09 Nov 2016, 00:29
އެމެރިކާގައި ކުރިއަށް ދާ އެ ގައުމުގެ ރިޔާސީ އިންތިޚާބުގެ ވޯޓިން ސްޓޭޝަނެއް ބަންދު ކުރަން ޖެހޭ ގަޑިއަށްވުރެ ލަހުން ބަންދު ކުރުމާ ގުޅިގެން އެ އިންތިޚާބުގައި ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓު، ޑޮނަލް ޓްރަމްޕް ކޯޓަށް ވަޑައިގެންފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޓްރަމްޕް ކޯޓަށް ވަޑައިގެންފައި ވަނީ ނެވާޑާ ސްޓޭޓްގެ ކްލާކް ކައުންޓީގައި ހުރި ވޯޓިން ސްޓޭޝަނެއް ބަންދު ކުރަން ޖެހޭ ގަޑިއަށްވުރެ ދެ ގަޑި އިރު ލަހުން ބަންދުކޮށްފައި ވާތީ، އެ ސްޓޭޝަނުގެ ރަޖިސްޓާސް، ޖޯ ޕީ ގްލޯރިއާގެ މައްޗަށް ދައުވާކުރުމަށެވެ.
އެ މައްސަލާގައި ޓްރަމްޕް ކޯޓަށް ވަޑައިގަތް ނަމަވެސް އެ ކައުންޓީގެ ތަރުޖަމާން ޑޭން ކުލިން ވިދާޅުވެފައި ވަނީ އެ ކައުންޓީގެ އެއްވެސް ވޯޓިން ސްޓޭޝަނެއް، ބަންދު ކުރަން ޖެހޭ ގަޑިއަށްވުރެ ލަހުން ބަންދުކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް ވޯޓުލާ މީހުންގެ އަދަދު ގިނަވެ، ކިއު ލައިން ދިގު ބައެއް ވޯޓިން ސްޓޭޝަންތަކުގައި އެންމެނަށް ވޯޓު ލެވެންދެން އެ ސްޓޭޝަންތައް ބަންދު ނުކޮށް ބަހައްޓާފައިވާ ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޓްރަމްޕްގެ ކެމްޕެއިން ޓީމުން މިފަދަ މައްސަލައެއް ކޯޓަށް ވެއްދުމާ ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު އިންތިޚާބުގައި އޭނާ އާ ކުރިމަތިވާނެ އެވެ.
އެ ގައުމުގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް 37 ސްޓޭޓަކުން 42 މިލިއަނެއްހާ މީހުން ވަނީ މިހާރު ވޯޓުލާފަ އެވެ. އެ އިންތިޚާބުގައި ވާދަ ކުރައްވާ ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓު، ހިލަރީ ކްލިންޓަން ވެސް ވަނީ އެކަމަނާގެ ވޯޓުވެސް ދެއްވާފަ އެވެ. އަދި ވާދަވެރި ކެންޑިޑޭޓް، ޑޮނަލްޑް ޓްރަމްޕްވެސްވަނީ އޭނާގެ ވޯޓު ދެއްވާފަ އެވެ.
އިންތިޚާބުގެ މިހާރުގެ ނަތީޖާއަށް ބަލާއިރު ކުރީގައި އުޅެނީ ޑިމޮކްރަޓިކް ޕާޓީ ގެ ކެންޑިޑޭޓު ހިލަރީ ކްލިންޓަން އެވެ. އެގޮތުން އެކަމަނާ އުޅުއްވަނީ ޓްރަމްޕްއަށް ވުރެ ހަތަރު ޕޮއިންޓު ކުރީގައި އެވެ.