މުޅި ދުނިޔެ ވެސް މިއަދު އިންތިޒާރު ކުރަމުންދަނީ އެމެރިކާގައި ކުރިއަށްދާ އެ ގައުމުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށެވެ. ބައެއް ސްޓޭޓްތަކުގައި ވޯޓުލުމުގެ ކަންތައް ފޯރިއާއެކު ކުރިއަށްދާއިރު އެ އިންތިހާބުގައި އެންމެ ފުރަތަމަ ވޯޓުލީ ސިޔާސީ ފަރާތްތަކުގެ ތެރޭގައި ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަނާއި ފިރިކަލުން ބިލް ކްލިންޓަން ހިމެނިވަޑައިގަންނަވަ އެވެ.

އިންތިހާބުގައި ހިލަރީއާ އެންމެ ވާދަކުރައްވާ ރިޕަބްލިކްގެ ކެންޑިޑޭޓް ޑޮނާލްޑް ޓްރަމްޕުގެ އާއިލާވެސް މިހާރު ވަނީ ވޯޓު ލާފައެވެ. އޭނާއާ އަނބިކަނބަލުން މެލަނިއާ ވޯޓުލާ ހާއްސަކޮށްފައިވާ ބޫތު ކައިރިއަށް ދިއުމުން ކެމެރާތަކުގެ އަމާޒަކަށްވީ އެ ތާރީހީ ވަގުތުކޮޅަށެވެ.

ނަމަވެސް ސަމާލުކަން ގޮސް ހުއްޓުނީ އެހެން ކަމަކަށެވެ. މެލަނިއާގެ ވޯޓު ފޮށި ކައިރީގައި ހުރެ ޓްރަމްޕު ކޮށްލި ކަމަކުންނެވެ. އަމިއްލަ ފުޅަށް ވޯޓުލުމަށްފަހު ޓްރަމްޕަށް ވައްކަޅިއެއް އެއްލުނީ ކައިރީގައި ހުރި ވޯޓު ބޫތުގައި ވޯޓަލުމުންދިޔަ އަނބިކަނބަލުން މެލަނިއާ އަށެވެ. ކަރު ދިގު ކޮށްފައި ފާރަލެވުނީ އަނބިކަނބަލުން ވޯޓުލީ އޭނާއާކަން ކަށަވަރު ކޮށްލުމަށެވެ.

ކޮންމެ އަކަސް މިކަން ވެގެންދިޔައީ ސޯޝަލް މީޑިއާ ފޫހިފިލުވައިދިން ކަމަކަށެވެ. ބައެއް މީހުން ކެނޑިޑޭޓުންގެ ހޭލުންތެރިކަމާ މެދު ސުވާލު އުފައްދާ ހަޖޫ ޖެހިއިރު، ޓްރަމްޕުގެ ހިތައް އަރާފާނެ އެއްޗެހި ހިތައް އަރުވާ ޓްވީޓް ކުރަމުންދިޔައެވެ. އަދި ބައެއް މީހުން ޓްރަމްޕް އޭނާގެ އަނބިކަނބަލުންނަށް ކުރާ އިތުބާރާމެދު ސުވާލު އުފައްދާފައިވެ އެވެ.

ނަމަވެސް ސީއެންއެންއަށް ދިން އިންޓަވިއެއްގައި މެލަނިއާ ވިދާޅުވީ، އޭނާ ވޯޓުލީ ޓްރަމްޕަށްކަން ހުދު އޭނާއަށް ވެސް އެނގޭނެ ކަމަށާއި އެކަމާ އޭނާ ޝައްކު ނުއުފައްދާނެ ކަމަށެވެ.

އެމެރިކާގެ ވެސްޓް ކޯސްޓުގައި ވޯޓުލުން އިރު އޮއްސި 6 ޖަހާއިރު ނިމުމާ އެކު ނަތީޖާ ލިބެން ފަށާނެ ކަމަށް ބެލެވެނީ މިރޭ އެމެރިކާ ގަޑިން 9 ޖަހާއިރު (ރާއްޖޭ ގަޑިން މާދަމާ ހެނދުނު 10) ޖަހާއިރު އެވެ.