދުގެ ހަރަކާތް ހިންގުމަށް ސްވިމިން ޕޫލެއް ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން، އެތަނުގައި އޯޓިޒަމް ކުދިންނަށް ހާއްސަ ޑޭކެއާ ސެންޓަރެއްވެސް ގާއިމްވެފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

އޯޓިޒަމް ހުންނަ، އުމުރުން ދެ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ތެރަޕީތަކާއެކު އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމިއްލަ ޖަމިއްޔާއެއްގެ ގޮތުގައި 25 ޖަނަވަރީ 2010 ވަނަ އަހަރު އޯޓިޒަމް އެސޯސިއޭޝަންގެ ފަށައިގަތީ އެންމެ ހަތަރު ކުދިންނާއެކުގައެވެ.

އެ ޖަމިއްޔާގެ ހިދުމަތްތައް ފުޅާކޮށް އެތަނުގެ ހިދުމަތް މިހާރު 94 ދަރިވަރުން ހޯދަމުންދާއިރު، އެ އެސޯސިއޭޝަނުންދަނީ އޯޓިޒަމް ކުދިންނަށާއި އޯޓިޒަމްއާ މެދު މީހުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.